އެކަން ޙާޞީލްވުމުން، މިވެނިކަމެއްކޯށް ނިންމައިލެވުމުން ގިނަ ވަޤުތު ހޯދައިގެން ބޮޑެތި ހެޔޮ ޢަމަލުތައް ކުރަން މަޑުނުކުރާށެވެ! ކިތަންމެ ކުޑަ ހެޔޮ ޢަމަލެއް ނަމަވެސް ޤަވާއިދުން ކުރަމުން ގެންދާށެވެ! އެކަމަށް ﷲ ތަޢާލާ ލޯބިވެވޮޑިގެންވެއެވެ. ފަހުން ބޮޑެތި ހެޔޮ އަމަލުތައް ކުރަން މަޑުކޮށްގެން ހުއްޓައި އެކަން ނުކުރެވި އުޅެނިކޮށް މަރުވެއްޖެ ނަމަ ދުނިޔެދޫކުރަން އެޖެހެނީ ހުސްއަތާއެވެ.
ކިތަންމެ ކުޑަ ޢަމަލެއްކަމުގައިވީނަމަވެސް ހެޔޮ ޢަމަލުތައް ކުރަން ފެށުމަކީ ބޮޑެތި ޢަމަލުތައް ކުރަން ޝައުޤުވެރިވެވޭ ކަމެކެވެ. މިޘާލަކަށް މީހަކު ފަރުޟު ނަމާދުތަކަށް ރައްކައުތެރިވާން ފަށައިފިނަމަ ސުންނަތް ނަމާދުތައް ކުރަން ޝައުޤުވެރިކަން އުފެދެއެވެ.
ބަންގީގެކުރިއަށް މިސްކިތަށްދާން ފަށައިފިނަމަ މަސްޖިދު ސުންނަތް ކުރެވޭހައިއިރު ކުރިން ގޮސް މަސްޖިދު ސުންނަތް ކުރަން ޝައުޤުވެރިވާންފަށާނެއެވެ. އަދި ސުންނަތް ނަމާދުތައް ޤަވާއިދުން ކުރަން ފެށުމަކީ އެކަމަށް ދެވިހިފާ ކަމެކެވެ. އިން ޝާ ﷲ އަދި އެންމެ ފައިދާކުރާނެ ދެވިހިފުމަކީވެސް އެއީއެވެ!
އެހެނީ ސުވަރުގޭގައި ރަސޫލް ﷺ އާއި އެންމެ އަރިއަހުގައިވުމަށް އޮތް ޢަމަލަކީ ސަޖިދަކުރުން ގިނަކުރުންކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. ސަޖިދަކުރުން ގިނަކުރެވޭނީ ސުންނަތް ނަމާދުކުރުން ގިނަކުރިވަރަކުންނެވެ. އެހެންކަމަށްވާއިރު ސަޖިދަކުރުން ގިނަކުރުމަށްވުރެ ފައިދާހުރި ކަމަކީ ކޮބައިހެއްޔެވެ؟
މިއަހަރުގެ ރަމަޟާންމަހުން ދެން ބާކީ މިއޮތީ މަދު ދުވަސްކޮޅެކެވެ. މިދުވަސްކޮޅު ހިތްވަރުކޮށްލާށެވެ! ރަމަޟާން މަސް ނިމުމުން ކަންނެތްނުވާށެވެ! އިތުރަށް ހީވާގިވާން މަސައްކަތކުރާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން