ތިމާއަށް ލައިލަތުލްޤަދްރިވިލޭރޭ ޙާޞިލުކުރެވުނުކަން ވަޒަންކޮށްލަން ތިމާއަށް ޙާޞިލު ކުރެވުނު މިންވަރު ބަލައިލަންވީ ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ތިމާއަށް ލައިލަތުލްޤަދްރިވިލޭރޭ ޙާޞިލުކުރެވުނުކަން ވަޒަންކޮށްލަން ތިމާއަށް ޙާޞިލު ކުރެވުނު މިންވަރު ބަލައިލަންވީ ބައެއް ކަންކަން-

އިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި ރަމަޟާން މަސް އައުމުން ހިތަށް އުފާވެރިކަން ނުލިބޭނަމަ އަދި ރަމަޟާން މަސް ވަކިވެދާއިރު އެކަމަށްޓަކައި ހިތާމަނުކުރެވޭނަމަ އެމީހަކަށް އެ ރަމަޟާންމަހުން ކުރި ފައިދާއެއް ނެތެވެ. 

ބައެއް މީހުން ރަމަޟާން މަސް ފެށުމާއިއެކު ހިފޭ ރޯދަތައް ގުނައި މަސް ވީހައި އަވަހަށް ނިމުމަށް އުންމީދުކުރެއެވެ. ރަމަޟާންމަހުގެ ފަހުދުވަސް ނައިސް ލަސްވާތީ ކަންބޮޑުވެއެވެ. މިފަދަ މީހުންނަށް ބުނަން އޮތީ އެމީހާ ނުކައި ހުރުމުގެ ފައިދާއެއް ނުކޮށްފާނެ ކަމަށެވެ. އެހެނީ އޭނާ އެ ރޯދަހިފަނީ ރޯދަހިފާހިތަކުންނޫނެވެ. ޘަޤާފަތެއްގެ ގޮތުންނެވެ. ނޫންނަމަ މަޖުބޫރުކަމެއް އޮވެގެންނެވެ. 

ތިމާއަށް ލައިލަތުލްޤަދްރި ޙާޞިލުކުރެވިއްޖެ ކަމާއިމެދު ސުވާލުއުފެދޭނަމަ ބަލައިލަންޖެހޭނެ އެއްކަމަކީ އެރޭ ޙާޞިލުކުރަން ތިމާއަށް މަސައްކަތްކުރެވުނު މިންވަރެވެ. އަދި މިހާރު ތިމާގެ ހިތުގައި އީމާންކަން އިތުރުވެފައިވޭތޯއެވެ. ކުރިން ނުކުރާ އެއްވެސް އަޅުކަމެއް އިތުރަށް ކުރަން ޝައުޤުވެރިވެ ކުރަން ފެށުނުތޯ ވެސް ވިސްނައިލާށެވެ. 

ލައިލަތުލްޤަދްރިވިލޭރޭގެ ބަރަކާތް ޙާޞިލުކުރެވުނު ނަމަ އީމާންކަން އިތުރުވާނެއެވެ. ފާފަކުރުމާއި ދުރުހެލިވެވޭނެއެވެ. އިތުރަށް އަޅުކަންކުރަން ޝައުޤުވެރިވެވޭނެއެވެ. ހިތް ޠޯހިރުވާނެއެވެ. ﷲ ތަޢާލާއަށް ބިރުވެތިކަން އިތުރުވާނެއެވެ. ﷲ ތައާލާގެ ލޯބިވެވޮޑިގަތުން ހޯދަން އިތުރަށް މަސައްކަތްކުރެވޭނެއެވެ. 

ތިމާއަށް ލިބިފައިވާ ތަނަވަސްކަމުން ﷲ ތަޢާލާގެ މަގުގައި ހޭދަކުރަން އިތުރަށް ޝައުޤުވެރިވާނެއެވެ. ގިނަވަގުތު އަޅުކަމުގައި ހޭދަކުރަން ބޭނުންވާނެއެވެ. އަދި ތިމާގެ ފުއްސަވައިދެއްވެވުމަށް އެދި ކުރި ދުޢާ ޢިޖާބްކުރައްވަވައިފިކަމުގެ ހިތްހަމަޖެހުން ލިބޭނެއެވެ. އަދި ތިމާ ކުރާ ދުޢާ ޢިޖާބަކުރައްވަވާނެ ކަމުގެ އުންމީދާ ޔަޤީންކަން ހިތުގައި އިތުރުވެގެންދާނެއެވެ. 

- އިމާމް ޢުމަރު ސުލައިމާންގެ ދަރުސެއް އަޞްލަކަށް ބަލައިގެން ލިޔެފައި

 

 

މިއަދު އޮންލައިން