ހަމައެކަކަށްވެސް ދީލައި ނުލުމުން މީސްތަކުންގެ ލޯބިވެސް ﷲ ތަޢާލާ ދެއްވަވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
ހަމައެކަކަށްވެސް ދީލައި ނުލުމުން މީސްތަކުންގެ ލޯބިވެސް ﷲ ތަޢާލާ ދެއްވަވާނެ!

މިއަދު ގިނަ ބައަކު އެންމެ ބޮޑަށް ކަންބޮޑުވެގެން އުޅެނީ އެމީހުންނާއިމެދު މީސްތަކުން ބުނެފާނެ ބަހަކަށެވެ. އެއީވެސް ސަމާލުކަން ދޭންޖެހޭނެ ކަމެކެވެ. އެހެނަސް އެންމެ މުހިންމީ މީސްތަކުންނެއް ނޫނެވެ. ﷲ ތަޢާލާއެވެ. އެހެންވީމާ އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނީވެސް އެންމެ ބޮޑަށް މަސައްކަތްކުރަންޖެހޭނީވެސް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުމަށެވެ.

އެހެން މީހުން ދައްކައިފާނެ ވާހަކައަކަށް ނުވަތަ ތިބާ އާއިމެދު ވިސްނައިފާނެ ގޮތަކާއިމެދު ތިބާ ޖެހިލުންވަނީ ހެއްޔެވެ؟ ތިބާއަށް ރިޒްޤްދީ ތިބާގެ ޚަރަދުތައް ބަލަހައްޓައިދެނީ އެމީހުންހެއްޔެވެ؟ ތިބާ ދައްކަންޖެހޭ ބިލްތައް ދައްކައިދެނީ އެމީޙުން ހެއްޔެވެ؟

އެމީހުން ތިބާ ޢާއިމެދު ދެކޭނެ ގޮތަކަށް ދެކެން ދޫކޮށްލާށެވެ! އެކަމާއިމެދު ތިބާއަށް ކުރެވޭނެ ހަމައެއްވެސް ކަމެއް ނުއޮންނާނެއެވެ. މީސްތަކުން ރުއްސުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ރުހިގެން އުޅޭނީ ދުވަސްކޮޅަކުއެވެ. ދެން ފެންނާނީ ބަދަލުވެފައި ހުއްޓައެވެ.

ވީމާ އެހެން މީހަކު ފާޑުކިޔައިފާނެނެކަމަށް ބަލައި އެމީހުން ރުހޭހައި ގޮތަކަށް ދީލައިނުލާށެވެ! ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ ގޮތުގައި ސާބިތުވާށެވެ. އެހެން މީހުން ދެކޭ ގޮތް ބަދަލުކުރެއްވެވުމާއި މީސްތަކުންގެ ލޯބި ލިބުންވެސް ވަނީ ﷲ ތަޢާލާ މިންވަރުކުރެއްވެވުމުންނެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމުން މީސްތަކުންގެ ލޯބިވެސް ލިބިގެންދާނެއެވެ. އިން ޝާ ﷲ

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން