"އަޅުގަނޑުގެ ދަރިފުޅުގެ ޢުމުރަކީ 7 އަހަރެވެ. ނިދީގައި ސިއްސަސިއްސައިގެންދިއުން ފަދަ ކަންކަން މެދުވެރިވާތީ ވަރަށް ގިނަ ފަހަރު ޑޮކްޓަރުންނަށްވެސް ދެއްކިއްޖެއެވެ. އެއްވެސް ބައްޔެއް ނުފެނުނެވެ. މިފަދަ ގޮތެއް މެދުވެރިވާނަމަ ރަނގަޅުކުރަން ކުރެވިދާނެ ކަމެއް އެނގިލައްވާތޯ؟"
ސުވާލުކުރެއްވި ކިޔުންތެރިޔާއަށް ދަންނަވާލަން އޮތީ ނިންދަވާއިރު ކިޔަން ހުންނަ ޛިކުރުތައް ދަރިފުޅު ލައްވައި ކިޔުއްވަންތޯއެވެ؟ އަމިއްލައަށް ނުކިޔޭހައި ހަގު އުމުރުގައި މައިންބަފައިން ކިޔަންވާނެއެވެ. އަމިއްލައަށް ކިޔޭވަރުވުމުން ކުދިން ލައްވައި ކިޔުއްވަންވާނެއެވެ.
ނިންދަވަންވީމާ ކުދިން ރީތިކޮށް ފޭރާން ބަދަލުކުރުވާ އުޞޫލުން ޛިކުރުތައް ކިޔުއްވަންވެސް ސަމާލުކަން ދެއްވާށެވެ! ތިރީގައިވާ ލިޔުމާއި ވީޑިއޯއަކީ ޢިބްރަތްތެރި ފިލާވަޅެއްކަން ފާހަގަކުރެވެއެވެ.
ޝައިޠޯނާ ނިދީގައި ހަމަލާދެނީ ހަމައެކަނި ބޮޑެތި މީހުންނަކަށް ނޫނެވެ. އަހަރެމެންގެ ތުއްތު ދަރިންނަށްވެސް ހަމަލާތައް ދެއެވެ. ވީމާ ދަރިން ނިންދަވާއިރު އެކުދިންލައްވައި ޛިކުރުތަައް ކިޔަވަންވާނެއެވެ. އާޔަތުލްކުރުސި ކިޔައިދީ ޝައިޠޯނާގެ ކިބައިން ރައްކައުތެރިކުރުވަންވާނެއެވެ.
ނަމަވެސް މިހާރަކަށް އައިސް ބައެއް ބެލެނިވެރިން ކުދިން ނިންނަދަވަންވެސް ދައްކަނީ ކޮންމެވެސް ފިލްމެކެވެ. ނިދެންދެން ކުޅެން ކުދިންގެ އަތަށް ދެނީ ގޭމެކެވެ. ނުވަތަ އެފަދަ އެޕްލިކޭޝްންތައް ހުންނަ ފޯނެކެވެ. ބައެއް ބެލެނިވެރިން ޛިކުރުތައް ކިޔައިދިނުމުގެ ބަދަލުގައި ވާހަކަވެސް ކިޔައިދެއެވެ.
އެގޮތަށް ކުދިން ނިންދެވުމުން ދެން ކަންކަންވެގެންދާގޮތް ލިޔުމުގައިވާ ވީޑިއޯއިން ފެނިވަޑައިގަންނަވާނެއެވެ. އަދި މިފަދަ ވީޑިއޯތައް ކުދިންނަށް ދެއްކުމުން ޝައިޠޯނާގެ ކިބައިން ސަލާމަތްވާން ޛިކުރުތައް ކިޔުމަށް ކުދިންގެ ޝައުޤުވެރިކަން އިތުރުވާނެއެވެ. އިން ޝާ ﷲ
ވީޑިއޯ ދައްކާއިރު ވީޑިއޯގެ ހަޤީޤަތްވެސް ބުނެދޭށެވެ. މިއީ ޛިކުރުތައް ނުކިޔައި ނިދުމުން ކަންކަންވާގޮތް އަނގައިދިނުމަށް މީހުން ކުޅެފައިވާ ވީޑިއޯއެއްކަންވެސް ބުނެދޭށެވެ. ނޫންނަމަ ކުދިންނަށް އޮޅުން އަރައި ސުވާލުތައް އުފައްދާނެއެވެ. މިހާރުގެ ކުދިންނަކީ މީހަކު ބުނާހައި ވާހަކައެއް ޤަބޫލުކުރާނެ ކުދިންނެއް ނޫނެވެ. ވީމާ ކޮންމެ ކަމެއްވެސް ބުނެދޭންވާނީ ކުދިންނަށް ޤަބޫލުކުރެވޭނެ، ބަލައިގަނެވޭނެ ގޮތަށެވެ. ފައިދާކުރާނީ އެއިރުންނެވެ.
ގުޅުންހުރި ވީޑިއޯ:
https://www.facebook.com/104479347796317/videos/325384362247643