ދެން މިއޮތް ރޭތަކުގައިވެސް ތަރާވީޙް ނަމާދު ނުކޮށް ދޫކޮށްނުލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ދެން މިއޮތް ރޭތަކުގައިވެސް ތަރާވީޙް ނަމާދު ނުކޮށް ދޫކޮށްނުލާށެވެ!

މިއަހަރުގެ ރަމަޟާން މަސް ގާތްގަނޑަކަށް މިނިމެނީއެވެ. މިރެއަކީ 26 ވިލޭރެއެވެ. ގިނަ ބައަކު ތަރާވީޙް ނަމާދުކުރިއެވެ. ހަމައެއާއިއެކުގައިވެސް ބުނަން ޖެހެނީ ގިނަ ބައަކު ތަރާވީޙް ނަމާދު ނުކޮށް ދޫކޮށްލިކަމެވެ. އެހެންކަމުން ތަރާވީޙް ނަމާދު ނުކޮށް ތިބި މީހުންނަށް ބުނެލަމެވެ.  

ތަރާވީޙް ނަމާދަކީ ސުންނަތް ނަމާދެއް ކަމުގައި މުސްލިމް ހުރިހާ ޢިލްމުވެރިން އިޖްމާޢުވެލައްވައެވެ. އަދި ތަރާވީޙް ނަމާދު ކުރުމަށް ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވެއެވެ.  

ޙަދީޘް ކުރެއްވިއެވެ. (مَنْ قَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ)

މާނައަކީ: "ދަރުމަ އާއި ޘަވާބަށް އެދިގެން ރަމަޟާންމަހު ރޭއަޅުކަން ކޮށްފި މީހެއްގެ އިސްވެދިޔަ ހުރިހާ ފާފަ ތަކެއް މާތް ﷲ ފުއްސަވައިދެއްވާނެއެވެ". 

ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ މިސްކިތްކޮޅުގައި އެކަލޭގެފާނު ޖަމާޢަތް ހައްދަވައިގެން މިނަމާދު ދުވަސްކޮޅެއްވަންދެން ކުރެއްވިއެވެ. ފަހުން ދޫކޮށްލެއްވީ މީސްތަކުންގެ މައްޗަށް މިނަމާދު ފަރްޟުވެެދާނެކަމަށް ބިރުފުޅުހީވެގެންނެވެ.  

ދެން އެކަލޭގެފާނު ސުވަރުގެ ވަޑައިގަތުމަށްފަހު އެބިރު (ތަރާވީޙް ނަމާދު ފަރްޟުވެދާނެކަމުގެ ބިރު) ފިލައި ދިޔުމުން ޢުމަރުގެފާނު މީސްތަކުން އެއްކުރައްވާ ޖަމާޢަތުގައި ތަރާވީޙް ނަމާދު ކުރެއްވިއެވެ. ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ސުވަރުގެ ވަޑައިގަތުމުން ބިރުފިލިޔޭ ބުނެވުނު ބަހުގެ މާނައަކީ އެކަލޭގެފާނު ސުވަރުގެ ވަޑައިގަތުމަށްފަހު ގައި އެއްވެސް ކަމެއް އިތުރަށް ފަރްޟު ނުކުރެއްވޭނެތީވެއެވެ. 

ތަރާވީޙް ނަމާދުގެ ވަގުތަކީ ޢިޝާ ނަމާދު ނިމިގެން ފަޖްރުލުމާއި ހަމައަށެވެ. އަދި އެއީ ރަކްޢަތުގެ ޢަދަދު ކަނޑައެޅިގެންވާ ނަމާދެއް ނޫނެވެ. ދެރަކްޢަތުން ދެރަކްޢަތުން ސަލާމް ދެމުންގޮސް ކިތަންމެ ބައިވަރެއްވެސް ކުރަންވީ އެވެ. އަދި ދެރަކްޢަތް ކޮށްފައި ނިންމާލުމަކުންވެސް މައްސަލަ އެއް ނެތެވެ. ރޭގަނޑުގެ ނަމާދު ނިންމަންވާނީ ވިތުރިންނެވެ. އެހެންކަމުން ވިތްރީގެ އެއް ރަކްޢަތް ނިންމާލުމުގެ ކުރިން ކުރަންވާނެއެވެ.

واللهأعلم 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން