ﷲ ތަޢާލާ ހިނދުކޮޅަކަށް ނަމަވެސް އަވަހާރަފުޅުލައްޕަވައިފިނަމަ ދުނިޔެއަށްވާނެގޮތުގެ މިޘާލު މަލާއިކަތުން މޫސާގެފާނަށް ދެއްކެވި ގޮތުގެ ވާހަކަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ﷲ ތަޢާލާ ހިނދުކޮޅަކަށް ނަމަވެސް އަވަހާރަފުޅުލައްޕަވައިފިނަމަ ދުނިޔެއަށްވާނެގޮތުގެ މިޘާލު މަލާއިކަތުން މޫސާގެފާނަށް ދެއްކެވި ގޮތުގެ ވާހަކަ!

އަހަރެމެންގެ ތެރެއިން ބައެއް މީހުންނަށް ގިނަފަހަރު ވިސްނެނީ ﷲ ތަޢާލާ މިވެނިކަމެއް ކުރައްވަވާތޯއެވެ! މިވެނިކަމެއް ކުރައްވަވަނީ ކިހިނެއްތޯއެވެ؟ އެކަންކަމަށް ވިސްނުމުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ ފައިދާކުރާނީ ﷲ ތަޢާލާގެ އަމުރުފުޅުތައް ތަންފީޒުކުރިވަރަކުންނެވެ! 

މިކިޔައިދެނީ އެކަމުގެ މިޘާލެކެވެ.  

މޫސާގެފާނުގެ ޤައުމުގެ މީހުންނަކީ ސުވާލު ގިނަ އަދި ޝަކުވާވެސް ގނަބައެކެވެ. އެކަމުގެ ސަބަބުން މޫސާގެފާނަށް ވަރަށް ބޮޑެތި ތަކްލީފްތައްވެސް ކުރިމަތިވެވަޑައިގަތެވެ. 

މޫސާގެފާނުގެ ޤައުމުގެ ބައަކު އެއްދުވަހަކު ގޮސް މޫސާގެފާނާއި ސުވާލެއް ކުރިއެވެ. "ﷲ ތަޢާލާ އަވަހާރަފުޅު ލައްޕަވާތޯއެވެ! އެ ސުވާލުގެ ޖަވާބު ދެއްވަން މޫސާގެފާނަށް އުނދަގޫފުޅުވިއެވެ. އެއީ ދެއްވާނެ ޖަވާބެއް އެނގިވަޑައިގެންފައި ނުވާތީއެވެ. 

އެވަގުތު 2 މަލާއިކަތުން ވަޑައިގެން މޫސާގެފާނުގެ އަތްޕުޅަށް ބިއްލޫރި ދެފުޅި ދެއްވެވިއެވެ. އަދި އެއިން ދޫކޮށް ނުލައްވަވައި ހިފަހައްޓަވަން ވިދާޅުވިއެވެ. 

މޫސާގެފާނު އެ ދެ ފުޅި ދޫކޮށް ނުލައްވަވައި ހިފަހައްޓަވައިގެން ހުންނެވިއެވެ. އިރު އޮއްސިއްޖެއެވެ. އަނދިރިވެއްޖެއެވެ. ވަރުބަލިފުޅުވެއްޖެއެވެ. ނިދިޖެހިވަޑައިގަތެވެ. އެވަގުތު އަތްޕުޅުން ދެ ފުޅި ދޫވެގެން ވެއްޓި ތެޅިއްޖެއެވެ. 

އެއަޑަށް ސިހިވަޑައިގެން ހޭފުޅު ލެއްވެވިއިރު އެ 2 މަލާއިކަތުން އެތަނުގައި ތިއްބެވިއެވެ. އަދި މޫސާގެފާނަށް ދެންނެވިއެވެ. "ﷲ ތަޢާލާ އެންމެ ހިނދުކޮޅަކަށް ނަމަވެސް އަވަހާރަފުޅު ލައްޕަވައިފިނަމަ ބިއްލޫރި ފުޅި ތެޅުނު ފަދައިން މުޅި ކާއިނާތު ގޮވައި ބުރުއްސައިގެން ހިނގައިދާނެއެވެ. 

މީސްތަކުންނޭވެ! ﷲ ތަޢާލާ އާއިމެދު ﷲ ތައާލާ ބަޔާން ކުރައްވަވާފައި ނުވާ ކަންކަމާއިމެދު ނުވިސްނާށެވެ! އެކަންކަމުގެ ޖަވާބެއް ނުލިބޭނެއެވެ. އެކަމުން ލިބޭނީ އިތުރު ގެއްލުމެވެ. ވިސްނަންވީ ﷲ ތަޢާލާ ބަޔާންކުރައްވަވާފައިވާ ކަންކަމާއިމެދުގައެވެ. އަމަލުކުރަންވީ ﷲ ތައާލާ އަންގަވާފައިވާ ގޮތަށެވެ. އިތުރު ގޮތްތައް ހޯދަން އުޅެފި ނަމަ އެމީހަކު ދާނީ ގެއްލެނިވެ ހަލާކުވެގެންނެވެ. 

ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން

 

މިއަދު އޮންލައިން