ފަހުދިހައިގެ ރޭތަކުގަވެސް ކޮންމެ މީހަކު ކުރާ ކޮންމެ ދުޢާއެއްގައިވެސް ދިވެހިންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކޮށްދެއްވެވުން ހިމަނުއްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 59ސ
ފަހުދިހައިގެ ރޭތަކުގަވެސް ކޮންމެ މީހަކު ކުރާ ކޮންމެ ދުޢާއެއްގައިވެސް ދިވެހިންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކޮށްދެއްވެވުން ހިމަނުއްވާ!

މުސްލިމެއްގެ ގޮތުގައި ޘާބިތުވެ ހުރުމަކީ އަތަށް އަނގުރު އަލިފާންގަނޑެއް ލައިގެން އުޅެންޖެހުން ފަދަ ކަމަކަށްވާނެ ޒަމާން އަންނާނެކަމަށް ޙަދީޘްފުޅުގައިއެބައޮތެވެ. އެކަމުގެ ވާހަކަތައް ޢިލްމުވެރިން ގެންދަވަނީ ބަޔާންކުރައްވަމުންނެވެ. އެޒަމާން މިއަދު މިއޮތީ އަޅުގަނޑުމެންނާއިވެސް ބައްދަލުކޮށްފައެވެ.

މިއީ އަޅުކަމާއި ދުޢާކުރުމުގެ މޫސުމެވެ. މިރެއަކީ 27 ވިލޭރެއެވެ! ގިނަ ބައަކު ﷲ ތަޢާލާއަށް ދުޢާކުރާނެއެވެ. މިރޭ ވެސް މާދަންވެސް އަދި އަދި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ކޮންމެ މީހަކު ކުރާ ކޮންމެ ދުޢާއެއްގައިވެސް ދިވެހިންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކޮށްދެއްވެވުން ހިމަނުއްވާށެވެ! 

ދުޢާއަކީ މުސްލިމުންގެ އެންމެ ބާރުގަދަ ހަތިޔާރެވެ! ދުޢާ މެނުވީ ޤަދްރް ބަދަލުކުރައްވަވައި ދެއްވަވާ ކަމެއް ނުވެއެވެ. ވީމާ ނާއުންމީދުވުމެއް ނެތެވެ. ކުރަން އޮތް އެންމެ މުހިންމުކަމަކީ ފަރުޟު ނަމާދުތަކަށް ރައްކައުތެރިވުމެވެ. ނަމާދުކުރަން އަންގަވާފައިވާ ގޮތަށް ނަމާދުކުރަމުން ގެންދިއުމެވެ. އެންމެ ނަމާދެއްވެސް ނުއަޅައި ހުރިހާ ނަމާދުތަކެއް ކުރުމެވެ. 

ދުނިޔޭގެ ކަންކަމަށް އަންނަމުންމިދާ ބޮޑެތި ބަދަލިތަކާއިއެކު ރާއްޖޭގެ ޙާލަތު މިއަދު މިވަނީ އިންތިހާއަށް ކަންބޮޑުވާންޖެހޭފަދަ ޙާލަތެއްގައެވެ. ކަންކަން މިވަނީ އަތްނުފޯރާފަށަށް ގޮސްފައެވެ. އަޅުގަނޑުމެންގެ ލޯތަކަށް ފެންނާނެ ކަމަށް ދުވހަކުވެސް އުންމީދުވެސް ނުކުރާ އެތައް ކަމެއް މިއަދު މިވަނީ ޢާންމުވެފައެވެ. ވީމާ ކޮންމެ ނަމާދެއްގައިވެސް އަދި ނަމާދުފަހުންވެސް ދެއަތް އުފުލައި ދެދުނިޔޭގެ ސަލާމަތްކަމަށާއި ނަރަކައިން ރައްކައުތެރިކަމަށް އެދި ދުޢާކުރާށެވެ! 

މިއަދު އަޅުގަނޑުމެންނަށް އިސްލާމް ދީނުގައި ތިބެވޭތީ ދާއިމަށް އެގޮތުގައި ތިބެވޭނެކަމަށް އުންމީދުކުރެވޭކަށް ނެތެވެ. މިއަދުގެ ކުޑަކުދިންނާއިމެދު ވިސްނަން އެބަޖެހެއެވެ. 

ތިމާގެ އަޚުންނަށްޓަކައި ހެޔޮދުޢާކުރާށެވެ! އެއީވެސް މަތިވެރި އަޅުކަމެކެވެ. ދެރަ ގޮތަކަށް ކަންކަން މެދުވެރިވެއްޖެ ނަމަ އެކަމުގެ ގެއްލުން އެންމެންނަށް ފޯރާނެއެވެ. ހަމަ ޔަޤީނުންވެސް އިންށާނަކަށް ލިބޭނެ އެންމެ ބޮޑު ދެރައަކީ މުސްލިމެއްގެ ގޮތުގައި ނޫން ގޮތަކަށް މަރުވުމެވެ. ވީމާ ކާފިރުންގެ ނުފޫޒުތަކުން ސަލާމަތްކަމަށް އެދިގެން މަސައްކަތްކުރުމަކީ އެންމެންގެ މަސްއޫލިއްޔަތެއްކަމަށް ދެކެގެން ދުޢާކުރަމުން ގެންދަން މިވަނީ ޖެހިފައެވެ. 

ދުޢާއަކީ ދިވެހި އުންމަތަކީ އިސްލާމީ އުންމަތެއްގެ ގޮތުގައި ލެހެއްޓެވުމެވެ. މުސްލިމެއްގެ ގޮތުގައި ނޫނީ ފުރާނަދިއުމަށް މިންވަރު ނުކުރެއްވެވުމެވެ. އަންނަން އޮތް ޖީލުތައްވެސްމެއެވެ. އާމީން 

- މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން