ސުވަރުގެ ލިބިވަޑައިގަންނަވާނެކަމުގެ އުފާވެރި ޚަބަރު ލިބިވަޑައިގެންނެވި ދިހަ ބޭކަލުންނާ އެބޭކަލުންގެ ކުރު ތަޢާރަފެއް-

ކިޔުމަށް ހޭދަވާނީ 5މ 42ސ
ސުވަރުގެ ލިބިވަޑައިގަންނަވާނެކަމުގެ އުފާވެރި ޚަބަރު ލިބިވަޑައިގެންނެވި ދިހަ ބޭކަލުންނާ އެބޭކަލުންގެ ކުރު ތަޢާރަފެއް-

ފާޠިމަތު ނަޢީޝާ

 

އަޅަމެންގެ މާތް ނަބިއްޔާ محمد صلى الله عليه وسلم ވަނީ 10 ބޭކަލަކަށް ސުވަރުގޭގެ މަތިވެރި ނިޢުމަތްލިބިވަޑައިގަންނަވާނެކަމުގެ އުފާވެރި ޚަބަރު ދެއްވާފައެވެ. 

އެބޭކަލުންނަކީ:

· އަބޫ ބަކުރު رضي الله عنه

ކީރިތި ރަސޫލާ محمد صلى الله عليه وسلم ގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި އަބޫބަކުރުގެފާނު ހިމެނިވަޑައިގަންނަވައެވެ. އެއީ އިސްލާމީ އުއްމަތުގެ ފުރަތަމަ ޚަލީފާއެވެ. އެންމެ ފުރަތަމަ އިސްލާމްދީން ޤަބޫލުކުރެއްވި ބޭކަލުންގެ ތެރޭގައިވެސް އަބޫބަކުރުގެފާނު ހިމެނިވަޑައިގަންނަވައެވެ. އަބޫބަކުރުގެފާނަށްވަނީ "އައްސިއްދީޤު" ގެ ލަޤަބު ލިބިވަޑައިގެންފައިއެވެ.  

· ޢުމަރު އިބުނު އަލް-ޚައްޠާބު رضي الله عنه

ޢުމަރުގެފާނު އިސްލާމްދީން ޤަބޫލުކުރެއްވީ އުމުރުފުޅުން 39 އަހަރުގައިއެވެ.

މާތްﷲ ޞުބުޙާނަހޫ ވަތަޢާލާއަށް ހިތްވަރާއި ކެތްތެރިކަމާއިއެކު އަޅުކަންކުރުމުގެ ފުރިހަމަ ނަމޫނާއެއް ޢުމަރު رضي الله عنه ވަނީ އަހަރެމެންނަށް ދައްކަވާފައިއެވެ. އޭރު ފާޅުގައި އަޅުކަންކުރާ މުސްލިމުންނަށް ކާފިރުން އެތަކެއް އަނިޔާ އަކާއި އުނދަގުލެއްކުރަމުންދިޔައެވެ. އެހެންކަމުން މުސްލިމުން އޭރު އާއްމުކޮށް އަޅުކަންކުރަމުން ދިޔައީ ސިއްރުންނެވެ. އެހެންނަމަވެސް ޢުމަރުގެފާނު ކަޢުބާގެ ބިމަށް ވަޑައިގެން އަޅުކަންކުރައްވަންފެށްޓެމުން މުސްލިމުންނަށް އެތަކެއް ހިތްހަމަޖެހުމަކާއި ލުއިފަސޭހަކަމެއްލިބިގެންދިޔައެވެ. ޢުމަރުގެފާނަކީ ހަށިގަނޑުން ބިޔަ، ވަރުގަދަ ބޭކަލަކަށްވުމުން ކާފިރުން އުނދަގޫކުރަން ފަސްޖެހުނެވެ. ޢުމަރު رضي الله عنه އަށް ވަނީ "އަލް ފާރޫޤް" ގެ ލަޤަބު ލިބިވަޑައިގެންފައެވެ.  

· އުޘްމާނު ބިން އައްފާނު رضي الله عنه

އުޘްމާނުގެފާނަށްވަނީ "ޛުއް-ނޫރައިން" ގެ ލަޤަބު ލިބިވަޑައިގެންފައިއެވެ. އޭގެ މާނައަކީ ދެ ނޫރުގެ ވެރިޔާއެވެ. އުޘްމާނުގެފާނުވަނީ ކީރިތި ރަސޫލާ محمد صلى الله عليه وسلم ގެ 2 ދަރިކަނބަލުންކަމުގައިވާ ރުޤިއްޔާ އަދި އުއްމު ކުލްޘުމް އާއި ކައިވެނި ބައްލަވައިގަންފައިއެވެ. މިއީ އިސްލާމީ އުއްމަތުގެ 3 ވަނަ ޚަލީފާއެވެ.  

· ޢަލީ ބިން އަބޫ ޠާލިބު رضي الله عنه

ޢަލީ رضي الله عنه އަށް ކިޔުނު ނަންތަކުގެ ތެރޭގައި އަބުލް ހަސަން، އަބޫ ތުރާބު، އަދި އަސަދުﷲ ހިމެނެއެވެ. އިސްލާމްދީން އެންމެ ފުރަތަމަ ޤަބޫލުކުރެއްވި އެންމެ ހަގު ބޭކަލަކީ ޢަލީގެފާނެވެ. އަދި އެއީ އިސްލާމީ އުއްމަތުގެ 4 ވަނަ ޚަލީފާވެސްމެއެވެ.   

· ޠަލްޙާ އިބުނު އުބައިދުﷲ رضي الله عنه

ޠަލްޙާ رضي الله عنه އުފަންވެވަޑައިގަތީ މައްކާއަށެވެ. މިއީ އަހަރެމެންގެ މާތް ނަބިއްޔާގެ ވަރަށް އަރިސް އެކުވެރިއެކެވެ. އުހުދު ހަނގުރާމާގައި އާއި ޖަމަލު ހަނގުރާމާގައި ޠަލްޙާ رضي الله عنه ވަނީ ބައިވެރިވެވަޑައިގެންފައިއެވެ. އަދި ޠަލްޙާ رضي الله عنه ޝަހީދުކޮށްލީ ޖަމަލު ހަނގުރާމާގައިއެވެ. 

· ޒުބައިރު އިބުނު އަލް-އައްވާމް رضي الله عنه

އެންމެ ފުރަތަމަ އިސްލާމްދީން ޤަބޫލުކުރެއްވި ބޭފުޅުންގެ ތެރޭގައި ޒުބައިރު رضي الله عنه ހިމެނިވަޑައިގަންނަވައެވެ. މިއީ ދީލަތިކަމާއި، ހިތްހެޔޮކަމާއި ތެދުވެރިކަމުގެ މާތް ސިފަތައް ލިބިވަޑައިގެންފައިވާ ބޭކަލެކެވެ. ބަދުރު ހަނގުރާމާގައި ޒުބައިރު رضي الله عنه ވަނީ ހިތްވަރުގަދަކަމުގެ ނަމޫނާ ވަރަށް ފުރިހަމައަށް ދައްކަވާފައެވެ. އަދި ބައިވެރިވެޑައިގެންނެވި ކޮންމެ ހަނގުރާމައެއްގައިވެސްވަނީ އިދިކޮޅު ލަޝްކަރުގެ ދިފާއީ ފާރު ހަލާކުކޮށްލާފައިއެވެ. 

·  އަބްދުއްރަޙްމާނު ބިން އައުފް رضي الله عنه

އަބްދުއްރަޙްމާނު رضي الله عنه އަށް ވަނީ "އަބްދުލް އަމްރު" ނުވަތަ "އަބްދުލް ކަޢުބާ" ގެ ލަޤަބު ލިބިވަޑައިގެންފައިއެވެ. އެންމެ ފުރަތަމަ އިސްލާމްދީން ޤަބޫލުކުރެއްވި 6 ބޭފުޅުންގެ ތެރޭގައި އަބްދުއްރަޙްމާން رضي الله عنه ހިމެނިވަޑައިގަންނަވައެވެ. ހަނގުރާމައިގެ މައިދާނުގައި އަދި ދިމާވި ބޮޑެތި އުނދަގޫތަކުން މުސްލިމުންނަށް ނަޞްރު ހޯދައިދިނުމަށް އަބްދުއްރަޙްމާން رضي الله عنه ވަނީ ވަރަށް މުހިއްމު ދައުރެއް އަދާކުރައްވާފައިއެވެ. މިއީ މިދުނިޔޭގެ އުފާތަކަށް އެއްވެސް އިސްކަމެއްނުދީ ﷲ ޞުބްޙާނަހޫ ވަޠަޢާލާގެ މަގުގައި ސާބިތުވެ ދެމިހުރުމުގެ ފުރިހަމަ މިސާލެކެވެ. މުއްސަދިކަން ލިބިފައިއޮތެއްކަމަކު އަބްދުއްރަޙްމާން رضي الله عنه ގެ ގިނަ މުދާތައް ހޭދަކުރެއްވީ މަދީނާގެ ރައްޔިތުންނަށްޓަކައިއެވެ.

· ސަޢުދު އިބުނު އަބީ ވައްޤާޞް رضي الله عنه

ސަޢުދު رضي الله عنه އަކީ ވެސް އިސްލާމްދީން އެންމެ ފުރަތަމަ ޤަބޫލުކުރެއްވި ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ. ބިލާލް رضي الله عنه ނުއުޅުއްވާ ވަގުތަކު، 3 ފަހަރެއްގެމަތިން ސަޢުދު رضي الله عنه އަށް ވަނީ ބަންގި ގޮވުމުގެ މަތިވެރި ޝަރަފު ލިބިވަޑައިގެންފައިއެވެ. ބަދުރު ހަނގުރާމައާއި އުހުދު ހަނގުރާމާގައި ސައުދު رضي الله عنه ވަނީ ތަފާތު ހިތްވަރެއްދައްކަވާފައިއެވެ.

· ސައީދު އިބުނު ޒައިދު رضي الله عنه

ސައީދު رضي الله عنه އިސްލާމްދީން ޤަބޫލުކުރެއްވީ އުމުރުފުޅުން 20 އަހަރުގައިއެވެ. މިއީ ހަނގުރާމަތަކުގައި ހިތްވަރުގަދަކަން ދެއްކެވި ވަރުގަދަ ފަހުލަވާނެކެވެ. ސައީދު رضي الله عنه އަކީ "މުސްތަޖާބުއް ދަޢުވާ" ގެ ބޭކަލެކެވެ. އޭގެ މާނައަކީ ނަމާދުކޮށް ކުރާ ދުޢާ މާތްﷲ ހަމަޔަޤީނުންވެސް އިޖާބަކުރައްވާނެކަމެވެ.  

· އަބޫ އުބައިދާ އިބުނު އަލް ޖައްރާހު رضي الله عنه

އަބޫ އުބައިދާ އިބުނު އަލް ޖައްރާހު رضي الله عنه އަށް ވަނީ "އަމީނުލް އުއްމު" ގެ ލަޤަބު ލިބިވަޑައިގެންފައިއެވެ.

މިބޭކަލުންނަށް ސުވަރުގެ ލިބިވަޑައިގަންނަވާނެކަމުގެ މަތިވެރި ޚަބަރު ލިބިވަޑައިގެންނެވީ މާތް ﷲ ޞުބުޙާނަހޫ ވަޠަޢާލާ ރުހިވޮޑިގެންވާގޮތަށް އެބޭކަލުންގެ އުމުރުފުޅު ހޭދަކުރެއްވެވީމައެވެ.

އަހަރެމެން ޢިބުރަތް ހާޞިލްކުރަންވީ މިފަދަ ބޭފުޅުންގެ ޙަޔާތްޕުޅުންނެވެ. މާތްﷲ އަށް ކުށްތަންވެ، ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއި އެކު އަޅުކަންކޮށްފި މީހަކަށް އެކަލާނގެ ދެރަގޮތެއް މެދުވެރިނުކުރައްވާނެކަން ކަށަވަރެވެ. އާޚިރަތް ކާމިޔާބުކުރެވޭނީ މިދުނިޔެއަކީ ވަގުތީ ފާލަމެއްކަން ހަނދުމަކޮށްގެންނެވެ. އެކަލާނގެއީ ގިނަގިނައިން ފާފަ ފުއްސަވާ، ރަޙްމާންވަންތަ، ރަޙީމްވަންތަ ރަސްކަލާނގެއެވެ.

https://iqraonline.com/10-companions-who-were-promised-paradise/

 

މިއަދު އޮންލައިން