ގިނަ ބައަކު ފާފަކުރަމުން އައި އަވަށަކަށް ފޮނުއްވެވި ބިރުވެރި ކޯފާގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 2ސ
ގިނަ ބައަކު ފާފަކުރަމުން އައި އަވަށަކަށް ފޮނުއްވެވި ބިރުވެރި ކޯފާގެ ވާހަކަ-

ﷲ ތަޢާލާގެ ކޯފާއޭ ގަދަފަދަ ޢަޛާބޭ ބުނުމުން ޖެހިލުންވަނީ މަދު މީހެކެވެ. އެއީ އެމީހުންނަށް އެކަންކަން ޤަބޫލުނުކުރެވޭތީއެއް ނޫނެވެ. ޝައިޠޯނާގެ ބަހަށް ހެއްލެވި ދުނިޔެއާއިމެދު ޣާފިލުވެވިފައިތިބޭވަރުންނެވެ. ހަވާނަފްސް އެދޭހައި ކަމެއް ކުރަން ބޭނުންވެވޭތީއެވެ. 

މިރޭ މިކިޔައިދެނީ ޔަމަނުގެ ޤަދީމީ ތާރީޚުގެ ތެރެއިން ހިމެނޭ ވާހަކައެއް ކަމަށް ބެލެވޭ ވަރަށް ޢީބްރަތްތެރިވހަކައެކެވެ. އެއަށުގެ މީހުން ފާފަކުރުމުގައި ހައްދު ފަހަނައަޅައިދިއުމުން އެއަވަށަށް ފޮނުއްވެވި ބޮޑު ކޯފާގެ ވާހަކައެވެ. ރަނގަޅަށް އަޑުއަހާށެވެ!   

މިކިޔައިދެނީ ވާހކަ ލިޔުނު މީހާ ލިޔެފައިވާ ގޮތަށެވެ.

އަހަރެން ދިރިއުޅޭ އަވަށުގެ ގިނަ މީހުންނަކީ އެހައި ރަނގަޅު ބައެއް ނޫނެވެ. ﷲ ތަޢާލާ ނަހީ ކުރައްވަވާފައިވާ ގިނަ ކަންތައްތަކެއް އެމީހުން ކުރެއެވެ. ޢާންމު ގޮތެއްގައި ބަނގުރާ ބޮއެވެ. ފާހިޝް އަމަލުތައް ފައުޅުގައިވެސް ހިންގައެވެ. މިސްކިތަށް އަރައި އުޅެނީ މަދު މީހެކެވެ. ހުކުރު ވަގުތުޖެހޭއިރުވެސް އަވަށުގެ ގިނަ ފިރިހެނުން ތިބޭނީ ނިދާފައެވެ.

އަހަރެން އެރޭ ވެސް ނިދަން އޮށޯތީޢާންމުކޮށް ކިޔާ ޛިކުރުތައް ކިޔައިގެންނެވެ. ކީރިތި ޤްރްއާނުން ޢާންކޮށް ކިޔަވާ ސޫރަތްތައްވެސް ކިޔަވައިގެންނެވެ. 

ހުވަފެނުގައި އަހަރެންނަށް ފެނުނީ މީހުންތައް ބިރުން ދުވާތަނެވެ. ނަމަވެސް ދުވެ ދާން ހުރި މއަގުތައް ވަނީ ބަނދުވެފައެވެ. ކޮންމެ މަގެއްގެ ކޮޅުގައި ވަނީ އަލިފާންރޯވެފައެވެ. އެ އަލިފާންގަނޑު ބޮޑުވެ އުތުރި އަރަނީއެވެ. އަހަރެންވެސް އެމީހުންނާއިއެކު ދުވަން ފެށީމެވެ. ނަމަވެސް ދުވެ ދުވެ ވަރުބަލިވުން ނޫން ކަމެއް ނުވެއެވެ. ހުރިހާ މަގުތަކެއް ބަނދުވެފައިވުމުން އަވަށުން ނުކުމެވޭނެ އެއްވެސް ގޮތެއް ނުފެނެއެވެ.

މިޙާލެއްގައި އުޅެނިކޮށް އިވެނީ ބިރުވެރި އަޑެކެވެ. "ކަލޭމެން ހިތަށްއެރިހައި ގޮތަކަށް ތިއަ އުޅެނީ ﷲ ތަޢާލާގެ ކޯފާއަށް ބިރު ނުގަންނާތީ ހެއްޔެވެ؟ ބަލަ މިއަދުވެސް ވޮޑިގެންވަނީ ނޫހުގެފާނުގެ ޤައުމުގެ މައްޗަށް ކޯފާ ފޮނުއްވެވި ކަލާނގެއެވެ. ލޫޠުގެފާނުގެ ޤައުމު ބަންޑުން ޖެއްސެވި ކަލާނގެއެވެ. ކަލޭމެންގެ މައްޗަށް ކޯފާއެއް ނުފޮނުއްވަވާތީ ހީވެގެން އުޅެނީ ކަލޭމެން ތިއަކުރާ ނުބައި އަމަލުތައް ﷲ ތަޢާލާއަށް ވަންހަނާވެފައިވަނީ ކަމަށް ހެއްޔެވެ؟" 

އެއަޑު އަންނަނީ އެކިފަހަރު އެކިދިމާއިންނެވެ. ބައެއްފަހަރު ވަރަށް ގާތުން އިވޭހެންވެސް ހީވިއެވެ. އަހަރެން ހިތަށް އެރިއެވެ. މުޅި އަވަށް އެކުގައި ނައްތަވައިލައްވަވަނީތާއެވެ! އެ އަޑު ކިތަންމެ ބިރުވެރި ނަމަވެސް އެބުނަނީ ހަމަ ތެދެކެވެ. މިއަވަސުގެ ގިނަ މީހުންނަކީ ވަރަށް ބޮޑަށް މަގުފުރެދިފައިވާ ބައެކެވެ. 

އެހިސާބުން ދުވަން މަސައްކަތްކުރުން ހުއްޓައިލީމެވެ. އަދި ދެއަތް އުފުލައި ދުޢާ ކުރީމެވެ. މިއަޅާއަށް ސަލާމަތްކަން ދެއްވެވުންއެދިއެވެ. އަދި ކޯފާގައި މިއަޅާ މަރުވި ނަމަވެސް ސުވަރުގެ ދެއްވެވުން އެދިއެވެ. ހޭލެވުނީ ދުޢާކުރަން ހުއްޓައެވެ. 

ހޭލެވުމާއިއެކު ތެދުވެ ވުޟޫކޮށްގެން އައިސް ޤްރްއާން ނަމާދެއް ކުރީމެވެ. އަދި ކީރިތި ޤްރްއާން ކިޔަވަން ފެށީމެވެ. އެގޮތުގައި އިންދާ ފަތިސްވުމުން މިސްކިތަށް ގޮސް ފަތިސް ނަމާދުކޮށްގެން މިސްކިތުގައި މަޑުރީއެވެ. 

މިސްކިތުގައި އިނދެ އެރޭ ނިދަން އޮއްވާ ފެނުނު ހުވަފެނާއިމެދު ވަރަށް ބޮޑަށް ވިސްނީމެވެ. އެ ހުވަފެނަކީ އާދައިގެ ހުވަފެނެއް ނޫންކަމަށް ޤަބޫލުކުރެއެވެ. އަދި އެއީ ބިރުވެރި އިންޒާރެއް ކަމުގައި ޤަބޫލުކުރެވުނެވެ. އެހެންކަމުން ގެއަށް ގޮސް ދަތުރު ހަދާލައިގެން ސަަވާރީއަކަށް އަރައިގެން އަވަށް ދޫކޮށް ދިއުމަށް ދަތުރު ފެށީމެވެ.

ޖެހިގެން އޮތް އަވަށަށް ގޮސް ވަޒަންވެރިވީމެވެ. އެ އަވަށުގައި އުޅޭތާ މަހެއްހައި ދުވަސްފަހުން ލިބުނު ޚަބަރަކުން އެނގުނީ ގަދަ ވައެއް ޖެހި އަވަށުގެ ގިނަ އަދަދެއްގެ ގެތައް ވެށްޓިފައިވާކަމެވެ. މިކާރިސާގައި އަވަށުގެ ގިނަ ބައަކު މަރުވެފައިވާ ކަމެވެ. ސަލާމަތްވީ މަދު ބައަކު ކަމެވެ. 

ޚަބަރު ލިބުމާއިއެކު އެނބުރި އަވަށަށް ދިއައިމެވެ. އަވަށް އޮތް ހާލަތު ފެނުމުން ހަމަ ހައިރާންވިއެވެ. ތިބި މީސްކޮޅާއި ބައްދަލުކޮށް ކަންކަން ވިސްނައިދޭން މަސައްކަތް ކުރީމެވެ. ހަމަ އެންމެންވެސް އަހަރެން ދެއްކި ވާހަކަތައް ޤަބޫލުކުރިއެވެ. ޖެހިފައިވާ ނިކަމެތި ޙާލަތުންކަމަށްވެސް ވެދާނެއެވެ. ޢަމަލުތައް އިޞްލާޙުކުރިއެވެ. އެހައި ފަސޭހައިން އަހަރެން ދެއްކި ވާހަކަތައް ޤަބޫލުކުރީ އަހަރެންގެ ގެއަށް ހަމަ އެއްވެސް ގެއްލުމެއް ނުލިބި ސަލާމަތުން ހުރުމުން ކަމަށްވެދާނެއެވެ. 

މިހިސާބުން މިވާހަކަ ކުރުކޮށްލަމާ ހިނގާށެވެ! ނަމަވެސް އެއްކަންތައް ފާހަގަކޮށްލާނަމެވެ. އެއީ ހުވަފެނުގައި އިވުނު މިއަޑެވެ.  "ކަލޭމެން ހިތަށްއެރިހައި ގޮތަކަށް ތިއަ އުޅެނީ ﷲ ތަޢާލާގެ ކޯފާއަށް ބިރު ނުގަންނާތީ ހެއްޔެވެ؟ ބަލަ މިއަދުވެސް ވޮޑިގެންވަނީ ނޫހުގެފާނުގެ ޤައުމުގެ މައްޗަށް ކޯފާ ފޮނުއްވެވި ކަލާނގެއެވެ. ލޫޠުގެފާނުގެ ޤައުމު ބަންޑުން ޖެއްސެވި ކަލާނގެއެވެ. ކަލޭމެންގެ މައްޗަށް ކޯފާއެއް ނުފޮނުއްވަވާތީ ހީވެގެން އުޅެނީ ކަލޭމެން ތިއަކުރާ ނުބައި އަމަލުތައް ﷲ ތަޢާލާއަށް ވަންހަނާވެފައިވަނީ ކަމަށް ހެއްޔެވެ؟" 

އަހުރެން ދެކޭ ގޮތުގައި މި ވާހަކަތަކަށް ވަރަށް ބޮޑަށް ވިސްނަން ޖެހެއެވެ. ސަމާލުކަންދޭން އެބަޖެއެވެ. ނިކަން ބުނެބަލާށެވެ! މިއަދު މީސްތަކުންގެ ޢަމަލުތައް މިހުރީ ކޮން ގޮތަކަށް ހެއްޔެވެ؟ އެ އިންޒާރު ޙައްޤު ނުވޭ ހެއްޔެވެ؟ ބުއްދީގެ އަހުލުވެރިންނަކީ މިފަދަ ކަންކަމަށް ފުންކޮށް ވިސްނާ މީހުންނެވެ. އަދި ނަރަކައިން ސަލާމަތްވެވޭނީވެސް ވިސްނާ މީހުންނަށެވެ! އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން