ކީރިތި ޤުރްއާނަށް ލިބިގެންވާ ބައެއް ނަންތައް-

ކިޔުމަށް ހޭދަވާނީ 3މ 50ސ
ކީރިތި ޤުރްއާނަށް ލިބިގެންވާ ބައެއް ނަންތައް-

ޢާއިޝަތު ރަފާޙް ޢަލީ

 

ކީރިތި ޤުރުއާނަކީ ޖިބްރީލް ޢަލައިހިއްސަލާމް މެދުވެރިކުރައްވަވައި ރަސޫލާ މުހައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް އަށް ބާވައިލެއްވި މުތަވާތިރު ކޮށް ނަގުލު ކުރެވިގެން އައިސްފައިވާ ﷲގެ ކަލާމްފުޅެވެ. ކީރިތި ޤުރުއާން ކިޔެވުމަކީ ޝިފާ ލިބޭނޭ ކަމެކެވެ. އަދި ހިތްހަމަޖެހުން ލިބޭ ކަމެކެވެ. ކީރިތި ޤުރުއާން ކިޔެވުމަކީ އަޅުކަމެކެވެ. އަދި ކިޔަވާ ކޮންމެ އަކުރަކަށް 10 ޘަވާބު ލިބެއެވެ.  

ކީރިތި ގުރްއާނަށް އެއް ނަމަށް ވުރެ އިތުރަށް ލިބިގެން ވެއެވެ. ތިރީގައި މި ބަޔާން ކޮށްލަނީ އެނަންތަކުގެ ތެރެއިން ބައެއް ނަންތަކެވެ.  

القران 

އެންމެ ފުރަތަމަ ނަމަކަށް މި ބަޔާން ކޮށްލަނީ القران އެވެ. އެނަމަކީ އެންމެ ގިނައިން އަދި އެންމެ މަޝްހޫރުކޮށް ބޭނުން ކުރެވޭ ނަމެވެ. މިނަން ކީރިތި ޤުރުއާންގައި ވާރިދުވެފައިވަނީ 58 ފަހަރު އެވެ. މާތް ﷲ ސުބްހާނަހޫ ވަތަޢާލާ ކީރިތި ގުރްއާނުގެ އިސްރާ ސޫރަތުގެ 82 ވަނަ އާޔަތުގައި ވަހީ ކުރައްވާފައިވެއެވެ.  

وَنُنَزِّلُ مِنَ ٱلْقُرْءَانِ مَا هُوَ شِفَآءٌ وَرَحْمَةٌ لِّلْمُؤْمِنِينَ ۙ وَلَا يَزِيدُ ٱلظَّٰلِمِينَ إِلَّا خَسَارًا ﴿٨٢﴾‏

މާނައީ: "ތިމަންރަސްކަލާނގެ قرآن ން مؤمن ންނަށް رحمة އާއި، شفاء ކަމުގައިވާ ތަކެތި ބާވައިލައްވަމެވެ. އަދި އެ قرآن ން، އަނިޔާވެރިވި މީހުންނަށް ގެއްލުމެއް މެނުވީ އިތުރެއް ނުވާހުށްޓެވެ. (82)"

الكتاب 

ދެވަނައަށް މިލިޔުމުގައި ބަޔާންކުރާ ނަމަކީ الكتاب އެވެ. ސަބަބަކީ މި ނަން ކިޔުނީ ޢަރަބި ބަހުގައި މިނަން ބޭނުން ކުރެވެނީ ފޮތަށެވެ. އަދި ކީރިތި ގުރުއާނަށް މިނަން ދެވިފައިވަނީ އެފޮތަކީ އަކުރުތައް ގުޅުވައިލެވިގެން ޖަމާކުރެވިފައިވާ، ކުރީގެ ވާހަކަތަކާއި، ފަހުން ވާނެ ކަންކަމުގެ ވާހަކަތަކާއި، ހުކުމްތަކާއި ޢަގީދާ އާއި ބެހޭ ވާހަކަތަކާއި، މިނޫންވެސް އެތައް ވާހަކަތަކެއް ބަޔާންކުރައްވާ ވާތީއެވެ.  

މާތް ﷲ ސުބްހާނަހޫ ވަތަޢާލާ ކީރިތި ގުރްއާނުގެ ބަގަރާ ސޫރަތުގެ 2 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. ذَٰلِكَ ٱلْكِتَٰبُ لَا رَيْبَ ۛ فِيهِ ۛ هُدًى لِّلْمُتَّقِينَ ﴿٢﴾‏ މާނައީ: "މިއީ އެ ފޮތެވެ. އެ ފޮތާމެދަކު شك އެއް ނެތެވެ. (މިފޮތަކީ) تقوى ވެރިންނަށްހުރި هداية އެކެވެ. (2)" 

الفرقان 

ކީރިތި ގުރްއާނަށް ދެވިފައިވާ ނަންތަކުގެ ތެރެއިން الفرقان މިނަން ބޭނުން ކުރެވޭ ސަބަބަކީ ޙައްޤާއި ބާޠިލް ވަކިކޮށްދޭ ފޮތަކަށް ވާތީއެވެ. ބައެއް ޢިލްމުވެރިން އެއީ ކީރިތި ޤުރުއާން ގެ އާޔަތްތައް ވަކިވަކިން ބާވައިލެއްވިގެން ވާތީ ކަމުގައިވެސް ބުނެވެއެވެ.  

މިކަލިމަ ކީރިތި ގުރްއާނުގައި ވާރިދުވެފައިވަނީ 6 ފަހަރުއެވެ. މާތް ﷲ ސުބްހާނަހޫ ވަތަޢާލާ ކީރިތި ގުރްއާނުގެ ބަގަރާ ސޫރަތުގެ 53 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.  

وَإِذْ ءَاتَيْنَا مُوسَى ٱلْكِتَٰبَ وَٱلْفُرْقَانَ لَعَلَّكُمْ تَهْتَدُونَ ﴿٥٣﴾‏ މާނައީ: " އަދި ތިމަންރަސްކަލާނގެ موسى ގެފާނަށް حق އާއި باطل ވަކިކުރަނިވި ފޮތް (އެބަހީ: توراة) ދެއްވިހިނދު، ހަނދުމަކުރާށެވެ! (އެއީ) ތިޔަބައިމީހުން، އެއިން ތެދުމަގު ލިބިގަތުމަށްޓަކައެވެ. (53)"

މިއަދު އޮންލައިން