އަންހެނުންވެސް ފިރިހެނުންވެސް ޢީދުނަމާދުކުރުން ރަނގަޅީ ހާމަތަނެއްގައެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 8މ 33ސ
އަންހެނުންވެސް ފިރިހެނުންވެސް ޢީދުނަމާދުކުރުން ރަނގަޅީ ހާމަތަނެއްގައެވެ!

الحمد لله، والصلاة والسلام على رسول الله صلى الله عليه وسلم، وبعد: 

 

ރަސޫލުﷲޞައްލަﷲ ޢަލައިހި ވަސައްލަމަ ޢީދު ނަމާދު ކުރައްވަނީ ހާމަތަނެއްގައެވެ. އެކަލޭގެފާނުގެ މިސްކިތްކޮޅުގައި ޢީދު ނަމާދު ކުރެއްވި ކަމެއް ޘާބިތުވާކަށްނެތެވެ.

މާތް ﷲ ރުއްސުންލެއްވި އަބޫ ސަޢީދުލް ޚުދްރީގެ ކިބައިންރިވާވެގެންވާ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. (رواهالبخاري 956 ومسلم 88) 

މާނައަކީ: "ފިޠުރު ޢީދު ދުވަހުގައްޔާއި އަޟްޙާ ޢީދު ދުވަހުގައި ކީރިތިރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މުޞައްލާ އަށް ނިކުމެވަޑައިގަންނަވައެވެ. އެންމެ ފުރަތަމަ ކުރައްވާ ކަމަކީ ނަމާދެވެ. އެއަށްފަހުތެދުވެ ވަޑައިގެން މީސްތަކުންނާއި ކުރިމަތި ލައްވައެވެ. މީސްތަކުންއެބައިމީހުންގެ ޞަފުތަކުގައި އިށީނދެ ތިބެއެވެ. ދެން އެކަލޭގެފާނު ވަޢްޡުނަޞޭޙަތް ދެއްވާ، ވަޞިއްޔަތް ކުރައްވާ، ހެޔޮކަންތަކަށް އަމުރުކުރައްވައެވެ. އަދި އެކަލޭގެފާނު ލަޝްކަރެއް ތަނަކަށް ފޮނުއްވަން ގަޞްދުކުރައްވާނަމަ އެކަން ކުރައްވައެވެ. ނުވަތަ މީސްތަކުންނަށް ކަމަކަށް އަމުރުކުރައްވަން ގަޞްދު ކުރައްވާނަމަ އެކަމެއް ކުރައްވައެވެ. އެއަށްފަހުމުޞައްލާ އިން ނިކުމެ ވަޑައިގަންނަވައެވެ." އަބޫ ސަޢީދު ރަޟިޔަﷲ ޢަންހުވިދާޅުވިއެވެ. "އެއްފަހަރެއްގެ ފިޠުރު ޢީދުގައި ނުވަތަ އަޟްޙާ ޢީދުގައިމަދީނާގެ އަމީރު މަރުވާނާއި އެކުގައި ތިމަންކަލޭގެފާނު ނިކުތުމަށް ދާންދެންމީސްތަކުން މިގޮތުގައި ދެމިތިއްބެވެ. އަހަރުމެން މުޞައްލާ އަށް ނިކުތްއިރު ކަޘީރު ބިން އައްޞަލްތު ބިނާ ކުރައްވާފައި ހުރި މެމްބަރެއް ހުއްޓެވެ. ނަމާދުގެ ކުރިން މެމްބަރަށް އަރައިވަޑައިގަތުމަށް އަބޫސަޢީދު މަސައްކަތްކުރެއްވިއެވެ. އެހިނދު އެކަލޭގެފާނުގެ ހެދުންކޮޅުގައި ހިފާތިމަންކަލޭގެފާނު ދަމައިގަތީމެވެ. އެކަލޭގެފާނު ތިމަންނާ ކޮއްޕާލުމަށްހުމެމްބަރަށް އަރައިވަޑައިގަތެވެ. އަދި ނަމާދުގެ ކުރިން ޚުޠުބާ ދެއްވިއެވެ. ތިމަންކަލޭގެފާނު ދެންނެވީމެވެ. "އޭ އަބޫސަޢީދެވެ. މާތް ﷲ ގަންދީ ބުނަމެވެ. ކަލޭގެފާނު ބަދަލު ކުރައްވައިފިއެވެ." އަބޫސަޢީދު- ރަޟިޔަﷲ ޢަންހު- ވިދާޅުވިއެވެ. "ކަލޭގެފާނު ތިޔަ ވިދާޅުވާ ދުވަސްތައް ފާއިތުވެހިނގައްޖެއެވެ." އެހިނދު ތިމަންކަލޭގެފާނު ވިދާޅުވީމެވެ. “މާތް ﷲ ގަންދީބުނަމެވެ. ތިމަންކަލޭގެފާނަށް އެނގިވަޑައިގަންފައިވާ ގޮތަށް ވުރެ މޮޅުގޮތެއް ތިމަންކަލޭގެފާނަށް އެނގިފައެއް ނެތެވެ.” އަބޫސަޢީދު- ރަޟިޔަﷲޢަންހު- ވިދާޅުވިއެވެ. "ނަމާދުގެ ފަހުން ޚުޠުބާ އަޑުއެހުމަށް މީސްތަކުންމަޑެއް ނުކުރާނެއެވެ. އެހެންވެ، ނަމާދުގެ ކުރިޔަށް ޚުޠުބާ ދިނީއެވެ."

މިޙަދީޘްގެ ޝަރަޙާގައި އިމާމް ޢައިނީ- ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. "މިޙަދީޘް އިން ލިބޭ ފިލާވަޅުތަކުގެ ތެރޭގައި ޢީދު ނަމާދު ކުރުމަށްމައިދާނަކަށް ނިކުތުން ހިމެނެއެވެ. ޟަރޫރީ ޙާލަތެއްގައި މެނުވީމިސްކިތުގައި ޢީދު ނަމާދު ނުކުރުން ހުއްޓެވެ.” އިމާމް މާލިކުގެ ކިބައިންއިބްނު ޒިޔާދު ރިވާ ކުރެއްވިއެވެ. “މައްކާގެ އަހްލުވެރިން ފިޔަވާ އެހެންމީހުން ޢީދު ނަމާދު ކުރުން ސުންނަތް ވެގެންވަނީ މައިދާނެއްގައެވެ. މައްކާގެއަހްލުވެރިންނަށް ސުންނަތް ވެގެންވާ ގޮތަކީ މިސްކިތުގައި ކުރުމެވެ."

ފަތާވާއަލްހިންދިއްޔާގެ އެއްވަނަ ބައިގެ 118 ވަނަ ޞަފްޙާ ގައި އައިސްފައިވެއެވެ. "ޢީދު ނަމާދު ކުރުމަށް ސުންނަތް ވެގެންވަނީ މައިދާނަކަށް ނިކުތުމެވެ. އެކަމަށް މިސްކިތް ތަނަވަސްވެގެން ވިޔަސްއެވެ. މިއީ ގިނަ ޝައިޚުންގެރައުޔެވެ. އަދި ރަގަޅު ގޮތަކީވެސް މިއީ އެވެ."

އިބްނު ގުދާމާއަލްޙަންބަލީ އެކަލޭގެފާނުގެ "މުޣްނީ"ގެ (2/229-230) ގައިލިޔުއްވާފައިވެއެވެ. "ސުންނަތް ގޮތަކީ ޢީދު ނަމާދު މުޞައްލާ(މައިދާނެއް) ގައި ކުރުމެވެ. އެކަމަށް ޢަލީ ރަޟިޔަﷲ ޢަންހު އަމުރު ކުރައްވާފައިވެއެވެ. އަދި އެއީ އެދެވިގެންވާ ގޮތްކަމުގައި އަލްއައުޒާޢީ އާއި އަޞްޙާބުއްރައުޔުވިދާޅުވެފައިވެއެވެ. މިއީ އިބްނުލް މުންޛިރުގެ ވެސް ރައުޔެވެ.

އަދިވެސްއިބްނު ގުދާމާ- ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. “އަހަރުމެންގެ ދަލީލަކީރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިސްކިތް ދޫކުރެއްވުމަށް ފަހުގައިޢީދު ނަމާދަށް މައިދާނަށް ނިކުމެވަޑައިގަތުމެވެ. އަދި އެކަލޭގެފާނުގެފަހުން ވަޑައިގެންނެވި ހަތަރު ޚަލީފާ އިން ވެސް ކަންތައް ކުރެއްވީ ހަމައެގޮތަށެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެންމެ މަތިވެރިގޮތް ދޫކޮށެއް ނުލައްވާނެއެވެ. އަދި އެންމެ މަތިވެރި ގޮތް އުއްމަތަށްތަޝްރީޢު ނުކުރައްވާ ދުލެއްވެސް ނުކުރައްވާނެއެވެ. ސަބަބަކީ އަހަރުމެންނަށްއަމުރުވެވިގެން ވަނީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަމޫނާއެއް ކަމުގައި ބަލައިގަތުމަށެވެ. އަހަރުމެންނަށް އަމުރުވެވިގެންވާ ގޮތަކީއުނިގޮތް ކަމުގައިވެފައި، މަނާ ކުރެވިގެންވާ ގޮތަކީ ފުރިހަމަ ގޮތް ކަމުގައިވުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ. ޢުޛުރެއް މެދުވެރިވެގެން މެނުވީކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެމިސްކިތްކޮޅުގައި ޢީދު ނަމާދު ކުރެއްވި ކަމެއް ޘާބިތުވާކަށް ނެތެވެ. މިކަމަށް މުޅި އުއްމަތް އިޖްމާޢުވެއެވެ. މިސްކިތުގައި ޖާގަ ހުއްޓަސްވެސްއަދި ނެތަސް ވެސް ހުރިހާ ޒަމާނެއްގައިވެސް މުސްލިމުން ޢީދު ނަމާދު ކުރުމަށްމައިދާނަކަށް ނިކުމެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެމިސްކިތް ކޮޅުގެ ޝަރަފާއި އެކުގައިވެސް އެކަލޭގެފާނު ޢީދު ނަމާދުކުރެއްވުމަށް ނިކުމެވަޑައިގަންނަވަނީ މައިދާނަށެވެ."

އިމާމް ޝާފިޢީރަޙިމަހުﷲ އެކަލޭގެފާނުގެ "އަލްއުއްމު" އޭ ކިޔުނު ފޮތުގައިލިޔުއްވާފައިވެއެވެ. "ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޢީދު ނަމާދުކުރައްވަން ވެއްޖެނަމަ މަދިނާގެ ހާމަކަން ބޮޑު ސަރަޙައްދަކަށްނިކުމެވަޑައިގެން ނަމާދު ކުރައްވާ ކަމަށް އައިސްފައިވެއެވެ. އެކަލޭގެފާނުގެފަހުން ޞަޙާބީންވެސް ކަންތައް ކުރެއްވީ ހަމައެފަދައިންނެވެ. ވާރޭ ވެހޭތީނުވަތަ އެނޫންވެސް ޢުޛުރެއް މެދުވެރިވެގެން ނޫނީ މިސްކިތުގައި އެބޭފުޅުންޢީދު ނަމާދު ނުކުރައްވައެވެ. މިއީ މައްކާ ފިޔަވާ އެހެން ހުރިހާރަށެއްގައިވެސް ސަލަފުން ކަންތައް ކުރެއްވި ގޮތެވެ. ސަލަފުންގެ ތެރެއިންއެއްވެސް ބޭފުޅަކު މައްކާގައި މިސްކިތުގައި ފިޔަވާ އެހެން ތަނެއްގައި ޢީދުނަމާދު ކުރެއްވި ކަމެއް އެނގޭކަށް ނެތެވެ. އެގޮތަކީ މަސްޖިދުލް ޙަރާމަކީދުނިޔޭގައިވާ އެންމެ މާތް ބިންކޮޅުކަމުގައި ވުން ވެސް އެކަށީގެންވެއެވެ. އެހެންކަމުން، މަސްޖިދުލް ޙަރާމް ފިޔަވާ އެހެން ތަނެއްގައި ނަމާދުނުކުރެއްވުމަށް އެބޭފުޅުން ގަޞްދު ކުރެއްވީއެވެ."

އަދިވެސް އިމާމްޝާފިޢީގެ ކިބައިން ރިވާވެގެން ވެއެވެ. “ޖާގައިގެ ގޮތުން މިސްކިތް ތަނަވަސްވެގެންވާ ނަމަ މިސްކިތުގައި ޢީދު ނަމާދު ކުރުން ބޮޑަށް ރަގަޅެވެ. ސަބަބަކީއެއީ އެންމެ ޞާފުޠާހިރު ބިމެވެ. އެހެންކަމުން މައްކާގެ އަހްލުވެރިން ނަމާދުކުރުން ބޮޑަށް އެދެވިގެން ވަނީ މިސްކިތުގައެވެ.

އަލްޢައްލާމާއިބްނުލް ޙާއްޖި އެކަލޭގެފާނުގެ "އަލްމަދްޚަލު" ގެ (2/283) ގައިލިޔުއްވާފައިވެއެވެ. "ޢީދު ނަމާދުގައި ސުންނަތްވެގެންވާ ގޮތަކީމައިދާނުގައި ކުރުމެވެ. ސަބަބަކީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. 

(صلاةفيمسجديهذاأفضلمنألفصلاةفيماسواهإلاالمسجدالحرام) البخاري 1190 ومسلم 1394، 

މާނައަކީ: "ތިމަންކަލޭގެފާނުގެ މިމިސްކިތުގައި ކުރެވޭ އެންމެ ނަމާދަކީ މަސްޖިދުލްޙަރާމް ފިޔަވާ އެހެން މިސްކިތެއްގައި ކުރެވޭ އެއްހާސް ނަމާދަށް ވުރެހެޔޮކަން ބޮޑު ނަމާދެކެވެ." މިމަތިވެރި މާތް ކަމާއި އެކުގައިވެސް ޢީދުނަމާދު ކުރެއްވުމަށް ޓަކައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަމިސްކިތް ދޫކުރައްވާ މައިދާނަށް ނިކުމެވަޑައިގަތީއެވެ. މިއިން ދޭހަކޮށްދެނީޢީދު ނަމާދަށް މައިދާނަށް ނިކުތުމުގެ މަތިވެރި ކަމެވެ. ސުންނަތްގޮތަކީވެސް އެއީ އެވެ. އިމާމް މާލިކް- ރަޙިމަހުﷲ- ގެ މަޛްހަބުގައިޟަރޫރަތެއް މެދުވެރި ވެގެން މެނުވީ މިސްކިތުގައި ޢީދު ނަމާދު ކުރުމަކީސުންނަތާއި ދުރުގޮތެވެ. ސަބަބަކީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއިއެކަލޭގެފާނުގެ ފަހުން ވަޑައިގެންނެވި ހަތަރު ޚަލީފާ އިން ކުރެ އެއްވެސްބޭކަލަކު ޟަރޫރީ ޙާލަތެއް މެދުވެރިވެގެން މެނުވީ މިސްކިތުގައި ޢީދު ނަމާދުނުކުރައްވައެވެ. ޙައިޟުވެރި އަންހެނުންނަށްވެސް ޢީދު ނަމާދު ކުރެވޭމައިދާނަށް ނިކުތުމަށް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީއަމުރު ކުރައްވާފައެވެ. އެއީ އިސްލާމީ ޝިޢާރު ފާޅު ކުރުމަށް ޓަކައެވެ. އަދިޢީދުގެ އުފާ ހުރިހާ މުސްލިމުންނަށް ހޯއްދަވައި ދެއްވުމަށް ޓަކައެވެ."

ޞައްޙަޙަދީޘް ތަކުގެ އަލީގައި ޢީދު ނަމާދު ކުރުން ސުންނަތް ވެގެން ވަނީމައިދާނެއްގައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއިއެކަލޭގެފާނުގެ ފަހުން ވަޑައިގެންނެވި ހަތަރު ޚަލީފާ އިން ކުރެ އެއްވެސްބޭފުޅަކު ޟަރޫރަތެއް އޮވެގެން މެނުވީ ޢީދު ނަމާދު މިސްކިތުގައިނުކުރައްވައެވެ. އިމާމް ޝާފިޢި ފިޔަވާ އަނެއް ތިން މަޛްހަބުގެ އިމާމުންގެރައުޔަކީވެސް މިއީ އެވެ. އިމާމް ޝާފިޢީގެ ރައުޔަކީ ރަށުގައި ހުރިމިސްކިތަކީ އެންމެންނަށް ނަމާދު ކުރުމަށް ފުދޭވަރުގެ މިސްކިތެއް ކަމުގައިވަނީނަމަ ޢީދު ނަމާދު މިސްކިތުގައި ކުރުމެވެ. މިއާއި އެކުވެސް މައިދާނަށްނިކުމެ ޢީދު ނަމާދު ކުރުމަކީ މައްސަލަ އެއް އޮތް ކަމަކަށް އިމާމް ޝާފިޢީވެސް ވިދާޅުވެފައެއް ނުވެއެވެ. އިމާމް ޝާފިޢީ ވިދާޅުވެފައިވަނީ ރަށުގައިހުރި މިސްކިތަކީ އެންމެންނަށް ފުދޭވަރުގެ މިސްކިތަކަށް ނުވަނީނަމަމިސްކިތުގައި ޢީދު ނަމާދު ކުރުމަކީ މަކްރޫހަ ކަމެއް ކަމުގައެވެ."

އިސްވެބަޔާން ކުރެވުނު ޙަދީޘް ތަކުންނާއި، ޚަލީފާ އިންގެ ޢަމަލުފުޅުތަކުން، އަދިޢިލްމުވެރިންގެ ވާހަކަތަކުން އެނގެނީ މިސްކިތުގައި ޢީދު ނަމާދު ކުރުމަކީބިދްޢަ އެއް ކަމަށެވެ. އިމާމް ޝާފިޢީގެ ބަސްފުޅަށް ބެލިކަމުގައިވީނަމަވެސް، އެރަށެއްގެ ހުރިހާ އަހްލުވެރިން އެރޭނެވަރުގެ މިސްކިތެއްނެތްނަމަ ސުންނަތް ވެގެންވާ ގޮތަކީ މައިދާނަކަށް ނިކުމެ ޢީދު ނަމާދުކުރުމެވެ. މިޒަމާނުގައި މަދު ރަށެއްގައި މެނުވީ ރަށުގެ ހުރިހާރަޢްޔިތުންނަށް އެރޭވަރުގެ މިސްކިތެއް ނުހުރެއެވެ. އަނެއްކަމަކީމައިދާނުގައި ނަމާދު ކުރާއިރުގައި ފިރިހެނުންނާއި އަންހެނުން އަދިކުޑަކުދިން އެއްތަނަކަށް އެއްވެ، އެއް އިމާމެއްގެ ފަހަތުގައި ނަމާދުކޮށް، ﷲގެ ޙަޟްރަތަށް ދުޢާ ކޮށް، ﷲ އެބައިމީހުންނަށް ދެއްވި ބޮޑު ނިޢްމަތުގެމައްޗަށް އުފާކޮށް، ހެދުމުން ޢީދު ޢީދަކަށް ވެގެން ދެއެވެ.

ޢީދުނަމާދަށް އަންހެނުންވެސް ނިކުތުމަށް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ވަނީ އަމުރު ކުރައްވާފައެވެ. މީގެ ތެރެއިން އެއްވެސް ބަޔަކުއިސްތިޘްނާ ކުރައްވާފައެއް ނުވެއެވެ. އެމީހެއްގެ އަތުގައި ޢީދު ނަމާދަށްނިކުތުމަށް ލާނެ ހެދުމެއް ނެތްނަމަ އެހެން މީހެއްގެ އަތުން ހެދުމެއްހޯދައިގެން ނަމަވެސް ޢީދު ނަމާދަށް ނިކުތުމަށް އަމުރު ކުރައްވާފައިވެއެވެ. ނަމާދު ކުރުމަށް ޢުޛުރުވެރިވާ މީހުންވެސް ޢީދު ނަމާދުގެ މައިދާނަށްނިކުތުމަށް އަމުރު ކުރައްވާފައިވެއެވެ. އެއީ މުސްލިމުންގެ ދުޢާ އާއިއުފަލުގައި ބައިވެރިވުމަށެވެ. واللهأعلم. 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން