ހައިޟުގެ ފެން ނުވަރާ ހުއްޓައި ޖިމާޢުވުމަކީ ތައުބާވެ ރަންބަހަންޖެހޭ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ހައިޟުގެ ފެން ނުވަރާ ހުއްޓައި ޖިމާޢުވުމަކީ ތައުބާވެ ރަންބަހަންޖެހޭ ކަމެއް!

ޙައިޟް (ޕީރިއަޑް) ރަނގަޅުވެގެން ހިނައިގަތުމަށްފަހު މެނުވީ ޖިމާޢު ނުވެވޭނެ އެވެ. އެކަން ކޮށްފިނަމަ (ހިނައި ނުގަނެ ޖިމާޢްވެއްޖެނަމަ) 4.25 ގްރާމް ރަނަށްވާ ފައިސާ ޞަދަޤާތްކުރަން ޖެހޭނެއެވެ. އަދި ދެ ހިނެއިމަށް އެކުގައި ނިޔަތް ގަނެގެން ހިނައިގަނެވިދާނެ އެވެ.

ޙައިޟް ރަނގަޅުވިތަނުން ހިނައި ނުގަނެ ހުއްޓާ ޖިމާޢުވެއްޖެނަމަ، ފުރަތަމަ ހިނައިގަންނަން ޖެހޭނީ ކޮން ކަމަކަށްތޯ؟ ނުވަތަ އެއް ފަހަރާ ދެ ކަމަށް ހިނައިގަނެވޭނެތޯ؟ އަދި ހިނައިގަންނައިރު ކޮންމެހެން ވުޟޫކުރަން ޖެހޭނެތޯ؟  

މަތީގައި މިބަޔާންކުރީ މިސުވާލުތަކުގެ ޖަވާބުގައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވަނީދެއްވާފައިވާ ޖަވާބެވެ.  

ދުނިޔޭގެ ބާޒާރުގައި ރަނުގެ އަގު މިއަދު ހުރީ ގްރާމެއް 41.45 ޑޮލަރަށެވެ. އެހެންކަމަށްވާނަމަ 4.25 ގްރާމް ރަނުގެ އަގަކީ 176.1625 ޑޮލަރެވެ. އެއީ ދިވެހި ރުފިޔާގެ ރަސްމީ އަގުންނަމަ 2716.43 ރުފިޔާއެވެ. ދީނީ ޢިލްމުވެރިން ބަޔާން ކުރައްވާ ގޮތުގައި މިބާވަތުގެ މައްސަލަ ތަކުގައި ބަލަންވީ ބަހަން ޖެހޭ ފައިށާގެ އަދަދަކަށް ނޫނެވެ. ތަނަވަސްކަން ހުރި މީހަކަށް އެއީ އެއްވެސް އެއްޗަކަށްވެސް ނުވެ ހިނގައިދާނެއެވެ. ގަދައަޅައި މަސައްކަތްކުރަންވީ އެފަދަ ކަމަކަށް އަރައިނުގަތުމަށެވެ. ލިބިގަންނަންވީ ފެންވަރައިލާނެ ކެތްތެރިކަމެވެ. އެހެންކަމާއިއެކުވެސް އެފަދަ ކަމެއް ކުރެވިއްޖެ ނަމަ ޞަދަޤާތް ކުރަން ޖެހެއެވެ.  

ބަޤަރާ ސޫރަތުގެ 222 ވަނަ އާޔަތުގައިވެއެވެ. 

"އަދި ޙައިޟާއިމެދު، ކަލޭގެފާނާ އެއުރެން ސުވަލުކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ.!  އެއީ އުނދަގޫ (ލިބެނިވި) ކަމެކެވެ. ފަހެ ހައިޟުގެ ދުވަސްވަރުގައި، ތިއަބައިމީހުން އަންހެނުންނާ ދުރުހެލިވާށެވެ!  (އެބަހީ ޖިމާޢް ނުވާށެވެ!) އަދި އެކަނބަލުން ހިނައި ޠާހިރުވެއްޖައުމަށްދާންދެން ތިއަބައިމީހުން އެކަނބަލުންގެ ގާތަށް (އެއްދާން ކުރުމުގެ ގޮތުން) ނުދާށެވެ! ފަހެ އެކަނބަލުން ހިނައި ޠާހިރުވެއްޖެނަމަ، ﷲ ތިއަބައިމީހުންނަށް އަމުރު ކުރައްވަވާފައިވާ ފަދައިން އެކަނބަލުން ގާތަށް ތިއަބައިމީހުން ދާށެވެ! (އެބަހީ: ޖިމާޢްވުން ހުއްދައެވެ.) ހަމަކަށަވަރުން ގިނަގިނައިން ތައުބާވާ މީހުން ދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ. އަދި ޠާހިރުވާ މީހުން ދެކެވެސް ﷲ ލޯބިވެވޮޑިގެންވެއެވެ." 

ﷲ ތަޢާލާގެ އަމުރުފުޅު މިހައި ސާފުކޮށް އޮތް ކަމެއްގައި މިނޫން ގޮތަކަށް އަމަލުކުރަން ހެޔޮ ނުވާނެއެވެ. އަމަލުކުރެވިއްޖެ ނަމަ އޮތީ އަވަހަށް ތައުބާވުމެވެ. ޞަދަޤާތްވެސް ދިނުމެވެ.

މިއަދު އޮންލައިން