ޤުރްއާން ބާވައިލެއްވެވީ ﷲ ތަޢާލާއެވެ. އެފޮތުގައިވަނީ ﷲ ތައާލާގެ ވަޙީބަސްފުޅުތަކެވެ. އެފޮތް ބާވައިލެއްވެވުނީ ކީއްވެގެންކަމާއި މީސްތަކުން ޢަމަލުކުރަންވީ ގޮތް ކީރިތި ޤުރްއާނުގައި ވަރަށް ސާފުކޮށް އެނގެން އެބައޮތެވެ. މިއަދަކު އެކަންކަން އޮޅުވައެއް ނުލެވޭނެއެވެ.
ރަމަމާން މަހުގެ ރޭތައް އިޙްޔާކުރާ ޕްރޮގްރާމްތަކުގައި މިޞުރުން ވަޑައިގަންނަވާ ވާއިޡް 3 މިނިޓް ޢަރަބި ބަހުން ވާހަކަ ދެއްކެވީމާ ދިވެހި ތަރުޖަމާގައި "އޭނާ އެވިދާޅުވީ އެއީ ކަދުރުއޮށެކެވެ!" ކިޔައިދިނީމާ ޤަބޫލުކޮށްގެން ތިބި ޒަމާން މާޒީވެ ހިނގައްޖެއެވެ. މިއަދު ޤުރްއާނުގައިވާ ކަންކަން އުނގެނެން ބޭނުން ކޮންމެ މީހަކަށްވެސް އެއީ ކުރެވެން އޮތް ކަމެކެވެ.
ޢިލްމުވެރިންގެ މިންނަތް މަސައްކަތުން ތަފްސީރު ފޮތްތައްވެސް މިހާރު ޗާޕްކުރެވިފައިވާތީއެވެ.
ފުރަތަމަ މިބަލައިލަނީ ކީރިތި ޤުރްއާން ބާވައިލެއްވެވި ސަބަބަށެވެ!
"މިއީ ރަޙްމމާންވަންތަ ރަޙީމް ވަންތަ ރަސްކަލާނގެ ޙަޟްރަތުން ބާވައިލެއްވި ފޮތެކެވެ."
"އެފޮތުގެ އާޔަތް ތައް ތަފްޞީލްކޮށްދެއްވާފައިވާ ފޮތެކެވެ. ޢަރަބި ބަހުންވާ ޤުރްއާން އެއްގެ ގޮތުގައެވެ. (އެއީ އެކަން) ދަންނަ ބަޔަކަށްޓަކައެވެ."
"އުފާވެރިކަމުގެ ޚަބަރު ދޭ، އަދި ބިރުވެރިކަމުގެ ޚަބަރު ދޭ ފޮތެއްކަމުގައެވެ. ފަހެ، އެއުރެންކުރެ ގިނަމީހުން ފުރަގަސްދީ އެނބުރިގަތޫއެވެ. ފަހެ، އެއުރެން އަޑެއް ނާހަތެވެ".
(ފުއްޞިލަތު: 2،3،4)
ދެން މިއޮތީ ޢިލްމްވެރިން މިއަދު އަދާކުރަންޖެހޭނެ ދައުރުގެ ވާހަކައެވެ. އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ-ޢަލައިހި ވަސައްލަމައަށް ފަހުގައި އިތުރަށް ރަސޫލުބޭކަލަކު ނުފޮނުއްވަވާނެއެވެ. ޢީސާގެފާނު ފައިބާ ވަޑައިގަންނަވާނީ އިތުރު ރަސޫލްބޭކަލެއްގެ ގޮތަކު ނޫނެވެ. އިސްލާމް ދީނުގެ ރިސާލަތު ފެތުރުއްވެވުމަށެވެ.
ރަސޫލްބޭކަލުން އަދާކުރެއްވެވި ދައުރު ދެން އަދާކުރައްވާނީ ﷲ ތަޢާލާއަށް ބިރުވެތިވާ، ފަރުޟުތަކަށް ރައްކައުތެރިވެ ނަމާދު ޤާއިމުކޮށް ހުކުރުކުރާ ދީނީ ޢިލްމުވެރިންނެވެ. އެހެންކަމުން ދީނީ ޢިލްމުވެރިން އަދާކުރަންޖެހޭ ދައުރު ތިރީގައިވާ 7 އާޔަތުން އެއޮތީ ވަރަށް ރަނގަޅަށް އެނގޭށެވެ! އެންމެ ފުރަތަމަ އާޔަތުން ފެށިގެން ވިދާޅުވަމުން ގެންދަވާށެވެ!
ދީނީ ޢިލްމުވެރިންނަކީ އުފާވެރިކަމުގެ ޚަބަރު ދެއްވެވުމުގެ އިތުރުން ބިރުވެރިކަމާ އިންޒާރުގެ ޚަބަރުތައް ދެއްވަން ﷲ ތަޢާލާ ޙަވާލުކުރައްވަވާފައިވާ ބައަކުކަން މި 7 އާޔަތުގައިވެސް އެވަނީ ވަޙީކުރައްވަވައިފައެވެ. މީސްތަކުންނަށް އޮތީ ﷲ ތަޢާލާ އެންގެވި ގޮތަށް ޢަމަލުކުރުމެވެ. އެއިން އެމީހަކު ބޭނުންބައެއް ނަގާފައި އަނެއްބައި ދޫކޮށްލުމެއް ނޫނެވެ.
1 ތިމަންރަސްކަލާނގެ އެ قرآن ބާވައިލެއްވީ، حق އާ އެކުގައެވެ. އަދި އެ قرآن އައީ، حق ގޮތުގައެވެ. އަދި އުފާވެރި خبر ދެއްވާ ބޭކަލަކު ކަމުގައްޔާއި، إنذار ކުރައްވާ ބޭކަލަކު ކަމުގައި މެނުވީ، ތިމަންރަސްކަލާނގެ ކަލޭގެފާނު ނުފޮނުއްވަމެވެ.
(އަލް އިސްރާ: 105)
2 "އުފާވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައްޔާއި، އަދި إنذار ކުރައްވާ ބޭކަލަކު ކަމުގައިމެނުވީ، ތިމަންރަސްކަލާނގެ ކަލާގެފާނު ނުފޮނުއްވަމެވެ."
(އަލް ފުރްޤާން: 56)
3 "އޭ ނަބިއްޔާއެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ކަލޭގެފާނު ފޮނުއްވީ ހެކިވަނިވި ބޭކަލަކު ކަމުގައްޔާއި (مؤمن ންނަށް) އުފާވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައްޔާއި (كافر ންނަށް) ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައެވެ."
(އަލް އަޙްޒާބް: 45)
4 "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނު ފޮނުއްވީ ހެކިވަނިވި ބޭކަލަކު ކަމުގައްޔާއި (مؤمن ންނަށް) އުފާވެރިކަމުގެ خبر ދެއްވައި، (كافر ންނަށް) ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައެވެ."
(އަލް ފަތްޙް: 8)
5 "އުފާވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައްޔާއި ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައި، حق ދީނާއިގެން ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭގެފާނު ފޮނުއްވީމެވެ. ފަހެ، ނަރަކައިގެ أهل ވެރިންނާމެދު ކަލޭގެފާނަކާ سؤال އެއް ނުކުރައްވާނެތެވެ."
(އަލް ބަޤަރާ: 119)
6 "އުފާވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައްޔާއި، ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައިމެނުވީ، ތިމަންރަސްކަލާނގެ، އެންމެހާ މީސްތަކުންގެ ގާތަކަށް ކަލޭގެފާނު ނުފޮނުއްވަމެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ."
(ސަބާ: 28)
7 "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ حق ދީނާއިގެން ކަލޭގެފާނު ފޮނުއްވީ، އުފާވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައްޔާއި، ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައެވެ. އަދި އެ أمّة އަކަށް إنذار ކުރައްވާ ބޭކަލަކު، އިސްވެގޮސްފައި ނުވާ އެއްވެސް أمّة އެއް ނުވެތެވެ."
(ފާޠިރް: 24)