އަހުރެން މިރޭގެ ދަރުސް ފެށުމުގެ ކުރިން ހަމަ ދާދި ދެންމެއަކު އަންހެނުންގެ ގްރޫޕަކުން ފާހަގަކުރި މައްސަލައަކަށް ބަހެއް ބުނެލަން ބޭނުންވެއެވެ. އެމީހުންގެ ޝަކުވާއަކީ ރަމަޟާން މަހުގައިވެސް ފިރިމީހާއަށް ކާން ހަދައިދެވުން ލަސްވެގެން ރުޅި އައިސް ހިތުގައި ޖެހޭފަދަ ކަންކަންކުރާތީއެވެ!
އަހަރެމެން ރަމަޟާން މަހު ރޯދަ ހިފައިފީމުއެވެ. ރަމަޟާން މަސް ފެށުނީންސުރެ މުޅި ދުވަހު ނުކައި ނުބޮއި ތިބެފީމުއެވެ. ވީއިރު ބޭރުން އައިސް ގެއަށް ވަންނައިރު މޭޒުމަތީގައި ކާންހަދާފައި ނެތިގެން އަނބިމީހާދެކެ ރުޅިއައިސް ނުބައިބަސްތައް ބުނެ ހަމަނުޖެހުން އުފައްދަންވީ ކީއްވެގެން ހެއްޔެވެ؟
ބުނެލަން އޮތީ ރަމަޟާން މަހަށްފަހު މިފަދަ ކުދިކުދި ކަންކަމުގައި ރުޅިއާދެވޭނަމަ ރަމަޟާންމަހުން އެމީހަކަށް ކުރި އެއްވެސް ފައިދާއެއް ނެތްކަމަށެވެ. ލިބިގަނެވުނު ފިލާވަޅެއް ނެތްކަމަށެވެ.
އަބަދުވެސް މިބުނާ ފަދައިން އަޅުކަމަކީ ހަމައެކަނި ދީނުގެ ފަރުޟުތައް އަދާކުރުމެއް ނޫނެވެ. ސުންނަތުގައި ހިފަހައްޓާ މީހަކު ނަމަ ދެންމެ މިބުނި ފަދަ ކަންކަމުގައި ރުޅިއެއް ނުއަންނާނެއެވެ. ބަލާނީ ކައްކާފައި ހުރިނަމަ ނަގައިގެން ކެއުމަށެވެ. ކައްކާފައި ނެތްނަމަ އެހެން ގޮތަކުން އެކަން ޙައްލުކުރުމަށެވެ.
މިސާލަކަށް އެއްގޮތަކީ އަމިއްލައަށް ލުއިއެއްޗެއް ނަމަވެސް ތައްޔާރުކޮށްލައިގެން ކެއުމެވެ. އެކަން މިހާރުމިވަނީ ވަރަށް ފަސޭހަވެފައެވެ. ހުސް ހޫނުފެންފޮދަކަށް އަޅައިލުމުން 2، 3 މިނިޓް ތެރޭގައި ކައިލެވޭ ތަކެތި ބައިވަރެވެ.
އަނބިމީހާ ހުރި ކައިގެންތޯވެސް ބަލައިލާށެވެ! ނުކައި ހުރިނަމަ އަނބިމީހާއަށްވެސް އެތިކޮޅެއް އިތުރުކޮށްލާށެވެ! ދެމީހުން އެކުގައި ކައިލާށެވެ! އެއިރުން އެކަން މަދަލުވެގެންދާނީ މަތިވެރި އަޅުކަމަކަށެވެ! އެއިގެ ބަދަލުގައި ރުޅި އައިސް މޫނުކުނިކޮށް ހުތުރު ބަސްތައް ބުނާނަމަ އެކުރެވެނީ ފާފައެވެ. އެދެވެނީ ޝައިޠޯނާގެ މަގުންނެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން