ޢަލީ އިޙްޞާން ފިރާޤް
ރަސޫލާ صلّى اللّـه عليه وسلّم ގެ ޙަޔާތްޕުޅުގެ އެންމެ ފަހުދުވަސް:
މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ޙަޔާތްޕުޅުގެ އެންމެ ފަހު ދުވަސްކަމުގައިވި ހޯމަދުވަހުގެ އަލިވިލުމުން އެކަލޭގެފާނު އެކަލޭގެފާނުގެ އިންނެވި އެންމެ ދަރިކަނބަލުން އައްސައްޔިދާ ފާޠިމަތުއް ޒަހުރާއު ބަލައިފޮނުއްވައިގެން ގެންނެވިއެވެ. އަދި އެކަމަނާގެ ކަންފަތްޕުޅުދޮށުގައި ސިއްރުން ވާހަކަފުޅެއް ވިދާޅުވިއެވެ. އެއާއެކު އެކަމަނާ ކީރިތި ކުރެއްވިއެވެ. އެއަށްފަހު އަނެއްކާވެސް އެކަމަނާގެ ކަންފަތްޕުޅު ދޮށުގައި ސިއްރުން ވާހަކަފުޅެއް ވިދާޅުވުމުން އެކަމަނާ ހިނިފުޅު ވެޑުވިއެވެ.
މާތް ރަސޫލާ صلّى اللّـه عليه وسلّم ސުވަރުގެވަޑައިގެންނެވުމަށްފަހު އެއްފަހަރަކު އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ އެކަމަނާއާ ސުވާލު ކުރެއްވިއެވެ. [އެ ދުވަހު އެކަމަނާ ކީރިތި ކުރެއްވުމާ ހިނިފުޅުވެޑުއްވެމުގެ ސިއްރަކީ ކޮބައިތޯއެވެ؟]
ފާޠިމަތުގެފާނު ޖަވާބު ދެއްވިއެވެ.
[ފުރަތަމަ ބައްޕާފުޅު ޙަދީޘު ކުރެއްވީ އެ އާލާސްކަންފުޅުން ބައްޕާފުޅު ފަސޭހަފުޅު ނުވާނެ ކަމަށެވެ. އެހެން ޙަދީޘު ކުރެއްވުމުން އަހަރެންނަށް ރޮވުނީއެވެ. ދެވަނައަށް ޙަދީޘު ކުރެއްވީ އެކަލޭގެފާނުގެ އަހުލުބައިތުންގެ ތެރެއިން އެންމެ ފުރަތަމަ އެކަލޭގެފާނާ ބައްދަލު ކުރައްވާނީ އަހަރެން ކަމުގައެވެ. އެހެން ޙަދީޘު ކުރެއްވުމުން ހެވުނީއެވެ.]
ފާޠިމަތުގެފާނަކީ ސުވަރުގޭގެ އަންހެންތަކުންގެ ސާހިބާކަމުގައި ވެވަޑައިގަންނަވާނެ ކަމުގެ އުފާވެރިކަމުގެ ޚަބަރުވެސް މާތް ރަސޫލާ صلّى اللّـه عليه وسلّم، އެކަމަނާއަށް ދެއްވިއެވެ.
ފާޠިމަތުގެފާނަށް އެކަމަނާގެ ބައްޕާފުޅަށް ލިބިވަޑައިގަންނަވާ ވޭންތައް ފެނިވަޑައިގެންނެވުމުން އެކަމަނާ ވަރަށް ދެރަފުޅުވިއެވެ. ކަންބޮޑުވެވަޑައިގެން ވިދާޅުވިއެވެ. [ބައްޕާފުޅަށް ލިބިވަޑައިގަންނަވާ ވޭނެއްގެ ބޮޑުކަމާއެވެ] މިއަޑު އައްސަވައި މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘު ކުރެއްވިއެވެ. [މިއަދަށްފަހުން ދަރިފުޅުގެ ބައްޕައަކަށް އެއްވެސް ވޭނެއް ތަހައްމަލު ކުރާކަށް ނުޖެހޭނެއެވެ.]
އެއަށްފަހު އެކަލޭގެފާނު ޙަސަންގެފާނާއި ޙުސައިންގެފާނު ގެންނެވުމަށް އެންގެވިއެވެ. އެދެބޭފުޅުން ގެންނެވުމުން އެދެބޭފުޅުންގެ ގައިކޮޅުގައި ބޮސްދެއްވައި އެދެބޭފުޅުން ރަނގަޅަށް ބެލެހެއްޓެވުމަށް ވަޞިއްޔަތް ކުރެއްވިއެވެ. އެއަށްފަހު އެކަލޭގެފާނުގެ އެންމެހައި އަނބިއަނބިކަނބަލުން ހާޒިރުކުރައްވައި އެބޭކަނބަލުންނަށް ނަޞޭހަތްފުޅު ދެއްވައި، މާތްﷲ ހަނދުމަކުރުންމަތީ ދެމިތިއްބެވުމަށް އެންގެވިއެވެ.
ދެން މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އާލާސްކަންފުޅު ވަކީން ބޮޑުވެއްޖެއެވެ. ޚައިބަރުން އެކަލޭގެފާނަށް ފަރީއްކުޅުއްވުނު ވިހައިގެ އަސަރުތައް ގައިކޮޅުގެ ތެރޭގައި ހިލިގެންފިއެވެ. އެކަލޭގެފާނު ޢާއިޝަތުގެފާނަށް ޙަދީޘު ކުރެއްވިއެވެ. [ޚައިބަރުން ތިމަންކަލޭގެފާނަށް އެރުވުނު ވިހަލައިފައިވާ ކާނާގެ ވިހައިގެ އަސަރު ތިމަންކަލޭގެފާނުގެ ހަށިކޮޅަށް އެބަކުރެއެވެ. ތިމަންކަލޭގެފާނަށް ހީފުޅުވަނީ ތިމަންކަލޭގެފާނު އަޖަލު ގާތްވެއްޖެކަމަށެވެ.]
އެއަށްފަހު އެކަލޭގެފާނު މީސްތަކުންނަށް ނަމާދު ބަރާބަރަށް އޭގެ ވަގުތުގައި އަދާކުރެއްވުމަށް އިލްތިމާސްކުރެއްވިއެވެ. އަދި ތިމާމެންގެ ބާރުގެ ދަށުގައި ގެންގުޅޭ އަޅުންނާމެދު ހެޔޮކޮށް ކަންތައް ކުރުމަށްވެސް އެންގެވިއެވެ.
އޭގެފަހުގައި، މާތް ރަސޫލާ صلّى اللّـه عليه وسلّم މަރަށް ހާޒިރުވެވައިގެންފިއެވެ. އެވަގުތު ޢާއިޝަތުގެފާނު އެކަލޭގެފާނުގެ ގައިކޮޅުގައި ހިއްޕަވައި އެކަމަނާގެ ގައިކޮޅުގައި ލައްކޮށްލިއެވެ. ޢާއިޝަތުގެފާނު ވިދާޅުވެއެވެ. [މާތް ރަސޫލާ صلّى اللّـه عليه وسلّم، ތިމަންކަމަނާގެ ގެކޮޅުގައި ސުވަރުގެވަޑައިގެންނެވުނުން އެއީ ތިމަންކަމަނާއަށް މާތްﷲ ދެއްވި ރަޙްމަތެކެވެ. އެކަލޭގެފާނު ސުވަރުގެވަޑައިގަތީ ތިމަންކަމަނާގެ މެޔާއި ކަރާ ދެމެދުގައި އިސްތަށިފުޅު އަޅުއްވައިގެން އޮންނަވަނިކޮށެވެ. އެކަލޭގެފާނުގެ ކުޅުފޮދާއި ތިމަންކަމަނާގެ ކުޅުއެއްވެފައިވަނިކޮށެވެ.]
މާތް ރަސޫލާ صلّى اللّـه عليه وسلّم ، ތިމަންކަމަނާގެ ގައިކޮޅުގައި ލައްކޮށްލައްވައިގެން އިންނަވަނިކޮށް ޢަބްދުއްރަޙްމާނު ބިން އަބީބަކުރު ވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ އަތުގައި މިސްވާކު ދަނޑިކޮޅެއް އޮތެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم، އެ ދަނޑިކޮޅާ ދިމާއަށް ބައްލަވާކަން އެނގިވަޑައިގެންނެވުމުން ތިމަންކަމަނާ ދެންނެވީމެވެ. [ކަލޭގެފާނަށްޓަކައި އެ ސިވާކު ދަނޑިކޮޅު އަޅުގަނޑު ގެނެސްދެންތޯއެވެ؟] އެކަލޭގެފާނު އިޝާރާތުން އާދޭހޭ ވިދާޅުވިއެވެ. ދެން ތިމަންކަމަނާ ސިވާކު ގެނެސް އެކަލޭގެފާނަށް ދެއްވީމެވެ. އޭގެ ހަރުކަން އެނގުމުން އޭތި މަޑުކޮށްލަދެންތޯ ދެންނެވުމުން އެކަލޭގެފާނު އިޝާރާތުން އާދޭހޭ ދެންނެވިއެވެ. ދެން ތިމަންކަމަނާ އަނގައަށް ލައްވައި އޭތިމަޑުކޮށްލައްވައި އެކަލޭގެފާނަށް ދެއްވީމެވެ.
ޢާއިޝަތުގެފާނު ވިދާޅުވެއެވެ. ދެން އެކަލޭގެފާނު އެކަލޭގެފާނަށް އުނގުޅެއްވުނު އެންމެ ރަނގަޅަކަށް ދަތްޕިލާފުޅު އުނގުޅުއްވައި ސާފު ކުރެއްވިއެވެ. އެއަށްފަހު ކައިރީގައި ފެންވަތްކޮށްފައިވާ އެއްޗަކަށް އަތްޕުޅު ލައްވައި މޫނުފުޅުގައި ފެންފޮދެއް އުނގުޅުއްވައިލެއްވިއެވެ. އަދި ޙަދީޘު ކުރެއްވިއެވެ.
[މާތްﷲ މެނުވީ ޙައްޤުވެގެން އަޅުކަންކުރެވޭ އެއްވެސް އިލާހަކު ނެތެވެ. ހަމަކަށަވަރުން މަރުގެ ސަކަރާތަކީ ވޭންހުރި ކަމަކެވެ.]
ދެން އެކަލޭގެފާނު އަތްޕުޅު މައްޗަށް ނަންގަވައި، އެއްޗެއް ވިދާޅުވާން ފެއްޓެވިއެވެ. ޢާއިޝަތުގެފާނު ވިދާޅުވިއެވެ. ދެން ތިމަންކަމަނާ އެކަލޭގެފާނު އެ ވިދާޅުވާ އެއްޗެއް އަޑުއިވޭތޯ ކުޑަކޮށް ކައިރިވެލީމެވެ. އޭރު އެކަލޭގެފާނު ޙަދީޘް ކުރައްވައެވެ.
[އިބަރަސްކަލާނގެ އެބޭކަލުންނަށް ނިޢުމަތްދެއްވި ނަބިއްޔުންނާއި، ޞިއްދީޤުންނާއި، ޝަހީދުންނާއި ޞާލިޙުންނާއެކުގައެވެ. ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ. މިއަޅާގެ މައްޗަށް ރަޙްމަތްލައްވާންދޭވެ. މިއަޅާގެ ފާފަތައް ފުއްސަވާންދޭވެ. އައްރަފީޤުލް އަޢުލާގެ މަޤާމަށް މިއަޅާ ވާޞިލުކޮށްދެއްވާންދޭވެ.]
އެއަށްފަހު މާތް ރަސޫލާ صلّى اللّـه عليه وسلّم ސުވަރުގެވަޑައިގެންފިއެވެ. މި ޙާދިޘާ ހިނގައިފައިވަނީ ހިޖުރައިން 11 ވަނަ އަހަރުގެ ރަބީޢުލްއައްވަލު މަހުގެ 12 ވީ ހޯމަދުވަހުގައެވެ. އޭރު މާތް ރަސޫލާގެ ޢުމުރުފުޅަކީ 63 އަހަރާއި ހަތަރު ދުވަހެވެ.
{ޞަފިއްޔުއް ރަޙްމާން މުބާރަކުޕޫރީ، އައްރަޙީޤުލްމަޚްތޫމު، ޞަފްޙާ 472-478}
އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވެފައިވެއެވެ. އެއްފަހަރަކު ހުވަފެނެއްގައި ތިމަންކަމަނާގެ ކޮޓަރިކޮޅަށް ތިން ހަނދު ވެއްޓުނީތީ ފެނުނެވެ. ދެން ތިމަންކަމަނާ އެވާހަކަ އަބޫބަކުރުގެފާނަށް ދެންނެވީމެވެ. އެއަށްފަހުން މާތް ރަސޫލާ صلّى اللّـه عليه وسلّم، ސުވަރުގެވަޑައިގެން ތިމަންކަމަނާގެ ކޮޓަރިކޮޅުގައި ފަސްދާނުވެޑުވުނެވެ. މިކަން މިހެން ހިނގައި ދިޔުމުން އަބޫބަކުރުގެފާނު ވިދާޅުވިއެވެ. [މިއީ ދަރިފުޅަށް ފެނިވަޑައިގެންނެވި ތިން ހަނދުގެ ތެރެއިން އެއް ހަނދެވެ. އެ ހަނދުތަކުގެ ތެރެއިން އެންމެ ރަނގަޅު، އެންމެ އަލިގަދަ ހަނދަކީވެސް މިއީއެވެ.] {މާލިކު، މުވައްޠާ، ކިތާބުއް ޖަނާއިޒު، ޙަދީޘް ނަންބަރު 552}