އިބްރަތްތެރި ވާހަކަ: އުޅުން ޒަމާނަށް ނުފެތޭތީވެ، "ކަޓު"ވެގެން ކައިވެނި ނުކުރެވި ބާކީވި ޒަޢީއަށް ލިބުނު ކާމިޔާބު ހުރިހާ އަންހެނުންނަށް ޢިބްރަތަކަށް ފުދެންވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 47ސ
އިބްރަތްތެރި ވާހަކަ: އުޅުން ޒަމާނަށް ނުފެތޭތީވެ، "ކަޓު"ވެގެން ކައިވެނި ނުކުރެވި ބާކީވި ޒަޢީއަށް ލިބުނު ކާމިޔާބު ހުރިހާ އަންހެނުންނަށް ޢިބްރަތަކަށް ފުދެންވާނެ!

"އަޅުގަނޑުގެ މަންމަ އަޅުގަނޑު ގެންގުޅެ ބޮޑުކުރީ ވަރަށް ލޯބިންނެވެ. މަންމަގެ ކިބައިން ވަރަށ ރަނގަޅު ކަންކަން ދަސްވިއެވެ. މަންމަ އެންމެ ގިނައިން ދިން ނަޞޭޙަތަކީ ކިތަންމެ ލޯބިވާ ފިރިހެނަކާއި ބައްދަލުވިނަމަވެސް ކައިވެނިނުކޮށް އޭނާއާއިއެކު ގެއިން ބޭރަށް ނުދިއުމެވެ. 

އަޅުގަނޑުގެ އުމުރުން 17 އަހަރުގައި މަންމަ ނިޔާވެއްޖެއެވެ. އަޅުގަނޑުގެ މިހާރުގެ ޢުމުރަކީ 22 އަހަރެވެ. ކައިވެނިކުރަން ވަރަށް ބޮޑަށް ބޭނުންވެއެވެ. ފިރިއެއްގެ އެހީތެރިކަން ވަރަށް ބޭނުމެވެ. ނަމަވެސް ބައްދަލުވާ އެންމެންވެސް ފުރަތަމަވެސް ބޭނުންވަނީ އަޅުގަނޑު ކޮފީއަކަށް ނުވަތަ ކެއުމަކަށް ގެންދާށެވެ. 

އެކަންކޮށްފިނަމަ (ދުނިޔޭގައި ހުރިނަމަ) މަންމަ ވަރަށް ދެރަވާނެއެވެ. އެހެންވެ އެގޮތަށް ލިބޭ ދަޢުވަތު ޤަބޫލުނުކުރާތީ އަދިވެސް ހުންނަން މިޖެހެނީ އެކަނިވެރިވެފައެވެ. ޢާއިލާގެ ކަންކަން ހުރި ގޮތުން ފިރިއަކާއި ނުލައި އުޅެވޭކަށްވެސް ނެތެވެ. މިޙާލަތުގައި ޢަމަލުކުރަން އެންމެ ރަނގަޅުވާނެ ގޮތަކީ ކޮބައިތޯއެވެ؟" 

ކިޔުންތެރިޔާއަށް ބުނެލަން އޮތީ މަންމަގެ ނަޞޭޙަތުގައި ހިފަހައްޓާށެވެ. ނަމަނަމަ ދޫކޮށްނުލާށެވެ! ބޭރަށް ނެރެ "ބޮޑުގުޅަކުރަން" އެއީ ތިބާ ދެކެ ޙަޤީޤީ ލޯބިވާ މީހެއް ނޫނެވެ. ޙަޤީޤީ ލޯބިވާނަމަ އެދޭނީ ކައިވެންޏަށެވެ. މިލިޔުމުގައިވާ ވާހަކަ ކިޔައިލާށެވެ! ޢިބްރަތްތެރި ފިލާވަޅަކަށްވާނެއެވެ. ހިތްވަރަކަށްވެސް ވާނެއެވެ. އިން ޝާ ﷲ 

އަހަރެންނަކީވެސް އެހެން ޒުވާނުން ފަދައިން އުމުރުން އެންމެ 17 އަހަރުގައި ލޯބީގެ ޖަޒުބާތުގައި ޖެހުނު އަންހެނަކީމެވެ. ލޯބީގެ ކަނޑަށް އިންތިހާއަށް ޣަރަޤުވެވުނު އަންހެނަކީމެވެ. އެއިރު ޣަރަޤުވެވިފައިވީ މިންވަރުން ނަމާދު އެޅުން ފިޔަވައި ލޯބީގެ ކަނޑުގައި ނުފަތާ އެންމެ ކަމެއްވެސް ނުއޮންނާނެއެވެ. ހަމައެކަނި ނުކުރެވޭ ކަމަކީ ނަމާދު އެޅުން ކަމަށް ބުނެވިދާނެއެވެ. 

އަދި މިބުނެވުނީ އެންމެ ރަނގަޅަކަށް ނޫނެވެ. ޢިއްފަތްތެރިކަން ނަގައެއް ނުލަމެވެ. އެކަން ޤުރްބާނެއް ނުކުރަމެވެ. އެއީ އެންމެ ކުޑައިރުންސުރެ މަންމަ ވަރަށް ބޮޑަށް އެކަމަށް ބާރުއަޅާފައިވާތީއެވެ. މަރުބަލީގައިވެސް މަންމަ އެންމެ ބޮޑަށް ވަޞިއްޔަތްކުރި ދެކަމަކީ ކޮންމެ ޙާލެއްގައިވެސް ނަމާދު ނުއެޅުމަށާއި ޢިއްފަތްތެރިކަން ޤުރްބާން ނުކުރުމެވެ. 

މިކަމަށް ކުރި މަސައްކަތްތަކުގެ ސަބަބުން އަހަރެންވީ ވަރަށް ކަޓު އަންހެނަކަށެވެ. ޒަމާނަށް ނުފެތޭ އަންހެނަކަށެވެ. ލޯބިވެރިޔާވެސް ގެއްލިގެންދިއައީއެވެ. އެއިގެ ފަހުން ލޯބިވާން ހުށަހެޅި މީހުންނަކަށްވެސް އަހަރެން ކަމަކު ނުދިއައެވެ. "ބެކްވާޑް" އަންހެނަކަށްވުމުންނެވެ. 

އަހަރެންގެ ޙަޔާތުގެ ކަންކަން މެދުވެރިވެފައި ހުރިގޮތުން ވީހައި އަވަހަކަށް ކައިވެންޏެއްކޮށް ޒަވާޖީ ޙަޔާތެއް ފަށަން އަހަރެންނަށް އޮތީ މަޖުބޫރުވެފައެވެ. އެނޫން ގޮތެއްވެސް ނެތިފައެވެ. އެހެންވެ ކަންކަން މެދުވެރިވަމުން އައިގޮތުން ހިތަށް ނުތަނަވަސްކަންވެސް ލިބުނެވެ. ނަމަވެސް ދެރައެއް ނުވަމެވެ. ޔަޤީންކުރީ އެކަންކަން އެހެން މެދުވެރިވަނީ އަހަރެންގެ ޙަޔާތަށް ދެއްވަވަންހުރި ރަނގަޅު ބައިވެރިޔާ އާއި އަދި ބައްދަލުނުވާތީ ކަމަށެވެ. ކައިވެނިކުރަން އެންމެ ރަނގަޅު ވަގުތު އަދި ނުޖެހޭތީ ކަމަށެވެ. ވަގުތު ޖެހުމުން ހުރިހާ ކަމެއްވެސް އެންމެ ފުރިހަމަ ގޮތުގައި ނިމިގެންދާނެ ކަމަށެވެ. 

އުމުރުން 20 އަހަރު ފުރުނު ރޭ މަޣްރިބް ނަމާދަށްފަހު މުސައްލަ މައްޗަކުން ނުފައިބަމެވެ. އަޅުކަންކޮށް ދުޢާކުރުންމަތީގައި އިނީއެވެ. އެރޭ ދަމުނަމާދުވެސް ކުރަންފެށީމެވެ. އަދި އެރެއަކީ ޙަޔާތުގައި ފުރަތަމަ ފަހަރަށް ފަތިސް ނަމާދަށް ބަންގިގޮވުމުން ނަމާދުކޮށް އަދި އިރުއަރަންދެން ޛިކުރުކުރުމުގައި އިން ރެއެވެ. 

އެރެއަށްފަހު ދަމުނަމާދެއް ނާޅަމެވެ. އަދި ފަތިސްނަމާދަށްފަހު ވީހައި ގިނަ ވަގުތު ޛިކުރުކުރުމާއި ދުޢާކުރުމުގައި ހޭދަކުރަން ފެށީމެވެ. އެކަންކަން ކުރަން ފެށުމުން ކައިވެނި ނުކުރެވި ލަސްވާތީ ކަންބޮޑުވެ އެކަމަށް ވިސްނާކަށްވެސް ނުޖެހެއެވެ. 

އެގޮތަށް ކަންކަން ކުރަމުން އަންނަތާ 5 އަހަރުފަހެވެ. އުމުރުން 25 އަހަރުފުރެން ހުރީ ގާތްވެފައެވެ. މިނިވަން ދުވަހުގެ ރަސްމީ ބައްދަލުކޮށްލުމުގެ ތެރެއިން ފިރިހެނަކު އަހަރެންނާއި ވާހަކަދެއްކިއެވެ. އޭނާ ތަޢާރަފްވުމަށްފަހު އަހަރެންގެ "ސްޓޭޓަސް" އާއިބެހޭ ގޮތުން ސުވާލުކުރުމުން ކުރު ގޮތަކަށް ކިޔައިދިނީމެވެ. ކައިވެންޏެއް އަދި ނުކުރާ ކަމަށްވެސް ބުނެވުނެވެ. 

އޭނާގެ ކާޑު އަހަރެންނަށް ދިނެވެ. އަދި އޭނާ އެދުމުން އޭނާއަށް ފޯނު ނަމްބަރު ދިނުމުގެ ގޮތުން މިސްކޯލެއްވެސް ދިނީމެވެ. އޭނާ ބުނީ ރައްޓެހިކަން ބާއްވަން ބޭނުން ކަމަށާއި ފަހުން ގުޅާނެ ކަމަށެވެ. އަހަރެންވެސް މަރުޙަބާކީމެވެ. ނަމަވެސް އެއިގެ ކުރިންވެސް އެފަދަ ބައެއްކަންކަން ހިނގާފައި ހުރުމުން ވަކިޚާއްޞަ ސަމާލުކަމެއް ނުދެމެވެ. 

2،3 ދުވަސްފަހުން އޭނާ އަހަރެންނާއި ގުޅިއެވެ. ވަރަށް މަޖާކޮށް ވާހަކަ ދެއްކިއެވެ. އަދި އެއިގެ ފަހުން ކޮންމެ ދުވަހަކުހެން ކޮންމެވެސް އެއް ވަގުތެއްގައި އޭނާގެ ކޯލެއް ނުލިބޭ ދުވަހެއް މަދުވާނެއެވެ. ވާހަކަ ދެއްކުމުގެ ތެރޭގައި އަހަރެންގެ ޙަޤީޤަތް އޭނާއަށް ކިޔައިދިނީމެވެ. ވަރަށް 'ބެކްވާޑް، މިހާރުގެ ސޮސައިޓީއަށް ނުފެތޭ އަންހެނެއްކަމަށް ވެސް ބުނީމެވެ. 

ޖެހިގެން އައި އޮގަސްޓް މަހުގެ 26 ވަނަ ދުވަހު ގުޅާފައި ބުނީ އެރޭ 8 ޖަހާއިރު އޭނާ ދޭ އެއްޗެއް ހިފައިގެން ބައަކު ގެއަށް ދާނެކަމަށެވެ. އެއާއި ހަވާލުވެދިނުމަށް އެދޭ ކަމަށެވެ. 

އޭނާ ބުނި ގަޑިއަށް 2 މީހަކު އައެވެ. ސިޓީ އުރައެއް ދިނުމުން އެމީހުންގެ ކުރިމަތީގައި ކަނޑައިލީމެވެ. "ޒަޢީ—މިހައިތަނަށްވެސް މިކަމުގެ އެއްވެސް ވާހަކައެއް ނުބުނެވި އޮވެފައި ކުއްލިއަކަށް މިހެން ބުނަން ވީމާ ވަރަށް އުނދަގޫވެއެވެ. ނަމަވެސް ޒަޢީ ރުހޭ ކަމަކަށްވާނަމަ އެމީހުންގެ އަތުގައި އޮތް ފޯމުގައި ސޮއިކޮށްލާށެވެ! އަހަރެން އޮންނާނީ ސޮއިކޮށްފައެވެ.." 

ލިބުނު ޙައިރާންކަމާއިއެކު އެބުނާ ފޯމު ކޮބައިތޯ ސުވާލުކުރުމުން ދިއްކޮށްލީ ކައިވެނިކުރަން ހުށަހަޅާ ފޯމެވެ. ތުރުތުރު އަޅައިގަތެވެ. ވިސްނައިލެވުނެވެ. މިއީ އަޅެ ޑްރާމާއެއް ހެއްޔެވެ؟ ނަމަވެސް ބަހެއް ނުބުނެ އިނދެ އެމީހުންގެ ކުރިމަތީގައި ހަމަ ވަގުތުން ސޮއިކޮށްލާފައި އެމީހުންގެ އަތަށް ފޯމު ދިނީމެވެ. އަދި އަހަރެންވެސް ނޯޓެއް ލިޔެފައި ދިނީމެވެ. "އެދުނު ކަންތައް އެއޮތީ އެދުނުގޮތަށް ކޮށްފައެވެ. ދެން އޮތްބައި ﷲ އަށް ވަކީލެވެ!" 

އެއިގެ 2 ހަފްތާފަހުން އޭނާގެ ގެއަށް އަހަރެން ގެންދިއައެވެ. އަހަރެން އެކަންޏެއް ނޫނެވެ. ޢާއިލާގެ އެންމެންނެވެ. އަދި އޭނާގެ ޢާއިލާ އާއި ބައްދަލުކުރުވިއެވެ. 

އޭނާވެސްވީ ވަރަށް "ބެކްވާޑް" ޒުވާނަކަށެވެ. ޖެހިގެން އައި ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހުގެ ރޭ އަހަރެމެންގެ ކައިވެނި ކުރެވުނެވެ. "ބެކްވާޑްކަން" ހުރިވަރަކީ ކައިވެންޏަށްފަހު އެރޭ އޭނާގެ ކޮޓަރީގައި އަހަރެމެން ދެމީހުން އެކަނިވަންދެން ލޯބިވުމާއި ބެހޭ އެއްވެސް ވާހަކައެއް ނުދައްކައެވެ. 

ކައިވެންޏަށް މިހާރު 6 އަހަރު ފުރިއްޖެއެވެ. އޭނާއަކީވެސް އަމިއްލަ މަސައްކަތްކުރާ، މާމުއްސަނދި ނޫން ނަމަވެސް ތަނަވަސްކަންހުރި މީހަކަށްވުމުން 2 ފަހަރު ޙައްޖުވެވިއްޖެއެވެ. ޢުމުރާވެސް އެތައް ފަހަރަކު ވެވިއްޖެއެވެ. އެންމެ ބޮޑަށް ފާހަގަކުރަން ބޭނުންވާކަމަކީ އަދި މިހައިތަނަށް ދުވަހަކުވެސް ރުޅި އައުމާއި ދެބަސްވުމަކީ އޮންނަ ކަންކަންކަން ތަޖުރިބާކޮށްލަންވެސް ލިބިފައި ނުވާކަމަށެވެ. 

އިތުރަށް ބަހެއް ބުނާކަށް ނެތީމެވެ. ކިޔުންތެރިންނަށް ޢިބްރަތެއް ލިބިއްޖެ ނަމަ ބޭނުން ފުދުނީއެވެ. "ބެކްވާޑް" ވުމުން އަހަރެންނަށް ލިބުނު ނިޢުމަތް އަހަރެންނަށް ވަރަށް ފުރިހަމައެވެ. ދުޢާ އިޖާަވުމަށް 5 އަހަރު ހޭދަވިނަމަވެސް ކެތްތެރިވުމުން ލިބުނު މޭވާވެސް އެހައިމެ ފޮންޏެވެ. އިން ޝާ ﷲ 

އެންމެ ވާހަކައެއް ބުނެލާނަމެވެ. ކައިވެންޏަށްފަހު ިއަދާއި ހަމައަށްވެސް ކުރިން ކުރަމުން އައި އެއްވެސް އަޅުކަމެއް މަދެއް ނުކުރަމެވެ. މަސައްކަތްމިކުރަނީ އިތުރުކުރެވޭތޯއެވެ! 

- ޒަޢީމާ - މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

މިއަދު އޮންލައިން