ރޯދަ ގެއްލިދާނެތީ ބިރުގަންނައިރު ރޯދައަށްހުރެ ކުރެވުނު ފާފަ ގިނަވެ ނަރަކައަށް ވަންނަންޖެހިދާނެތީ ބިރު ނުގަންނަނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ރޯދަ ގެއްލިދާނެތީ ބިރުގަންނައިރު ރޯދައަށްހުރެ ކުރެވުނު ފާފަ ގިނަވެ ނަރަކައަށް ވަންނަންޖެހިދާނެތީ ބިރު ނުގަންނަނީ ކީއްވެ؟

ރަނގަޅަށް ބަލައިފިނަމަ ގިނަ ބައަކު ރޯދައަށްތިބެ އެންމެ ގިނައިން ކުރާ ކަމަކީ މުސްލިމް އަޚުންގެ މުޅަމަސްކެއުން ކަމުގައި މިވަނީ ހަދައިފައެވެ. ކިޔާ ޛިކުރުތަކަށްވުރެ ގިނައިން ބުނެވެނީ ޣީބަ ބުނުމުގެ ބަސްތަކެވެ! އެކަންކަމަކަށް އެއްވެސް ބިރެއް ނުގަނެވެ. ނަމަވެސް އަމިއްލައަށް ކައްކާތަކެތީގެ ރަހަބަލައިލަން އެބަ ބިރުގަނެއެވެ.

ނިކަން ބުނެބަލާށެވެ! މިއީ ދެކޮޅުޖެހޭ އުޞޫލެއް، ނުވަ ހަމައެއް ހެއްޔެވެ؟

ޚަޠީބް ވިދާޅުވެފައިވެއެވެ.

"އަޅުގަނޑުމެންގެ ތެރެއިން ގިނަ ބައަކު ރޯދަ ގެއްލިދާނެ ކަންކަން ކުރަން ވަރަށް ޖެހިލުންވެއެވެ. އެގޮތުން ކާއެއްޗެއްގެ ރަހަ ބަލައިލުން ފަދަ ކަމެއް ކުރަންވެސް ތިބެނީ ބިރުންނެވެ. ރޯދަ ގެއްލިދާނެ އެއްވެސް ކަމެއް ކުރަން ބިރުގަތުމަކީ ވަރަށް ރަނގަޅު ސިފައެވެ.

މައްސަލަ އުފެދެނީ ރޯދަ ގެއްލިދާނެތީ ރަހަބަލައިލަން ބިރުގަތް މީހާ، ރޭގަނޑުވުމުން ޒިނޭކުރުމާއި އެނޫން ވެސް ފާހިޝް އަމަލުތައް ކުރަން ބިރު ނުގަންނާތީއެވެ. ބޮޑެތި ފާފަތަކަށް އަރައި ގަންނަން އެއްވެސް ބިރެއް ނުގަންނާތީއެވެ. މީހުންގެ ޙައްޤުތަކަށް އަރައިގަނެ ހަރާމް ގޮތުގައި ފައިސާއާއި ތަކެއްޗާއި ތަންތަން ހޯދައިގެން ބޭނުންކުރަން ބިރުނުގަންނާތީއެވެ. މީހުންނަށް ލިބެން ޖެހޭ ޙައްޤުތައް އަދާނުކޮށް އަމިއްލަ އެދުން ކުރިއށް ނެރެން ބިރުނުގަންނާތީއެވެ. ތިމާގެ އަޚާގެ މުދައު ނުޙައްޤުން ކާން ބިރު ނުގަންނާތީއެވެ!"

މީސްތަކުންނޭވެ! ރަހަބަލަންވެސް ބިރުގަންނަންވާނެއެވެ! އެކަންކުރަންވާނީ އަނގައަށްލި އެންމެ ތިއްކެއްވެސް ކަރުން އެތެރެއަށް ނުދާނެގޮތަށް ވަރަށް ބޮޑަށް ސަމާޅުކަންދީގެންނެވެ. ހަމައެއާއިއެކު ރޯދައަށް ހުރެ ކުރެވޭ ބޮޑެތި އަދި ކުދި ފާފަތަކަށްވެސް ބިރުވެތިވާށެވެ!

 

މިއަދު އޮންލައިން