ތަކުރާރުކޮށްވެސް މިކަން ހަނދާންކޮށްލައި މިދެނީ ފަހު ދިހަ ފެށުން ގާތްވެފައި އޮތުމުންނެވެ. ރަމަމާން މަހުގެ ފުރިހަމަ ޘަވާބުން މީހާ މަޙްރޫމްވެދާނެ ކަމުގެ ބިރަށެވެ.
ދަމުނަމާދުނުކުރާ ބައެއް މީހުން ތަރާވީޙްގެ 8 ރަކްޢަތް ކޮށްފައި ވިތުރިނުކޮށް އެބަފައިބައެވެ. ވިތުރި ކުރަން ނަގާނީ ގިނަވެގެން 3، 4 މިނިޓެއްހައި އިރެވެ. ވީމާ މިއީ ވަރަށް ބޮޑަށް ވިސްނައިލަންޖެހޭ ކަމެކެވެ.
އިމާމް މީހާ އާއިއެކު ތަރާވީޙް ނަމާދު ފުރިހަމަކުރުމަކީ އިމާމް މީހާ އާއިއެކު ވިތުރިވެސްކުރުމެވެ. ވިތުރި ނުކޮށް އިމާމާއި ވަކިވާންވާނީ ތަހައްޖުދު ނަމާދުކުރަން ޤަޞްދުކުރާ މީހުންނެވެ. ނުވަތަ ޢާންމުކޮށް ތަހައްޖުދު ނަމާދުކުރާ މީހުންނެވެ.
ރަސޫލް (ﷺ) ރޭއަޅުކަން ނިންމަވައިލައްވަވަނީ ވިތުރިންނެވެ. 2 ރަކްޢަތުން 2 ރަކްޢަތުން ކުރައްވަމުން ގެންދަވައި އެންމެ ފަހުން ކުރައްވަވަނީ ވިތުރިގެ 1 ރަކްޢަތެވެ. ވީމާ އިމާމް މީހާ އާއިއެކު ތަރާވީޙް ނަމާދުގެ 8 ރަކްޢަތް ކުރިނަމަވެސް އޭނާ (ފަހުން ނަމަވެސް) ވިތުރި ނުކުރާނަމަ ރޭއަޅުކަން ފުރިހަމަކުރިކަމަކަށް ނުވާނެއެވެ!
ވީމާ ފަހުން ތަހައްޖުދު ނަމާދުކޮށް ވިތުރި ނުކުރާނެ މީހުން އިމާމާއިއެކު ކުޑަވަގުތުކޮޅަކު އިތުރަށް މަޑުކޮށްލާށެވެ! ވިތުރުކޮށް ނިންމާށެވެ! އިމާމް މީހާ އާއިއެކު އެންމެ ފަހު ސަލާމް ދީފައި ނޫނީ ޖަމާޢަތުން ވަކިނުވާށެވެ!
--މަޢްލޫމާތު: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް