ތަކެތިގަތުމުން ފިހާރައިންދޭ ވޮރަންޓީއަށް އިތުބާރުކުރާއިރު ޤުރްއާނަށް އިތުބާރުކުރަން ފަސްޖެހިގެން ސުވަރުގެ ވަންނާނީ ކިހިނެއްތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ތަކެތިގަތުމުން ފިހާރައިންދޭ ވޮރަންޓީއަށް އިތުބާރުކުރާއިރު ޤުރްއާނަށް އިތުބާރުކުރަން ފަސްޖެހިގެން ސުވަރުގެ ވަންނާނީ ކިހިނެއްތަ؟

މިޒަމާނުގައި އަހަރެމެންގެ ޢާންމު ދިރިއުޅުމަށް ބޭނުންވާ ތަކެތި ގަންނައިރު ވޮރަންޓީ ކާޑުގައި ހުންނަ މައުލޫމާތަށް އެބަ އިތުބާރު ކުރަމުއެވެ. އެއްޗެއް އުފެއްދި ކުންފުނީގެ މީހަކު ބުނުމަކާއި ނުލައި ހަމައެކަނި ފިހާރައިގެ ސޭޓު ދައްކާ ކަރުދާސްކޮޅެއްގައިވާ ލިޔުމަކަށް ބަލައިގެންނެވެ. އެކަރުދާސްކޮޅަށް ބަލައި އަގުބޮޑު އެއްޗެތި ގަންނަމުއެވެ. އަތުގައި ފައިސާ ނެތްނަމަ ލޯނުނަގައި ދަރަނިވެރިވެގެންވެސް އެބަ ގަންނަމުއެވެ.

އެހެން ނަމަވެސް ކީރިތި ޤްރްއާނުގައި ބަޔާންވެގެންވާ ﷲ ތަޢާލާގެ އާޔަތްތަކަށް އިތުބާރެއް ނުކުރަމުއެވެ. އެހެން މިބުނަނީ ޤަބޫލުނުކުރެވޭތީއެވެ. ޤަބޫލުކޮށް އިތުބާރުކުރާނަމަ ކީރިތި ޤްރްއާނުގެ އާޔަތްތަކަށް ޢަމަލުކުރާނެއެވެ. ނަމާދުކުރަންޖެހޭކަން ޤަބޫލު ކުރާނަމަ ނަމާދުކުރާނެއެވެ. ﷲ ތައާލާގެ އަމުރުފުޅުތަކަށް ބޯލަނބައި ކިޔަމަންތެރިވާނެއެވެ.

އަބޫޠާލިބްގެފާނަށްވެސް ކުރިމަތިވެވަޑައިގަތީ ހަމަ އެމައްސަލައެވެ. ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ) ބަސްފުޅުތަކަކީ ސާފު ސީދާ ތެދު ބަސްފުޅުކަން އެނގިވަޑައިގެންނެވިއެވެ. ނަމަވެސް ޤަބޫލުފުޅު ނުކުރެއްވެވުނީއެވެ. ޤަބޫލުފުޅުކުރައްވަވައި ޢަމަލުކުރައްވަވަން ފަސްޖެހިވަޑައިގަތީއެވެ.

ﷲ ތަޢަލާ ވަޙީކުރައްވަވާފައިވަނީ ނަރަކައަށް ބިރުގަންނަ މީހުން ނަރަކައިން ސަލާމަތްވާނެ ކަމަށެވެ. ނަރަކައަށް ބިރު ގަންނާނީ ތަޤްވާވެރިންނެވެ. ތަޤްވާވެރިންނަކީ ﷲ ތަޢާލާ ނަހީ ކުރެއްވެވި ކަންކަން ނުކުރާ އަދި ﷲ ތަޢާލާ އަމުރު ކުރައްވަވާފައިވާ ކަންކަން ކުރާ މީހުންނެވެ. ވީމާ ނަރަކައިން ސަލާމަތްވާނީ ކޮން ބައެއްކަން މިއޮތީ އެނގޭށެވެ.

އަހަރެމެން އަޅުކަން ކުރަނީ ކީއްކުރަން ހެއްޔެވެ؟ ހިތަށް ބިރުވެރިކަން ގެނައުމަށެވެ. ކިޔަމަންތެރިކަން އަދާކުރުމުގެ ބާރު އަށަގެންނެވުމެވެ. ނުކިޔަމަންތެރިކަމާއި ދުރުވުމަށެވެ. ތަޤްވާވެރިވެވޭނީ އެއިރުންނެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން