ނަމަނަމަ ރަމަޟާން މަހު ﷲ ތަޢާލާގެ ޙަޟްރަތުން ތިބާ ޙާޞިލްކުރި ޝަރަފުގެ "ތާޖް" މަސް ނިމުމުން އެއްލައިނުލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ނަމަނަމަ  ރަމަޟާން މަހު ﷲ ތަޢާލާގެ ޙަޟްރަތުން ތިބާ ޙާޞިލްކުރި ޝަރަފުގެ "ތާޖް" މަސް ނިމުމުން އެއްލައިނުލާށެވެ!

ލޮބުވެތި އަޚުންނާ އުޚުތުންނޭވެ! އަހަރެމެން ރަމަޟާން މަހަށް ކުރިމަތިވީ ވަރަށް ވަރުގަދަ އުންމީދުތަކަކާއިއެކުގައެވެ. އެ އުންމީދުތައް ޙާޞިލްކުރަން ގަދައަޅައި މަސައްކަތްވެސް ކޮށްފީމުއެވެ.

ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ރަމަޟާން މަސް ނިމިގެން މިދިއައީއެވެ. މިރެއަށް އިރު އޮއްސުމާއިއެކު ރަމަޟާން މަސް އަލްވިދާޢުކިޔާނެއެވެ.

މިއަދު ފާހަގަކޮށްމިލަނީ މުޅި އުމުރުގައިވެސް ފަރުވާތެރިވާންޖެހޭނެ ކަމެކެވެ. އެއީ ރަމަޟާންމަހު ތިއަބައިމީހުން ވަރަށް ބުރަ މަސައްކަތުން ޙާޞިލުކުރި ޝަރަފުގެ ތާޖު ދޫކޮށްނުލުމެވެ. ނަމަނަމަ ތާޖްދޫކޮށްނުލާށެވެ!

އެމަތިވެރި ތާޖަކީ ކޮބައިކަން އެނގޭހެއްޔެވެ؟ ނުއެނގޭނަމަ އަޑުއަހާށެވެ! ވަރަށް ބުރަ މަސައްކަތުން ތިއަބައިމީހުން ފާއިއތުވި 30 ރޭ، ނުވަތަ އެއިގެ ތެރެއިން ގިނަ ރޭތަކެއްގައި ދަމުނަމާދުކޮށްފީމު ނޫންހެއްޔެވެ؟

ދަމުނަމާދަށް ރަސޫލް ﷺ ވަނީ "ޝަރަފުލްމުއްމިނީން" ނުވަތަ "މުއްމިނުންގެ ޝަރަފު"ގެ ޢިއްޒަތް ދެއްވަވައިފައެވެ.

ދެން ނިކަން ބުނެބަލާށެވެ! އެފަދަ މަތިވެރި ޢިއްޒަތާއި ޝަރަފެއް ދަމުނަމާދަށް ދެއްވަވާފައި ވަނިކޮށް ތިބާ ދަމުނަމާދުކޮށް އެ ޝަރަފު ޙާޞިލުކުރުމަށްފަހު ރަމަޟާން ނިމުނަތީ އެ މަތިވެރި ޝަރަފް ދޫކޮށްލަން ހެޔޮވެދާނެ ހެއްޔެވެ؟

އަހަރެންގެ އާދޭހަކީ ތިއަ ޙާޞިލުކުރި މަތިވެރި ޝަރަފް މުޅި އުމުރުގައިވެސް ދޫނުކުރުމެވެ. ތިމާއާއިއެކު ކައްވަޅަށްވެސް ގެންދާނެ ޝަރަފެއް ކަމުގައި ހަދައިފިމީހަކަށް ހުރި އުފާވެރިކަމުގެ ބޮޑުކަމާއިއެވެ.! އެފަދަ މީހަކު ކަމުގައި ވެވޭތޯ ގަދައަޅައި މަސައްކަތްކުރާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން