ޢާއިޝަތުގެފާނުގެ ސީރަތު: އަބޫބަކުރުގެފާނުގެ ޚިލާފަތުގައި ޢާއިޝަތުގެފާނުގެ ދިރިއުޅުއްވުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 7މ 41ސ
ޢާއިޝަތުގެފާނުގެ ސީރަތު: އަބޫބަކުރުގެފާނުގެ ޚިލާފަތުގައި ޢާއިޝަތުގެފާނުގެ ދިރިއުޅުއްވުން

- ޢަލީ އިޙްޞާން ފިރާޤް -

 

އަބޫބަކުރުގެފާނުގެ ޚިލާފަތުގައި ޢާއިޝަތުގެފާނު

އެންމެ ފުރަތަމަ ޚިލާފަތަށް އަޅުގަނޑާއެކު ހިންގަވާ

        އެންމެ އެދެވޭގޮތަށް އެކަމަނާގެ ސީރަތު ނިކަން ބައްލަވާ 

 

ނަބިއްޔާ صلّى اللّـه عليه وسلّم  ސުވަރުގެވަޑައިގަތުމަށްފަހު، މުސްލިމުގެ ފުރަތަމަ ޚަލީފާއަކަށް އިސްކުރެވުނީ أمير المؤمنين أبوبكر الصّدّيق رضى اللّـه عنه އެވެ. ނަބިއްޔާ صلّى اللّـه عليه وسلّم  ސުވަރުގެވަޑައިގެންނެވުމާއެކު، ޢަރަބިކަރައިގެ އެތަން މިތަނުގައި ފިތުނައިގެ ހުޅުފަޅައިގެން ހިނގައްޖެއެވެ. އެއްބަޔަކު ރަސޫލުކަމަށް ދައުވާކުރަން ފަށައިފިއެވެ. އަނެއް ބަޔަކު މުރުތައްދު ވެއްޖެއެވެ. އަނެއްބައިމީހުން ޒަކާތްދެއްކުމަށް އިންކާރު ކުރަން ފަށައިފިއެވެ. 

މުރުދައްދުވީ މީހުންނާއި، ރަސޫލުކަމަށް ދައުވާކުރަމުން ގެންދާ ދޮގުވެރި ކައްޛާބުންނާ ދެކޮޅަށް ހަނގުރާމަ ކުރެއްވުމަށް أمير المؤمنين أبوبكر الصّدّيق رضى اللّـه عنه ވަރަށް ޚާއްޞަ އިސްކަމެއް ދެއްވިއެވެ.  

މާތް ރަސޫލާ صلّى اللّـه عليه وسلّم ސުވަރުގެވަޑައިގަތުމަށްފަހު، އެކަލޭގެފާނުގެ އަނބިއަނބިކަނބަލުން މާތް ރަސޫލާގެ ފަރާތްޕުޅުން އެބޭކަނބަލުންނަށް ވާރުތަވާނެ އެއްވެސް މުދަލެއް ހުރިނަމަ އެބައި ލިބޭތޯ އުޅުއްވިއެވެ. އެގޮތުން އަމީރުލް މުއުމިނީން އަބޫބަކުރުއް ޞިއްދީޤު ރަޟިޔަﷲ އަންހުގެ އަރިހަށް ޢުޘްމާން ބިން ޢައްފާން ރަޟިޔަﷲ ޢަންހު ފޮނުއްވައިގެން ވާރުތަ މުދާ ލިބޭނެ ގޮތެއްވޭތޯ މަސައްކަތް ކުރައްވަން ޤަޞްދުކުރެއްވިއެވެ. އެކަން އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާއަށް އެނގިވަޑައިގެން ވިދާޅުވިއެވެ. 

[މާތް ރަސޫލާ صلّى اللّـه عليه وسلّم މިހެން ވިދާޅުވެފައެއް ނުވޭ ހެއްޔެވެ؟ ނަބީބޭކަލުންގެ މުދަކީ ވާރުތަ ކުރާނެއް އެއްޗެއް ނޫނެވެ. އެބޭކަލުން ދޫކުރައްވައިފައި ވަޑައިގަންނަވާ މުދަލަކީ ޞަދަޤާތުގެ ގޮތުގައި ދޫކުރައްވައިފައިވާ ތަކެއްޗެވެ.] {ޞަޙީޙު މުސްލިމު، كتاب الجهاد والسير، باب قَوْلِ النَّبِيِّ صلى الله عليه وسلم ‏"‏ لاَ نُورَثُ مَا تَرَكْنَا فَهُوَ صَدَقَةٌ ‏"‏ ، ޙަދީޘް 1758} 

އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވެފައިވެއެވެ. އަބޫބަކުރުގެފާނު ވަރަށް ފިނިދުވަހެއްގައި ނާނޭފުޅު ފިއްލެވިއެވެ. އެއަށްފަހުން އެކަލޭގެފާނަށް އަވަހާރަވުމުގެ އާލާސްކަންފުޅު ޖެހިވަޑައިގެންފިއެވެ. އެކަލޭގެފާނު އާލާސްކަންފުޅާ 15 ދުވަސްވަންދެން އުޅުއްވިއެވެ. އެދުވަސްތަކުގައި މީސްތަކުންނާއިގެން އިމާމުވެވަޑައިގެން ނަމާދު ކުރެއްވުމަށް ޢުމަރުގެފާނަށް އެންގެވިއެވެ. އަބޫބަކުރުގެފާނު އާލާސްކަންފުޅާ އުޅުއްވި ދުވަސްތަކުގައި މީސްތަކުން އެކަލޭގެފާނުގެ ޙާލުކޮޅު ދުށުމަށްޓަކައި އައިސް އުޅެއެވެ. އެގޮތުން އެންމެ ގިނައިން ވަޑައިގެން އުޅުއްވީ ޢުޘްމާނުގެފާނެވެ. 

އަބޫބަކުރުގެފާނު އާލާސްކަންފުޅު ވަރަށް ބޮޑުވިފަހަރަކު މީހަކު އެކަލޭގެފާނަށް ދެންނެވިއެވެ. [ބޭސްވެރިއަކަށް ދައްކަވައިލެއްވުން ކިހިނެއްތޯއެވެ؟] އެކަލޭގެފާނު ވިދާޅުވިއެވެ. [އަހަރެން މިހާރު ބޭސްވެރިއަކަށް ދައްކައިފީމެވެ.] 

އަދިވެސް ޢާއިޝަތުގެފާނު ވިދާޅުވެފައިވެއެވެ. އަބޫބަކުރުގެފާނު އަވަހާރަވުމުގެ އާލާސްކަންފުޅުގައި އޮންނަވައި އަހަރެމެންނަށް ވިދާޅުވިއެވެ. [ތިޔަބައިމީހުން ގޮސް އަހަރެންގެ އަތުގައި ހުރި މުދާތައް ގުނާށެވެ. އެ މުދާތަކުން ބާކީ އެއްޗެއް ހުރިނަމަ އެ އެއްޗެއް އަހަރެންނަށްފަހު ޚަލީފާއަކަށް ޢައްޔަން ކުރެވޭ މީހަކަށް ދޭށެވެ.] ޢާއިޝަތުގެފާނު ވިދާޅުވެފައިވެއެވެ. ދެން އަހަރެމެން އެކަލޭގެފާނު މުދާތައް ޗެކުކޮށްފީމެވެ. އެ މުދާތައް ބެލުމުން އަހަރެމެންނަށް ފެނުނީ ނޫބީއަޅެކެވެ. އަދި ބަގީޗާއަށް ފެން އުފުލާން ގެންގުޅޭ ޖަމަލެކެވެ. ދެން އަހަރެމެން އެ ތަކެތި ޢުމަރުގެފާނުގެ އަރިހަށް ފޮނުވައިފީމެވެ. އެތަކެތި ލިބިވަޑަގެންނެވުމުން ޢުމަރުގެފާނު ކީރިތި ކުރައްވައި ހެއްދެވިއެވެ. އަދި ވިދާޅުވިއެވެ. [މާތްﷲ ޢަބޫބަކުރުގެފާނަށް ރަޙްމަތް ލައްވާށިއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ސުވަރުގެވަޑައިގެންނެވުމަށްފަހު އެކަލޭގެފާނު ލައްކަ ބުރަ އާއި ތުރާތައް އުފުއްލަވައިފިއެވެ.] 

އަބޫބަކުރުގެފާނު އަވަހާރަވުމުގެ އާލާސްކަންފުޅުގައި އޮންނެވިއިރު، ޢާއިޝަތުގެފާނު އެކަލޭގެފާނުގެ އަރިހުގައި އިންނަވައިގެން ޅެން ބައިތެއް ވިދާޅުވިއެވެ. އެ އަޑު އައްސަވައި އަބޫބަކުރުގެފާނު ކޯފާ އިސްކުރެއްވިއެވެ. އެއަށްފަހު އެ ޅެންބައިތައް އިޝާރާތް ކުރައްވައި ވިދާޅުވިއެވެ. [ކަންތައްހުރީ ތިޔަ ވިދާޅުވި ޅެމުގައިވާ ގޮތަކަށެއް ނޫނެވެ. އެއަށްވުރެ މާތްﷲ ވަޙީ ކުރައްވައިފައިވާ ބަސްފުޅުގެ ތެދުކަންމާބޮޑެވެ.] އެއަށްފަހު ޤާފު ސޫރަތުގެ 19 ވަނަ އާޔަތް ވިދާޅުވިއެވެ. އެ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ. 

وَجَاءَتْ سَكْرَةُ الْمَوْتِ بِالْحَقِّ ۖ ذَٰلِكَ مَا كُنتَ مِنْهُ تَحِيدُ ﴿١٩

މާނައީ: [އަދި މަރުގެ ސަކަރާތް حق ގޮތުގައި އަންނަހުށްޓެވެ. އެއީ ތިބާ އެޔަށް ފިލަންއުޅޭ ކަމުގައިވީ މަރެވެ.] 

ދެން އަމީރުލް މުއުމިނީން އަބޫބަކުރުއް ޞިއްދީޤު ރަޟިޔަﷲ ޢަންހު އެކަލޭގެފާނުގެ ދަރިކަނބަލުން ޢާއިޝާ ރަޟިޔަﷲ ޢަންހާއަށް ވިދާޅުވިއެވެ.

[އޭ ޢާއިޝާއެވެ. އަހަރެންގެ އަހުލުބައިތުންގެ ތެރެއިން އަހަރެން އެންމެ ލޯބިވަނީ ދަރިފުޅުދެކެއެވެ. ނަމަވެސް ބައްޕަ ހިތްހަމަނުޖެހޭ ކަމެއް އެބަ އޮތެވެ. އެހެނީ ދަރިފުޅުވަނީ ބައްޕަގެ ދަނޑުން ބައެއްތެކެތި ގެންދަވަފައިފައެވެ. ދަރިފުޅު އެތެކެތި އަނބުރާ ބައްޕަގެ މުދާތަކުގެ ތެރެއަށް ލައްވާށެވެ. އެއީ ބައްޕަގެ މުދާތައް ވާރުތަވެރިންގެ މެދުގައި ހަމަހަމައަށް ބެހިގެން ދިޔުމަށްޓަކައެވެ.] ދެން އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ އެކަމަނާގެ ބައްޕާފުޅު ވިދާޅުވި ގޮތަށް ކަންތައް ކުރެއްވިއެވެ.

{ޑރ. ޢަލީ މުޙައްމަދު އައްޞައްލާބީ، ބަޔޮގްރަފީ އޮފް އަބޫބަކްރުއް ޞިއްދީޤު، ޞަފްޙާ 732-733} 

އަބޫބަކުރުގެފާނުގެ ޙަޔާތްޕުޅުގެ އެންމެ ފަހު ދުވަހު އެކަލޭގެފާނުގެ އަރިހުގައި ލޮބުވެތި ދަރިކަނބަލުން އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ އިންނެވިއެވެ. އެކަމަނާ ވިދާޅުވެފައިވެއެވެ. އަބޫބަކުރުގެފާނު އާލާސްކަންފުޅުގެ އެންމެ ފަހުދުވަހު ތިމަންކަމަނާއަށް ވިދާޅުވިއެވެ. [މާތް ރަސޫލާ صلّى اللّـه عليه وسلّم ސުވަރުގެވަޑައިގެންނެވީ ކޮންދުވަހަކު ހެއްޔެވެ؟] ދެން ތިމަންކަމަނާ ދެންނެވީމެވެ. [ހޯމަދުވަހުގައެވެ.] އަބޫބަކުރުގެފާނު ވިދާޅުވިއެވެ. [އަހަރެންގެ އަޖަލު އަންނާނެ ކަމަށް ލަފާކުރެވެނީ މިއަދު ނޫނީ މިރޭގެ ވަގުތެއްގައެވެ.] އެއަށްފަހު ވިދާޅުވިއެވެ. [މާތް ރަސޫލާ ސުވަރުގެވަޑައިގަތުމުން ކަފުން ކުރެއްވުނީ ކޮންއެއްޗެއްގަތޯއެވެ؟] ޢާއިޝަތުގެފާނު ޖަވާބު ދެއްވިއެވެ. [ޔަމަނުގެ ތިން ސުހޫލު ފޭރާމުންނެވެ. ފަގުޑިއެއް ފޭރާމެއް އެއަށް އިތުރެއް ނުކުރެވެއެވެ.] 

މިއަޑު އައްސަވައި އެކަލޭގެފާނު ވިދާޅުވިއެވެ. [އަހަރެންގެ ކަފުނުގެ ގޮތުގައި ބޭނުންކުރުމަށް އަހަރެން ލައިގެން މިއޮތް ފޭރާން ދޮވެލާށެވެ. އެޔާއެކު ދެ ކަފުން ބޭނުން ކުރާށެވެ.] 

މިއަޑު އައްސަވައި އެކަލޭގެފާނުގެ އަރިހުގައި ތިއްބެވި ބޭކަލުން ވަރަށް ޙައިރާންވިއެވެ. އެއީ ކަފުނުގެ ތެރޭގައި ބައުވެފައިވާ ހެދުންކޮޅު ހިމެނުއްވުމަށް އެދިވަޑައިގެންނެވުމުންނެވެ. އެއްވެފައިވާ މީސްތަކުން އެކަމާ ބެހޭ ގޮތުން ސުވާލު ދެންނެވުމުން ވިދާޅުވިއެވެ. 

[އައު ފޭރާމަކުން ނިވާވުމަށް ބޭނުން ޖެހިފައިވާ އެތައް ބަޔަކު ނުވަތަ ޙައްޤުކަން ބޮޑު އެތައް ބަޔަކު ދިރިތިބީންގެ ތެރޭގައި އެބަވެއެވެ. މަރުވާ މީހުންވާނީ ބިމުގައި އުޅޭ ސޫފިތަކުގެ ކާނާއަށެވެ.] 

އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ބަފައިކަލުން އަމީރުލް މުއުމިނީން އަބޫބަކުރުއް ޞިއްދީޤު ރަޟިޔަﷲ ޢަންހު މި ފަނާވަނިވި ދުނިޔެއާ އަލްވަދާޢު ވިދާޅުވީ ހިޖުރައިން 13 ވަނަ އަހަރުގައެވެ. އެ އަހަރުގެ ޖުމާދުލްއާޚިރާމަހުގެ 22 ވީ އަންގާރަ ދުވަހުގައެވެ.

{ޑރ. ޢަލީ މުޙައްމަދު އައްޞައްލާބީ، ބަޔޮގްރަފީ އޮފް އަބޫބަކްރުއް ޞިއްދީޤު، ޞަފްޙާ 735} 

އަބޫބަކުރުގެފާނު އަވަހާރަވުމުން ފަސްދާނުވެޑުވުނީ އެކަލޭގެފާނުގެ ލޯފުޅުގެ ނޫރުފުޅު ކަމުގައި ހިމެނިވަޑައިގަންނަވާ ދަރިކަނބަލުން ޢާއިޝަތުގެފާނުގެ ކޮޓަރިކޮޅުގައެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ މަހާނާފުޅުގެ ކައިރީގައެވެ. އޭގެ ދެކަލުން ފަސްދާނުވެޑުމަށްފަހުވެސް ޢާއިޝަތުގެފާނުގެ ދިރިއުޅުއްވަމުން ގެންދެވީ އެކޮޓަރިކޮޅުގައެވެ. އެއްވެސް ފަރުދާއެއް ކުރެއްވުމަކާ ނުލައެވެ. ޢާއިޝަތުގެފާނު ވިދާޅުވެއެވެ. [މިތަނުގައި މިހާރު ފަސްދާނުވެޑުވިފައިވަނީ އަހަރެންގެ ފިރިކަލުންނާއި، އަހުރެންގެ ބަފައިކަލުންނެވެ.]

މިއަދު އޮންލައިން