ޢިބްރަތްތެރި ވާހަކަ: ރަމަޟާންމަހު އިންސީންގެތެރޭގަ ތިބި ޝައިޠޯނުން ކަސްތޮޅު ނާޅުއްވަވާތީ ރޮއި ކަރުނައަޅަމުންދާ މައެއްގެ ވޭނީ އިޙްޞާޞްތައް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 1ސ
ޢިބްރަތްތެރި ވާހަކަ: ރަމަޟާންމަހު އިންސީންގެތެރޭގަ ތިބި ޝައިޠޯނުން ކަސްތޮޅު ނާޅުއްވަވާތީ ރޮއި ކަރުނައަޅަމުންދާ މައެއްގެ ވޭނީ އިޙްޞާޞްތައް!

"މިއަދުނޫހުގެ ލިޔުންތަކުން "އިންސީންގެ ތެރޭގައި ހިމެނޭ ޝައިޠޯނުން"ގެ ވާހަކަ ފެނެއެވެ. އަޅުގަނޑުގެ ސުވާލަކީ އެއީ ކޮންތާކު ކޮން ގޮތަކަށް އުޅޭ ބައެއްތޯއެވެ؟ އެމީހުން ވަކިކުރަން އެނގޭނެތޯއެވެ؟" 

ކިޔުންތެރިޔާގެ ސުވާލުގެ ފުރަތަމަ ޖަވާބަކީ އައްނާސް ސޫރަތުގެ 6 ވަނަ އާޔަތެވެ.:

"ޖިންނީންގެ ތެރެއިންނާއި، މީސްތަކުންގެ ތެރެއިންވާ ޝައިޠާނުންނެވެ."

ހެނދުނާއި ހަވީރުގެ ޛިކުރުތަކުގެ ތެރޭގައި މިސޫރަތް ހިމެނެއެވެ. އެކަމުން އަންގައިދެނީ މީސްތަކުންގެ ތެރޭގައިވާ ޝައިޠޯނުންގެ ނުބައިކަން ބޮޑުކަމާއި އެއެއްޗެތީގެ ކިބައިން ސަލާމަތްވާން މަސައްކަތްކުރަންޖެހޭ މިންވަރެވެ. 

ދެން ސުވާލުގެ ދެވަނަ ބައިގައި އެވާ "އެމީހުން ވަކިކުރަން އެނގޭނެތޯއެވެ؟" ސުވާލަށް އޮތް ޖަވާބަކީ ވަރަށް ރީތިކޮށް ވަރަށް ރަނގަޅަށް ވަކިކުރަން އެނގޭނެއެވެ. ތިރީގައިވާ ވާހަކަ ވިދާޅުވާށެވެ. އެއިރުން ވަރަށް ފަސޭހައިން ވަރަށް ބޮޑަށް އެނގިވަޑައިގަންނަވާނެއެވެ. އިން ޝާ ﷲ  

އަޅުގަނޑުގެ ބަނޑުންވިހައި ބައްޕައެއްގެ މާބޮޑު އެހީތެރިކަމެއް ނުލިބި ބަލައިބޮޑުކުރި 3 ފިރިހެން ދަރިން ތިބޭނެއެވެ. 3 ކުދިންނަކީވެސް އަޚްލާޤް ރަނގަޅު 3 ކުދިންނެވެ. ނަމަވެސް ހަގު ދަރިފުޅު އެކުގައި އުޅޭ އެކުވެރިންގެ ސަބަބުން ދީނުގެ ކަންތައްތަކާއި ތަންކޮޅެއް ދުރެވެ. 

މިހެންއުޅެނިކޮށް 2020 ވަނަ އަހަރުގެ ރަމަޟާން މަހު ތިބެންޖެހުނީ ލޮކްޑައުން ޙާލަތުގައެވެ. ގޭގައެވެ. މިއަދުނޫހުގައި ތިއަ ލިޔާ އިންސީންގެތެރޭގައި ހިމެނޭ އިބިލީހުގެ ޓީމާ ދަރިފުޅަށް ބައްދަލެއް ނުކުރެވެއެވެ. ނަތީޖާއަކީ ދަރިފުޅަށް ހުރިހާ ނަމާދުތަކެއް ކުރެވުމެވެ. 3 ޚަތިމްކުރެވުމެވެ. 

މިއަހަރުގެ ރަމަޟާން މަސް އައިއިރު މިވަނީ މިނިވަންވެފައެވެ. އިންސީންގެ ތެރޭގައި ތިބި ޝައިޠޯނުންތައް ދަރިފުޅުގެ އަތުގައި ހިފައި ދަމާގެންދަނީއެވެ. މައިމީހާ ކުރިމަތީގައި ހުރެ ކަރުނައަޅާއިރުވެސް ކުރާ އެއްވެސް އަސަރެއް ނެތެވެ. ރަމަޟާން މަސް ނިމެން ހަފްތާއަކަށްވީއެވެ. ދެ ދިހަ ފާއިތުވިއިރު 2 ތަރާވީޙް ނަމާދުކުރިކަމެއް ނުއެނގެއެވެ. އަދި ޖަމާޢަތުގައި ޖުމުލަ 5 ނަމާދުވެސް ކުރިކަމެއް ނުއެނގެއެވެ.

އެކަނިމާއެކަނި ދަރިން ތަރުބިއްޔަތުކުރި މަންމައެއްގެ ލޮލުން އޮހޮރޭނެ ކަރުނައަށް ވިސްނައިލާށެވެ. ހުރިހާ ދަރިންވެސް ތަރުބިއްޔަތުކުރީ ހަމަ މިމަންމައެވެ. އެއްގޮތަކަށެވެ. ދޮށީ ދެ ފިރިހެންދަރިން ރޯދަވީއްލަނީވެސް މިސްކިތުންނެވެ. އެންމެ ނަމާދެއްވެސް ނާޅައެވެ. ތަރާވީޙްވެސް ކުރެއެވެ. ޤުރްއާންވެސް ކިޔަވައެވެ.

ހުރިހާ ވެސް މައްސަލައަކީ އިންސީންގެ ތެރޭގައި ތިބި ޝައިޠޯނުން އެދރިފުޅުގެ ސިކުނޑިކާލާފައިވުމެވެ. އަދި އެޝައިޠޯނުންނަކީ ޝައިޠޯނުންކަން ދަރިފުޅަށް ޤަބޫލުނުކުރެވޭކަމެވެ. 

ހަމަގައިމުވެސް އެދަރިފުޅަކީވެސް އަޚްލާޤް ރަނގަޅު ދަރިއެކެވެ. ހަމައެކަނި މައްސަލަ މިއުޅެނީ މާތް ﷲ އަޅުކަންކުރުމުގައެވެ. އޭނާގެ އެކުވެރިންނަކީ ނަމާދުކުރާބައެއް ނޫނެވެ. ސިޔާސީ ގޮތުން ނަމަވެސް އެހެން ގޮތަކުން ނަމަވެސް ހެދުނުހާ މަކަރެއް ހަދައިގެން ބައެއްގެ ވިސްނުން ކާލައިގެން ދުނިޔަވީ ފައިދާ ނެގުން ނޫން އެއްވެސް ކަމެއް ކުރާ ބައެއް ނޫނެވެ. ޙަރާމް ޙަލާލަށް ބަލާބައެއް ނޫނެވެ! 

މިއަދުނޫހުގެ ކިޔުންތެރިންގެތެރެއިން މައިން ގާތު، ޚާއްޞަކޮށް އެކަނިވެރި މައިން ގާތު ފުރަތަމަ ބުނެލަން އޮތީ މިކުށް ކުރެވުނީ އަހަރެންނަށެވެ. އެއީ އެ ޝައިޠޯނުންތަކާއިއެކު އުޅެން ފެށުމުން އެކަން ނުހުއްޓުވުނު ކަމެވެ. ގޭދޮށުކުދިންވީމާ މިފަދަ ދެރައެއް ލިބިދާނެކަމަށް ވިސްނައިވެސް ނުގަނެވުނު ކަމެވެ.

ދެވަނަ ކަމަކީ ދަރިފުޅު އެއުޅެނީ ދީނާދުރު ކުދިންނާއިއެކުގައިކަމަށް މީހުން ބުނި ބަސް ޤަބޫލުނުކުރެވުނުކަމެވެ. އެކަމަށް ފިޔަވަޅު ނުއެޅުނު ކަމެވެ. މި ދެކަންތަކަކީ އަހަރެންނަށް ވަރަށް ބޮޑަށް އިހްމާލް ވެވުނު ދެކަންތަކެވެ. މިއީ މިނިކަމެތި އަޅާ އާއި ޤިޔާމަތް ދުވަހު ސުވާލުކުރެވޭނެ ކަމަކަށްވެދާނެތީ ހާދަހައިވާ ބޮޑަކަށް ބިރުގަނެއެވެ. 

މިވާހަކަކޮޅު މިއަދުނޫހުގެ ކިޔުންތެރިންނަށް މިގެނެސްދިނީ ތިއަ މައިންބަފައިންގެ ސަމާލުކަމަށްވެސް މިކަންތައް ގެނައުމަށެވެ. ދަރިންއެކުގައި އުޅެނީ ޝައިޠޯނުންކަން ނުބަލައިފިނަމަ މި މައިމީހާ ފަދައިން އަބަދު ކަރުނައަޅަންޖެހިދާނެ ބައަކަށްވެދާނެ ކަމަށްޓަކައެވެ.

ދުޢާއަކީ ރާއްޖެއަކީ މިފަދަ ޝައިޠޯނުންގެ ވަކިތަކުން ސަލާމަތްވެފައިވާ ތަނެއް ކަމުގައި ލެއްވެވުމެވެ. އާމީން 

- ފާއިޒާ/ މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން