ކުރެވުނު ފާފަތައް ކިތަންމެ ގިނަޔަސް ކަންބޮޑުނުވާށެވެ! މިހާރު ތިބާއަކީ ތިބާއަށް ކުރެވުނު ހުރިހާ ނުބައި ކަންކަން ހެޔޮ ކަންކަމަށް ބަދަލުކޮށްދެއްވަވާފައިވާ މީހެކެވެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
ކުރެވުނު ފާފަތައް ކިތަންމެ ގިނަޔަސް ކަންބޮޑުނުވާށެވެ! މިހާރު ތިބާއަކީ ތިބާއަށް ކުރެވުނު ހުރިހާ ނުބައި ކަންކަން ހެޔޮ ކަންކަމަށް ބަދަލުކޮށްދެއްވަވާފައިވާ މީހެކެވެ!  އިން ޝާ ﷲ

މިރޯދަމަހުވެސް އެންމެ ގިނަ ބައަކު ސުވާލުކުރި އެއްކަމަކީ އެމީހުންނަށް މާޒީގައި ކުރެވިފައިވާ ފާފަތަކާއިމެދުގައެވެ. އެހައިގިނައިން ފާފަތައް ކުރެވިފައިވީނަމަވެސް ﷲ ތަޢާލާ ޢަފޫކުރައްވަވައިދެއްވަވާނެ ކަމާއިމެދުގައެވެ. 

ފުރަތަމަ ކަމަކީ ތައުބާވުމަށްފަހު ތައުބާ ޤަބޫލުކުރެއްވެވި ކަމާއިމެދު ޝައްކުކޮށްގެން ނުވާނެއެވެ. އެހެނީ އެއިރުން އެކުރެވޭ ކަމަކީ ﷲ ތަޢާލާގެ ވަޙީބަސްފުޅަކަށް އިންކާރުކުރުމެވެ. ނުވަތަ ޤަބޫލު ނުކުރެވުމެވެ. އެއިރުން އެކުރެވެނީ މާބޮޑު ފާފައެކެވެ. 

އަހަރެންނަށް ބޮޑެތި ފާފަތަކާއި ކުދިފާފަތައް އިންތިހާއަށް ކުރެވުނެވެ. ނުކުރެވެނީ މިވެނި ފާފައެއް ކަމަށް ބުނެވޭކަށްވެސް ނެތެވެ. ނަމަވެސް މިހާރު މިހިރީ ތައުބާވެގެންނެވެ. އެހައި ބޮޑެތި ފާފަތައް ކުރެވިފައިވާތީ އަހަރެން ހިފިރޯދައާ ކުރިނަމާދާއި އަޅުކަން ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވަވާނެ ކަމަށް ބައެއް މީހުން އެބަބުނެއެވެ. އެއީ ތެދެއްހެއްޔެވެ؟ 

މިފަދަ މޭރުމުން ސުވާލުކުރާ އެންމެންނަށްވެސް ދޭން އޮތީ ހަމަ މިޖަވާބެވެ! 

ފުރަތަމަކަމަކީ ތިބާއަށް މިހާރުވެސް ﷲ ތަޢާލާ ތިއަވަނީ ވަރަށް ބޮޑު ނޢްމަތެއް ދެއްވަވައިފައެވެ. އެއީ ތައުބާވެވުނުކަމެވެ. ފާފަތައް ކުރުމަށްފަހު ތައުބާ ނުވެވި ކޮންމެ ދުވަހަކުހެން މަރުވަނީ ކިތައް ހާސް މީހުން ހެއްޔެވެ؟ 

ދެވަނަ ކަމަކީ ތައުބާ ނުވެވޭނެ އެއްވެސް ފާފައެއް ނުކުރެވޭނެއެވެ. މި 3 އާޔަތުން އެކަނިވެސް އެކަމަށް ހެކިލިބިގެންދާނެއެވެ. 

"އެއުރެންނީ ﷲ އާއިއެކު އެހެން އިލާހަކަށް ގޮވައި ނުހަދާ މީހުންނެވެ. އަދި ﷲ ޙުރުމަތްތެރިކުރައްވަވާފައިވާ ނަފްސެއް ޙައްްުގޮތުން ނޫނީ ނުމަރާ މީހުންނެވެ. އަދި ޒިނޭނުކުރާ މީހުންނެވެ. އެއިން ކަމެއް ކޮށްފިމީހާ (އެކަމުގެ) ޢުޤޫބާތާއި ބައްދަލުކުރާނެތެވެ." (އަލްފުރްޤާން: 78) 

"އެމީހަކަށް ޤިޔާމަތްދުވަހުން ޢަޛާބު ގިނަގުނަކުރައްވަވާ ހުއްޓެވެ. އަދި އިހާނެތިކަން ލިބިގެންވާ ޙާލު އެ ޢަޛާބުގެ ތެރޭގައި އެމީހަކު ދެމިހުންނާނެތެވެ." (އަލްފުރްޤާން: 79) 

"ތައުބާވެ އީމާންވެ ގިނަގިނައިން ޞާލިޙް ޢަމަލުކުޅަ މީހަކު މެނުވީއެވެ. ފަހެ އެއުރެންނާއިމެދު (ދަންނާށެވެ!) ﷲ އެއުރެންގެ ނުބައިކަންތައް، ހެޔޮކަންތަކަށް ބަދަލުކުރައްވަވާނެތެވެ! ގިނަގިނައިން ފާފަ ފުއްސަވާ ރަޙީމްވަންތަ ކަލަކުކަމުގައި ﷲ ވޮޑިގެންވެއެވެ."

(އަލްފުރްޤާން: 80) 

ތިބާ ތައުބާވެއްޖައީމުއެވެ. ތިއަ ގެންދަނީ ހެޔޮ ޢަމަލުކުރަމުންނެވެ! ހެޔޮ ޢަމަލުކުރުން އަދިވެސް އިތުރުކުރާށެވެ! " ގިނަގިނައިން ފާފަ ފުއްސަވާ ރަޙީމްވަންތަ ކަލަކުކަމުގައި ވޮޑިގެންވާ ﷲ ތަޢާލާ ތިބާއަށް ކުރެވިފައިވާ ނުބައި ކަންތައްތައް ހެޔޮކަންތަކަށް ބަދަލުކުރައްވަވާނެތެވެ!" އިން ޝާ ﷲ 

އަދި މިއީ އަހުރެންގެ ބަހެއް ނޫނެވެ. ﷲ ތަޢާލާގެ ވަޙީބަސްފުޅެވެ. މިނޫން ގޮތަކަށް އެބުނަނީ ޤުރްއާން ނުއެނގޭ މީހުންނެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން