ޢާއިޝަތުގެފާނުގެ ސީރަތު: މާތް ރަސޫލާ ސުވަރުގެވަޑައިގެންނެވުމުގެ އާލާސްކަންފުޅު ފެށުމުން ޢާއިޝަތުގެފާނުގެ ކޮޓަރިކޮޅަށް ބަދަލުވެވަޑައިގެންނެވުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 55ސ
ޢާއިޝަތުގެފާނުގެ ސީރަތު: މާތް ރަސޫލާ ސުވަރުގެވަޑައިގެންނެވުމުގެ އާލާސްކަންފުޅު ފެށުމުން ޢާއިޝަތުގެފާނުގެ ކޮޓަރިކޮޅަށް ބަދަލުވެވަޑައިގެންނެވުން

ޢަލީ އިޙްޞާން ފިރާޤް

މާތް ރަސޫލާ صلّى اللّـه عليه وسلّم ސުވަރުގެވަޑައިގަތުން

 

އެންމެފަހު ނޭވާފުޅުލެއްވެވީ، އެ މާތް އުނގުފުޅު ތެރޭގައޭ

      އެންގެވިގޮތަށް ފަސްދާނުލެއްވުނީ، އެ މާތް ކޮޓަރިކޮޅުގައޭ

 

ހިޖުރައިން 11 ވަނަ އަހަރުގެ ޞަފަރުމަހުގެ 29 ވީ ހޯމަވިލޭރޭ މާތް ރަސޫލާ صلّى اللّـه عليه وسلّم، ޖަނާޒާއެއްގެ ކަންތައްތަކަށް ޖަންނަތުލް ބަޤީޢުއަށް ވަޑައިގެންނެވިއެވެ. މިކަންތަކުން އަވަދިވެވަޑައިގެން އެނބުރިވަޑައިގެން މަގުމަތީގައި އެކަލޭގެފާނުގެ އިސްތަށިފުޅުގައި ރިއްސަން ފަށައިފިއެވެ. އެއާއެކު ވަރަށް ވަރުގަދަ ހުންފުޅެއް ޖެހިވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ އާލާސްކަންކަންފުޅުގެ އަސަރުތައް އެކަލޭގެފާނުގެ އިސްތަށިފުޅުގައި އައްސަވައިލައްވައިފައިވާ ފޮތިކޮޅުން ޞަޙާބީންނަށް އެނގިވަޑައިގެންނެވިއެވެ. 

އެފަދަ އާލާސްކަންފުޅާ އުޅުއްވަމުންވެސް މާތް ރަސޫލާ صلّى اللّـه عليه وسلّم އެކަލޭގެފާނުގެ އަޞްޙާބުންނާގެން އިމާމުވެވަޑައިގެން ނަމާދުފުޅު ކުރައްވައި އުޅުއްވެވިއެވެ. އެގޮތުގައި 11 ދުވަސްވަންދެން އިމާމުވެވަޑައިގެން ނަމާދުފުޅު ކުރެއްވިކަމަށްވެއެވެ. އެކަލޭގެފާނު ސުވަރުގެވަޑައިގެންނެވުމުގެ އާލާސްކަންފުޅާ އުޅުއްވީ 13 ނުވަތަ 14 ދުވަސްވަންދެނެވެ. 

މާތް ރަސޫލާ صلّى اللّـه عليه وسلّم ސުވަރުގެވަޑައިގެންނެވުމުގެ އާލާސްކަންފުޅު ބޮޑުވުމުން އެކަލޭގެފާނުގެ އަނބިއަނބިކަނބަލުން އެއްކުރައްވައި ޙަދީޘު ކުރެއްވިއެވެ. [ތިމަންކަލޭގެފާނު މާދަން އޮންނަވާނީ ކޮންގެއެއްގައިތޯއެވެ؟] މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ މި ސުވާލުން އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނަށް އެކަލޭގެފާނު ބޭނުންފުޅުވަނީ ޢާއިޝަތުގެފާނުގެ ގެކޮޅުގައި އޮންނެވުމަށްކަމަށް އެނގިވަޑައިގެންނެވިއެވެ. ދެން އެކަލޭގެފާނުގެ އެންމެހައި އަނބިއަނބިކަނބަލުން އެކަމަށް ހުއްދަ ދެއްވިއެވެ. 

މާތް ރަސޫލާ صلّى اللّـه عليه وسلّم، ޢާއިޝަތުގެފާނުގެ ގެކޮޅަށް ވަޑައިގެންނެވީ އަލްފަޟުލު ބިން ޢައްބާސް ރަޟިޔަﷲ ޢަންހާއި، ޢަލީ ބިން އަބީޠާލިބު ރަޟިޔަﷲ ޢަންހުގެ އެހީފުޅުގައެވެ. އިސްތަށިފުޅުގައި ރިއްސާވަޑައިގަންނަވާތީ އެކަލޭގެފާނުގެ އިސްތަށިފުޅުގައި ފޮތިގަނޑެއް އައްސަވައިލައްވައިފައިވެއެވެ. އެދެބޭކަލުންގެ އެހީގައި ފައިންޕުޅުދަންމަވަމުން މާތް ރަސޫލާ صلّى اللّـه عليه وسلّم ޢާއިޝަތުގެފާނުގެ ގެކޮޅަށް ވަޑައިގެންނެވިއެވެ. 

މި ދުވަސްތަކުގެ ތެރޭގައި، އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ، މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހުން ދަސްފުޅު ކުރެއްވި މުޢައްވިޒަތު ކިޔަވައި ވިދާޅުވެ ދެއްވައި އެކަލޭގެފާނަށް ފަރުވާ ކުރައްވައެވެ. އެއީ ސޫރަތުލް ފަލަޤު އާއި ސޫރަތުލް ނާސްއެވެ. އެކަމަނާ މި ދުޢާތަށް ވިދާޅުވެ އެކަމަނާގެ އަތްޕުޅަށް ފުމެލައްވައި އެކަލޭގެފާނުގެ ގައިކޮޅުގައި އުނގުޅުއްވައެވެ. މިއީ އެކަމަނާ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހުން ދަސްފުޅު ކުރައްވައިފައިވާ ފަރުވާކެވެ.{މުސްލިމު 2192} 

މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އާލާސްކަންފުޅު ބޮޑުވެފައިވުމާއެކުވެސް އެކަލޭގެފާނު މީސްތަކުންނާގެ އިމާމުވެވަޑައިގެން ނަމާދުފުޅު ކުރައްވައި ހައްދަވައެވެ. އެކަލޭގެފާނު ސުވަރުގެވަޑައިގެންނެވުމުގެ ހަތަރު ދުވަސްކުރީން އައި ބުރާސްފަތި ދުވަހުގެ މަޢްރިބު ނަމާދާ ހަމައަށް އެކަލޭގެފާނު ޖަމާޢަތުގައި ނަމާދުފުޅު ކުރެއްވިއެވެ. އެ ނަމާދުގައި އެކަލޭގެފާނު ވިދާޅުވީ وَالْمُرْسَلَاتِ عُرْفًا ސޫރަތެވެ. 

އެރޭ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ޙާލުކޮޅު ވަކީން ބޮޑުވިއެވެ. ޙާލުކޮޅު ބޮޑުކަމުން މިސްކިތަށް ވަޑައިގަންނަވާކަށެއްވެސް ކެރިވަޑައެއް ނުގެންނެވިއެވެ. އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވެފައިވެއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. [މީސްތަކުން ނަމާދުކޮށްފި ހެއްޔެވެ؟] ތިމަންކަމަނާ ދެންނެވީމެވެ. [ނޫނެކެވެ. އެބައިމީހުން ކަލޭގެފާނުގެ އިންތިޒާރުގައި އެބަ ތިއްބެވިއެވެ. ޙަދީޘު ކުރެއްވިއެވެ. [ތިމަންކަލޭގެފާނަށްޓަކައި ބިލިގާއަށް ފެންއަޅުއްވައިދޭށެވެ. ޢާއިޝަތުގެފާނު ވިދާޅުވިއެވެ. އެކަލޭގެފާނު ވިދާޅުވި ފަދައިން ތިމަންމެން ކަންތައް ކުރީމެވެ. ދެން އެކަލޭގެފާނު ގައިކޮޅު ދޮންނަވައިގެން ތެދުވެވަޑައިގަންނަވާއިރަށް ހޭފުޅު ނެތިއްޖެއެވެ. 

އެއަށްފަހު އެކަލޭގެފާނު ހޭފުޅު އެރުމުން ޙަދީޘު ކުރެއްވިއެވެ. [މީސްތަކުން ނަމާދުކޮށްފި ހެއްޔެވެ؟] ދެން އަލުން ހަށިކޮޅު ދޮންނަވައިގެން މިސްކިތަށް ވަޑައިގަންނަވަން ތެދުވެވަޑައިގެންނަވާ އިރަށް ހޭފުޅު ނެތިއްޖެއެވެ. މިފަދައިން ތިންފަހަރު ވުމުން މީސްތަކުންނާގެ އިމާމުވެވަޑައިގެން ނަމާދުފުޅު ކުރެއްވުމަށް އަބޫބަކުރުގެފާނަށް އެންގެވުމަށް އަމުރު ކުރައްވައިފިއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ޙަޔާތްޕުޅުގައި އަބޫބަކުރުގެފާނު އިމާމުވެވަޑައިގެން ނަމާދުފުޅު ކުރެއްވީ 17 ފަހަރުއެވެ.

އުއްމުލް މުއުމިނީން ޢާއިޝަތުގެފާނު ތިންފަހަރު ނުވަތަ ހަތަރު ފަހަރު މީސްތަކުންނާގެން އިމާމުވެވަޑައިގެން ނަމާދުކުރެއްވުން އެހެން ބޭކަލަކާ ޙަވާލުކުރެއްވުމަށް މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހުގައި އެދިވަޑައިގެންނެވިއެވެ. އެއީ އަބޫބަކުރުގެފާނަކީ ހިތްޕުޅުމަޑު، ޤުރްއާން ކިޔަވާ ވިދާޅުވާއިރު ކީރިތި ކުރައްވާ ބޭކަލަކަށްވާތީއެވެ. އެކަމުގެ ސަބަބުން މީސްތަކުންނަށް އުނދަގުލެއް ފޯރަފާނެތީއެވެ. ނަމަވެސް މާތް ރަސޫލާ صلّى اللّـه عليه وسلّم އެގޮތް ޤަބޫލުފުޅެއް ނުކުރެއްވިއެވެ.

މާތް ރަސޫލާ صلّى اللّـه عليه وسلّم، ސުވަރުގެވަޑައިގެންނެވުމުގެ އެއްދުވަސްކުރީން އައި އާދިއްތަ ދުވަހު އެކަލޭގެފާނު އެކަލޭގެފާނުގެ ހުރިހާ އަޅުންނެއް މިނިވަން ކުރެއްވިއެވެ. އަދި އެކަލޭގެފާނުގެ އަތްޕުޅުގައި އޮތް ހަތްދީނާރު ޞަދަޤާތް ކުރެއްވިއެވެ. އެކަލޭގެފާނުގެ އަތްޕުޅުގައި ހުރި ހަނގުރާމައިގެ ހަތިޔާރު މުސްލިމުންނަށް ހިބަކޮށްދެއްވިއެވެ. އެރޭ އަނދިރި ވުމުން އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކޮޓަރިކޮޅުގައި ބައްތި ދިއްލަން ތެޔޮ އަވައްޓެރިއެއްގެ ގެއިން ހޯއްދަވަން ޖެހިވަޑައިގަތެވެ. އޭރު މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ދަހަނާކޮޅު އޮތީ ޔަހޫދީއެއްގެ އަތުގައި ރަހުނު ކުރެވިފައެވެ. އެއީ އެކަލޭގެފާނުގެ އަހުލުވެރިން މޭހޫނު ފިލުވުމަށްޓަކައި  ނެންގެވި ތިން ސާއުގެ ގޮދަނުގެ މައްޗަށެވެ.

މިއަދު އޮންލައިން