ކިތަންމެ ބޮޑު ގެއްލުމެއް ދިނަސް މާފުކުރުމުގަ ދީލަތިވާ މީހުންނަށް ﷲ ލައްވަވާ ރަޙްމަތް މާބޮޑުވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
ކިތަންމެ ބޮޑު ގެއްލުމެއް ދިނަސް މާފުކުރުމުގަ ދީލަތިވާ މީހުންނަށް ﷲ ލައްވަވާ ރަޙްމަތް މާބޮޑުވާނެ! އިން ޝާ ﷲ

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ކީރިތި ޤުރްއާނުގައިވާ ޔޫސުފްގެފާނުގެ ވާހަކަފުޅުން ވަރަށް ގިނަ ވާހަކަ އަބަދުވެސް ދައްކަމެވެ. މިރޭވެސް ފާހަގަކޮށްމިލަނީ ވަރަށް މުހިންމު ކަމެކެވެ. 

އަހަރެމެންނަށް މިއަދު މިވާގޮތަކީ މީހަކު އެމީހަކަށް ދެރަކަމެއްކޮށްފިނަމަ، ނުވަތަ ގެއްލުމެއްދޭން މަސައްކަތްކޮށްފިނަމަ އެމީހަކަށް މާފުނުކުރެވެނީއެވެ. އެކަން އެއީ ވަރަށް ބޮޑު ކަމަކަށް ހަދައި ހަސަދަވެރިވެވެނީއެވެ. އަދި އެކަމަކީ ތާއަބަދަށް ހިތުގައި ބާއްވާ ކަމަކަށް ހަދަނީއެވެ. 

ނިކަން ވިސްނައިލަބަލާށެވެ! ޔޫސުފްގެފާނަށް ގެއްލުންދޭން އެކަލޭގެފާނުގެ އަޚުން ނުކުރައްވަވަނީ ކޮންކަމެއް ހެއްޔެވެ؟ އެކިއެކި ކަންކަން ކުރަމުންގޮސް އެންމެފަހުން އަވަހާރަކޮށްލުމަށްޓަކައި ބޮޑު ފުން ވަޅަކަށްވެސް ވައްޓައިލިއެވެ. 

އެހެންކަމާއިއެކުވެސް އަޚުންނަށް މާފުކުރެއްވެވީ ދީލަތިކަމާއިއެކުގައެވެ. ހިތްޕުޅުގައި އެއްވެސް މިންވަރަކަށް ޙަސަދަވެރިކަމެއް ނުބާއްވަވައެވެ. އެކަމުގެ ވާހަކަފުޅެއްވެސް ނުދައްކަވައެވެ. މިވާހަކަ ކީރިތި ޤުރްއާނުގައި ބަޔާންކުރައްވަވާފައި އެވަނީ އަހުރެމެންވެސް ހަމަ އެގޮތަށް ޢަމަލުކުރުމަށެވެ. ޢިބްރަތް ޙާޞިލްކުރުމަކީ އެއީއެވެ. ކީރިތި ޤުރްއާނަށް ޢަމަލުކުރުމަކީ އެއީއެވެ. 

ބައަކު ކިތަންމެ ވަރަކަށް މަސައްކަތްކުރި ނަމަވެސް އެއްވެސް ގެއްލުމެއް ދެވޭނީ ﷲ ތަޢާލާ އެކަމަކަށް އިރާދަކުރެއްވެވުމުންނެވެ. ބައަކު ކުރާ ކަމަކުން ކިތަންމެ ބޮޑު ގެއްލުމެއް އެވަޤުތު ލިބުނަސް އެކަމުގެ ބަދަލުގައި މާފުރިހަމަ ނިޢްމަތްތައް މިންވަރުކުރެއްވެވުމަށް އެކަލާނގެ ކުލަދުންވަންތައެވެ. 

ﷲ ތަޢާލާ އަހުރެމެންނަށް އަންގަވާފައިވަނީ މީސްތަކުންނަށް މާފުކުރުމަށެވެ. ވީމާ މާފުކުރަން ފަސްޖެހުމެއް ނެތެވެ. ކިޔަމްނަވެ ޢަމަލުކުރަންވީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށެވެ. އެއިރުން އެމީހަކަށް ﷲ ތަޢާލާ ދެއްވަވާނެ ނިޢްމަތްތައް މާބޮޑުވާނެއެވެ. 

މާފުކުރުމަކީ އެހައި ބޮޑު، ކުރަން އުނދަގޫ ކަމަކަށްވަނީ މިބުނި ކަންކަމަށް ވިސްނައިނުލެވޭތީއެވެ. ތިމާއަށް ފައިދާބޮޑުވާނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ޢަމަލުކުރުމުންކަން ޤަބޫލުކުރެވޭނަމަ އެއީ ކުރަން އެހައި ބުރަކަމަކަށް ނުވާނެއެވެ. 

ވީމާ މާފުކުރަން ފަސްނުޖެހޭށެވެ! އަބަދުވެސް މާފުކުރަން ތައްޔާރަށް ހުންނަ މީހަކަށްވާށެވެ! އެއިރުން އެމީހަކަށް ﷲ ތަޢާލާ ލައްވަވާނެ ރަޙްމަތް މާބޮޑުވާނެއެވެ! އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން