ކިތަންމެ ބޮޑު މުޞީބާތެއް ކުރިމަތިވިނަމަވެސް ސަލާމަތްކަމަށް އެދި ކުރަން އަހުރެންނަށް ފެންނަ އެންމެ މުހިންމު ދުޢާ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 7މ 32ސ
ކިތަންމެ ބޮޑު މުޞީބާތެއް ކުރިމަތިވިނަމަވެސް ސަލާމަތްކަމަށް އެދި ކުރަން އަހުރެންނަށް ފެންނަ އެންމެ މުހިންމު ދުޢާ-

މިއަދު ކޮންމެ މީހަކީވެސް ކޮންމެވެސް މުޞީބާތެއްގައިވާ މީހެކެވެ. ކަމުގެ ބޮޑުކުޑަމިން  ތަފާތުވެދާނެއެވެ. ނަމަވެސް މުޞީބާތެއް ކުރިމަތިވެފައިނުވާ މީހަކު ނެތޭ ބުނެވޭވަރަށް މުޞީބާތްތައް މިވަނީ ޢާންމުވެފައެވެ.

އެގޮތުން އެކިއެކި ކަންކަމާއި ގުޅިގެން ކުރަންވީ ދުޢާތައް ސުންނަތުންނާއި ކީރިތި ޤުރްއާނުން އެނގެން އެބައޮތެވެ. މިރޭ މިދައްކަނީ ވަރަށް ބޮޑު މުޞީބާތެއް ކުރިމަތިވުމުން ކުރާނެ ދުޢާގެވާހަކައެވެ. 

އެންމެ ބޮޑު މުޞީބާތުގެ ވަގުތުގައި ކުރަން ގިނަ ޢިލްމްވެރިން ބުރަވެލައްވަނީ ދެ ދުޢާއެކެވެ. އެއީ އިބްރާހީމްގެފާނު އެބޮޑު އަލިފާންގަނޑަށް އެއްލައިލެވުނު ހިނދުކުރެއްވި ދުޢާ އާއި އެބިޔަ މަހުގެ ބަނޑުގައި އޮންނަވައިގެން ޔޫނުސްގެފާނުކުރެއްވެވި ދުޢާއެވެ. އެހެނީ މިދެޙާލަތަށްވުރެ ބޮޑު މުޞީބާތެއް އެއްވެސް އިންސާނަކަށް ކުރިމަތިވެދާނެކަމަށް ޤަބޫލުނުކުރެވޭތީއެވެ! 

މިރޭ މިބަލައިލަނީ ޔޫނުސްގެފާނު ކުރެއްވެވި ދުޢާއަށެވެ! 

لَا إِلَٰهَ إِلَّا أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنَ الظَّالِمِينَ 

"އިނބަރަސްކަލާނގެ މެނުވީ އިލާހަކު ނެތެވެ! އިނބަރަސްކަލާނގެ ހުސްޠޯހިރުވަންތަކަމާއެވެ! ހަމަކަށަވަރުން އަނިޔާވެރިންގެ ތެރެއިން މިއަޅާވީމުއެވެ!" (އަލްއަންބިޔާ: 87) 

މިއީ ޔޫނުސްގެފާނު އެ ބިޔަމަހުގެ ބަނޑުގައި އިންނަވައި ކުރެއްވެވި ދުޢާއެވެ. ފުން މާކަނޑުގެ އެންމެ އަޑިން 7 ވަނަ އުޑަށް އުފުލިގެންދިއަ ދުޢާއެވެ. 7 ވަނަ އުޑަށް އުފުލުމުން ޢިޖާބަކުރެއްވެވި ދުޢާއެވެ. 

އަދި ކީއްހެއްޔެވެ؟ އަހުރެންނަށް ޤަބޫލުކުރެވޭ ގޮތުން އެންމެ ދުރު ދަތުރެއް ކޮށްފައިވަނީ ވެސް މިދުޢާއެވެ. އެހެނީ މިދުޢާ ފިޔަވައި އެހެން ހުރިހާ ދުޢާތައް ކުރެވިފައިވަނީ ދުނިޔޭގެ ބިމުން 7 ވަނަ އުޑަށެވެ. މިދުޢާ ދަތުރުކޮށްފައި މިވަނީ ދުނިޔޭގެ ބިމަށްވުރެ މާފުނުންނެވެ. ފުންމިން ދެނެވޮޑިގެންވަނީވެސް ހަމައެކަނި ﷲ ތަޢާލާއެވެ. 

ނިކަން ވިސްނައިލަބަލާށެވެ! ކަނޑުއަޑީގެ އަނދިރިކަމެވެ. އެ ބިޔަ މަހުގެ ބަނޑުގައި އިންނަވާއިރު އެ ބަނޑުގެ އަނދިރިކަމެވެ. ސީދާ ކަޅުކުލަ ނޫން އެހެން އެއްވެސް ކުލައެއް ފެންނާނެ ހެއްޔެވެ؟ ނޫނީ ކިތަންމެ ވަރަކަށް ލޯފުޅު ހުޅުއްވެވި ނަމަވެސް ފެންނާނީވެސް ކޮން އެއްޗެއް ހެއްޔެވެ؟ އަދި ކީއްހެއްޔެވެ؟ އެ ޙާލުކޮޅުގައި އިންނަވައިގެން ކުރެއްވެވި ދުޢާ ﷲ ތަޢާލާގެ ޙަޟްރަތަށް އުފުލިގެން ދިއުމުން ޔަޤީންކަން އެލިބެނީ މިކައުނުގެ ކޮންމެ ތަނެއްގައި ކިތަންމެ ބޮޑަށް ބަންދުވެގެން އިނދެ ނަމަވެސް ﷲ ތަޢާލާއަށް ކުރާ ދުޢާ، 7 އުޑުމަތިން އެކަލާނގެ އަޑުއައްސަވައިވޮޑިގެންވާ ކަމެވެ. 

މީސްތަކުންނޭވެ! ޤުރްއާނުގައިވާ މިފަދަ ދުޢާތައް ބަދަލެއް ނުކުރެވޭނެއެވެ. ހާމަކުރެވޭނީ ޤުރްއާނުގައި އޮތް ގޮތަށެވެ. ކޮންމެ އެއްޗެއްގެވެސް އަގުއަރާނީ އެއްޗެއްގެ އަޞްލާއި އެއްގޮތަށް ބޭއްވުމުންނެވެ. ގަޑުބަޑުކުރުމުން ގިނަފަހަރު އޮންނާނީ އަގުވެއްޓިފައެވެ. ވީމާ ހުރިހާ ޢިލަމުވެރިންވެސް މިދުޢާ ބަޔާންކުރައްވާނީ މިގޮތަށެވެ! މިދުޢާ މިގޮތަށް ކުރާށެވެ! އިތުރުކުރަން ބޭނުންވާ ބައި އެމީހަކު އަމިއްލައަށް އިތުރަށް ދަންނަވާށެވެ! 

މިދުޢާ ކުރުމުން ސަލާމަތްކުރައްވަވައި ނުދެއްވަވާނެ އެއްވެސް މުޞީބާތެއް އޮންނާނެ ކަމަކަށް އަހުރެން ޤަބޫލެއް ނުކުރަމެވެ. އިޚްލާޞްތެރިކަމާއިއެކު ތަޖުރިބާކޮށްލާށެވެ!

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

لَا إِلَهَ إِلَّا أَنْتَ سُبْحَانَكَ إِنِّيْ كُنْتُ مِنَ الظَّالِمِيْنَ

މާނައަކީ "ޙައްގުވެގެން އަޅުކަންވެވޭފަރާތެއް ﷲ މެނުވީނުވެއެވެ. އިބަ ﷲ ގެ ހުސްޠާހިރުވަންތަކަމާއެވެ. ހަމަކަށަވަރުން މިއަޅާވަނީއަނިޔާވެރީންގެ ތެރެއިންނެވެ"، މިފަދައިން ދުޢާ ކުރާ ހިނދުގައި،ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. 

" دَعْوَةُ ذِيْ النُّوْنِ إِذْ دَعَا بِهَا وَهُوَ فِيْ بَطْنِ الْحُوْتِ : لَا إِلَهَ إِلَّا أَنْتَ سُبْحَانَكَ إِنِّيْ كُنْتُ مِنَ الظَّالِمِيْنَ، لَمْ يَدَعْ بِهَا رَجُلٌ مُّسْلِمٌ فِيْ شَيْءٍ قَطُّ إِلَّا اسْتَجَابَ اللهُ لَهُ

"މާނައަކީ: "ޛިއްނޫން (ޔޫނުސް ޢަލައިހިއްސަލާމް) މަހުގެބަނޑުތެރޭގައި އޮންނަވައިގެން " لَا إِلَهَ إِلَّا أَنْتَ سُبْحَانَكَ إِنِّيْ كُنْتُ مِنَ الظَّالِمِيْنَ" އޭ ވިދާޅުވެ  ދުޢާކުރެއްވިއެވެ. މުސްލިމަކު އެއްވެސް ކަމަކަށް އެދި މިފަދައިން ދުޢާކޮަށްފިނަމަ މާތް ﷲއެމީހެއްގެ ދުޢާ އިޖާބަ ކޮށްދެއްވާނެއެވެ".

މިޙާދިޘާއަށް އިޝާރާތް ކުރައްވާ ކީރިތި ގުރްއާނުގެ އަލްއަންބިޔާ ސޫރަތުގެ 87 އަދި88 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.

( وَذَا النُّوْنِ إِذْ ذَّهَبَ مُغَاضِباً فَظَنَّ أَنْ لَّنْ نَّقْدِرَ عَلَيْهِ فَنَادَى فِيْ الظُّلُمَاتِ أَنْ لَّا إِلَهَ إِلَّا أَنْتَ سُبْحَانَكَ إِنِّيْ كُنْتُ مِنَ الظَّالِمِيْنَ فَاسْتَجَبْنَا لَهُ وَنَجَّيْنَاهُ مِنَ الْغَمِّ وَكَذَلِكَ نُنْجِيْ الْمُؤْمِنِيْنَ) 

މާނައަކީ: "އަދި ޛައްނޫނި (ޔޫނުސްޢަލައިހިއްސަލާމް) އެކަލޭގެފާނުގެ ގައުމުގެ މީހުންދެކެ ކޯފާވެގެންވަޑައިގަތްހިނދު އަދި އެކަލޭގެފާނުގެ މައްޗަށް ތިމަން ﷲ ގެކުޅަދުންވަންތަވެގެން ނުވާ ކަމަށް ހީކުރެއްވިހިނދު ތިމަން ﷲ އިރާދަކުރެއްވިގޮތަށް ބޮޑުމަހެއްގެ ތެރޭގައި ބަންދުވިއެވެ. ދެންފަހެ، އަނދިރިތަކުގެތެރެއިން އެކަލޭގެފާނު ނިދާކުރައްވައި ވިދާޅުވިއެވެ. އިބަ އިލާހު ފިޔަވައިޙައްގުވެގެން އަޅުކަންވެވޭ އިލާހަކު ނުވެއެވެ. އިބަ އިލާހުގެހުސްޠާހިރުވަންތަކަމާއެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނުވީއަނިޔާވެރިންގެ ތެރެއިންނެވެ. ދެންފަހެ ތިމަން ﷲ އެކަލޭގެފާނަށްއިޖާބަދެއްވައި ހިތާމަ އާއި ދެރައިން އެކަލޭގެފާނު ނަޖާކުރެއްވީމެވެ. އަދިއީމާންވި މީހުން ތިމަން ﷲ މިންޖު ކުރައްވަނި އެފަދައިންނެވެ".

މިއާޔަތުގެޝަރަޙާގައި އަލްއިމާމް އަލްގުރްޠުބީ-ރަޙިމަހުﷲ- ވިދާޅުވިއެވެ. " ދުޢާއިޖާބަވުމުގެ ޝަރްޠެއްގެ ގޮތުގައި ޔޫނުސް ޢަލައިހިއްސަލާމް ދުޢާކުރެއްވިފަދައިން ދުޢާކުރުން މިވަނީ ލައްވާފައެވެ. އެފަދައިންދުޢާކޮށްފިނަމަ ދުޢާ އިޖާބަކުރައްވާ، ދިމާވެގެން އުޅޭ ދަތި އުނދަގޫކަންތަކުން ސަލާމަތް ކުރައްވާނެކަން މިވަނީ އަންގަވާފައެވެ". 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް


 

މިއަދު އޮންލައިން