ޢަލީ އިޙްޞާން ފިރާޤް
އުއްމުހާތުލް މުއުމިނީން ޙައްޖަށް ފޮނުއްވުން:
އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހު ގެ ޚިލާފަތުގައި މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަނބިއަނބިކަނބަލުން ޙައްޖަށް ވަޑައިގެންނެވުމުގެ ހުއްދައަށް އެދިވަޑައިގަންނަވަމުން ގެންދެވިއެވެ. ފުރަތަމަ ކޮޅު ޢުމަރުގެފާނު އެކަމާ ދެކޮޅު ހެއްދެވިއެވެ. ނަމަވެސް ފަހުން އެކަލޭގެފާނު އެބޭކަނބަލުން ޙައްޖަށް ވަޑައިގެންނެވުމުގެ އިޒުނަ ދެއްވިއެވެ. އެބޭކަނބަލުންގެ ޙަވާލުގައި ފޮނުއްވެވީ ޢުޘްމާނު ބިން ޢައްފާން ރަޟިޔަﷲ ޢަންހު އާއި ޢަބްދުއް ރަޙްމާނު ބުން ޢައުފު ރަޟިޔަﷲ ޢަންހު އެވެ. އޭގެ ތެރެއިން އެބޭކަލަކު، އެބޭކަނބަލުންގެ ސަވާރީތަކުގެ ކުރިމަތީން، އަނެއް ބޭކަލަކު އެބޭކަނބަލުންގެ ސަވާރީތަކުގެ ފަހަތްޕުޅުން ދަތުރު ކުރެއްވުމަށް އަމުރުކުރެއްވިއެވެ.
އެބޭކަނބަލުން ދަތުރު ކުރައްވަމުން ވަޑައިގެން މަންޒިލު ކުރައްވަން ބޭނުންފުޅު ވެއްޖެނަމަ ދެ ފަރުބަދައެއްގެ ދެމެދަށްވާނެހެން މަންޒިލު ކުރެއްވުމަށް އެންގެވިއެވެ. އަދި ޢުޘްމާނު ބިން ޢައްފާން ރަޟިޔަﷲ ޢަންހު އާއި ޢަބްދުއް ރަޙްމާނު ބުން ޢައުފު ރަޟިޔަﷲ ޢަންހު ފަރުބަދައިގެ ދެފަރާތުގައި ތިއްބަވައިގެން ހިލޭ މީހުން އެބޭކަނބަލުންނާ ގާތްވިޔަ ނުދިނުމަށް އެންގެވިއެވެ. ހަމައެހެންމެ އެބޭކަނބަލުން ކަޢުބާގެ އަރިހުގައި ޠަވާފު ކުރައްވާއިރު އެއްވެސް ފިރިހެނަކު ޠަވާފު ކުރިޔަ ނުދިނުމަށްވެސް އެންގެވިއެވެ.
{ޑރ. ޢަލީ މުޙައްމަދު އައްޞައްލާބީ، ބަޔޮގްރަފީ އޮފް ޢުމަރު ބުނުލް ޚައްޠާބު، ޞަފްޙާ 256}
ޢުމަރުގެފާނާއި، ޢުޘްމާނުގެފާނުގެ ޚިލާފަތުގައި ކުރެވުނު ޙައްޖު ދަތުރުފުޅުތަކާ ބެހޭ ގޮތުން ޚުދު އުއްމުލް މުއުމިނީން ޢާއިޝަތުގެފާނު ވިދާޅުވެފައިވެއެވެ. [ޢުމަރުގެފާނު އަޅުގަނޑުމެން ޙައްޖަށް ވަޑައިގެންނެވުން މަނާ ކުރައްވަމުން ގެންދެވިއެވެ. އަޅުގަނޑުމެން ޙައްޖަށް ދިޔުމުގެ ހުއްދަ ދެއްވީ އެކަލޭގެފާނުގެ ޚަލީފާކަމުގެ އެންމެ ފަހު އަހަރުގައެވެ. ޢުމަރުގެފާނު އަވަހާރަވުމުން ދެން ޚަލީފާއަކަށްވެވަޑައިގެންނެވީ ޢުޘްމާނުގެފާނެވެ. ތިމަންކަމަނާއާއި أم سلمة އާއި ميمونة އާއި أم حبيبة އެއްވެ މަޝްވަރާ ކުރުމަށްފަހު ޙައްޖަށް ދިޔުމުގެ އިޒްނައަށް އެދި ޢުޘްމާނުގެފާނަށް ޚަބަރު ފޮނުއްވީމެވެ. ޢުޘްމާނުގެފާނު ތިމަންބޭކަނބަލުންނަށް އެންގެވިއެވެ.
[ޢުމަރުގެފާނުގެ ޚިލާފަތުގައި ތިޔަ ކަނބަލުންނަށް ޙައްޖަށް ވަޑައިގެންނެވުމުގެ ހުއްދަ އެކަލޭގެފާނު ދެއްވިފަދައިން ތިމަންކަލޭގެފާނުވެސް ތިޔަ ކަނބަލުންނަށް އެ ހުއްދަ ދެއްވާނަމެވެ. ތިޔަ ކަނބަލުންގެ ތެރެއިން ޙައްޖަށް ވަޑައިގަންނަވަން ބޭނުންފުޅު ބޭކަނބަލަކު ތިމަންކަލޭގެފާނާއެކު ޙައްޖަށް ގެންދަވާނަމެވެ.]
ޢާއިޝަތުގެފާނު ވިދާޅުވެއެވެ. ޢުޘްމާނުގެފާނު ތިމަންމެން ހުރިހާ ބޭކަނބަލުންނާއެކު ޙައްޖަށް ވަޑައިގެންނެވިއެވެ. ޒައިނަބު ބިންތި ޖަޙުޝް އާއި ސައުދަތު ބިންތި ޒަމްޢަތު ފިޔަވައެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ސުވަރުގެވަޑައިގެން ފަހުން ސައުދަތު ދުވަހަކުވެސް ގެއިން ނުކުމެވަޑައިގެނެއް ނޫޅުއްވައެވެ.
{އިބްނު ސަޢުދު، ޠަބަޤާތު، ތަރުޖަމާ ޑރ ޢާއިޝާ ބިވްލީ، ޞަފްޙާ 147}
ސައުދަތުގެފާނާއި ޒައިނަބުގެފާނު އަވަހާރަވީ ޢުމަރުގެފާނުގެ ޚަލީފާކަމުގައެވެ. ކުރިންވެސް ދެންނެވިފައިވާނެ ފަދައިން ޢުމަރުގެފާނުގެ ޚިލާފަތުގައި ރަސޫލާ صلّى اللّـه عليه وسلّم ގެ އަނބިއަނބިކަނބަލުން ޙައްޖަށް ފޮއްނުވީ ޢުޘްމާނުގެފާނާއި، ޢަބްދުއްރަޙްމާނު ބިން ޢައުފުގެ ހަވާލުގައެވެ. މިދެންނެވި ރިވާޔަތުގައި ޢާއިޝަތުގެފާނު، ޢުޘާމާނުގެފާނުގެ ޚިލާފަތުގެ ވާހަކަ ބަޔާން ކުރައްވައިފައި އެއަށްފަހު ސައުދަތުގެފާނާއި ޒައިނަބުގެފާނުގެ ވާހަކަ ބަޔާންކުރެއްވީ ޢުމަރުގެފާނުގެ ޚިލާފަތުގައިވެސް ޢުޘްމާނުގެފާނުގެ ޚިލާފަތުގައިވެސް ޙައްޖަށް ވަޑައިގެންނެވީ އެދެކަނބަލުން ފިޔަވާ ދެން ތިއްބެވި އުއްމަހާތުން ކަމުގައިވާތީއެވެ. އިބްނު ސަޢުދުގެ ޠަބަޤާތުގައި ވާ އެހެން ރިވާޔަތެއްގައިވަނީ ޢުމަރުގެފާނުގެ ޚިލާފަތުގައި އެކަނބަލުން ޙައްޖަށް ވަޑައިގެންނެވީ އެންމެ އަހަރެއްގައި ކަމަށެވެ. އެއީ ހިޖްރައިން 23 ވަނަ އަހަރުގައެވެ.
މާތް ރަސޫލާ صلّى اللّـه عليه وسلّم މަދީނާއަށް ހިޖްރައަށް ވަޑައިގެންނެވި ދަތުރުފުޅުގައި أم معبد އޭ ކިޔުނު މުސްކުޅިފުޅު އަންހެން ބޭފުޅަކާ ބައްދަލުވެވަޑައިގެންނެވިއެވެ. އެކަމަނާ، މާތް ރަސޫލާ صلّى اللّـه عليه وسلّم އާއި އަބޫބަކުރުގެފާނަށް މެހުމާންދާރީ އަދާކުރެއްވިއެވެ. ޢުމަރުގެފާނުގެ ޚިލާފަތުގައި މާތް ރަސޫލާގެ އަނބިއަނބިކަނބަލުން ކުރެއްވި ޙައްޖު ދަތުރުފުޅުގައި އެކަނބަލުންނަށް މެހުމާންދާރީ އަދާކުރެއްވުމުގެ ނަސީބުވެސް أم معبد ގެފާނަށް ލިބިވަޑައިގެންނެވިއެވެ. أم معبد ގެފާނު ވިދާޅުވެފައިވެއެވެ.
ޢުމަރުގެފާނުގެ ޚިލާފަތުގައި، ޢުޘްމާނުގެފާނާއި ޢަބްދުއްރަޙްމާން ބިން ޢައުފު، ކީރިތި ރަސޫލާ صلّى اللّـه عليه وسلّم ގެ އަނބިއަނބިކަނބަލުންނާއެކު ޙައްޖަށް ވަޑައިގެންނެވިއެވެ. އެކަނބަލުންގެ ހައުދަޖުތަކުގެ މަތީން ފެހިކުލައިގެ ސާލު އަޅައިފައި ހުއްޓާ އަހަރެން ދުށީމެވެ. މީސްތަކުން، އެކަނބަލުންގެ ކައިރިއަށް ދިޔުން އެދެބޭކަލުން ވަރުގަދައަށް މަނާކުރައްވަމުން ގެންދެވިއެވެ. އެބޭފުޅުން ވަޑައިގެން އަހަރެންގެ ގެކައިރީގައިވާ قديد އޭ ކިޔުނު ތަނެއްގައި މަންޒިލުކުރެއްވިއެވެ. އެތަނަކީ މީސްތަކުންނަށް ނުފެންނާނެހެން ގަސްތަކަކުން ނިވާވެފައިވާ ތަނެކެވެ. ދެން އަހަރެން އެކަނބަލުންގެ އަރިހަށް ދިޔާމެވެ. އެކަނބަލުން ފެންނައިރަށް އަހަރެންނަށް ރޮވެން ފަށައިފިއެވެ. އެކަނބަލުން ވިދާޅުވިއެވެ.
[ކަމަނާ ރޮނީ ކީއްވެގެންތޯއެވެ؟]
އަހަރެން ދެންނެވީމެވެ.
[މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ މަތީން ހަނދާންވީއެވެ.]
ދެން އެކަނބަލުންވެސް ކީރިތި ކުރެއްވިއެވެ. އަހަރެން ދެންނެވީމެވެ.
[މިއީ މާތް ރަސޫލާ صلّى اللّـه عليه وسلّم ހިޖްރައަށް ވަޑައިގެންނެވި މަގުމަތީގައި އަޅުގަނޑާއެކު މަޑުކުރެއްވި ތަނެވެ.]
މިހެން ހަމަދެންނެވުމުން އެކަނބަލުންނަށް އަހަރެން މިއީ ކާކުކަން އެނގިވަޑައިގެންފިއެވެ. ދެން އަހަރެން ބަކަރި މަހާއި، ކިރު އެކަނބަލުންނަށް ދެއްވުމުން ހުރިހާ އެއްޗެއް ގަބޫލުފުޅު ކުރެއްވިއެވެ. އަދި އަހަރެން ގާތުގައި ވިދާޅުވިއެވެ.
[މިދަތުރު ނިންމައިފައި އަޅުގަނޑުމެން އެނބުރި މަދީނާއަށް ދިޔުމުން ޢުމަރުގެފާނު އަޅުގަނޑުމެންނަށް މަހު އެއްޗެތިކޮޅު ފޮނުއްވާނެވެ. އެހާރުން އަޅުގަނޑުމެންނާ ބައްދަލު ކުރުމަށް ކޮންމެހެންވެސް ކަމަނާ އަންނާންވާނެއެވެ.]
ދެން އަހަރެން އެކަނބަލުން ވިދާޅުވި ފަދައިން އޭގެ ދުވަސްކޮޅެއްފަހުން އެކަނބަލުންގެ އަރިހަށްގޮސް އެއިން ކޮންމެ ބޭކަނބަލަކާ ބައްދަލުކުރީމެވެ. އެއިން ކޮންމެ ބޭކަނބަލަކު އަހަރެންނަށް ފަންސާސް ދީނާރު ދެއްވިއެވެ.
{އިބްނު ސަޢުދު، ޠަބަޤާތު، ތަރުޖަމާ ޑރ ޢާއިޝާ ބިވްލީ، ޞަފްޙާ 147}
ޢަބްދުއްރަޙްމާން ބިން ޢައުފު ރަޟިޔަﷲ ޢަންހުގެ ހެޔޮފުޅުކަން ޢާއިޝަތުގެފާނު ހަނދުމަފުޅު ނައްތަވައެއް ނުލައްވައެވެ. އެއްފަހަރަކު ޢާއިޝަތުގެފާނުގެ އަރިހުގައި ޢަބްދުއްރަޙްމާން ބިން ޢައުފު ރަޟިޔަﷲ ޢަންހުގެ ދަރިކަލުން އަބޫސަލަމަތު ދެންނެވިއެވެ. [އަޅުގަނޑުމެންގެ ގާތުގައި ޢުރްވަތުގެ ދަރަޖަ މާ މަތިވެރިއެވެ. އެހެނީ އޭނާއަށް އޭނާ ބޭނުންފުޅުވާ ކޮންމެ ހިނދަކު ކަމަނާ ކައިރިއަށް ވަޑައިގެން ފަރުދާއަކާ ނުލައި ބައްދަލު ކުރެވެއެވެ.] ޢާއިޝަތުގެފާނު ވިދާޅުވިއެވެ. [ކަލޭގެފާނު ބޭނުންފުޅުވާ ކޮންމެ އިރަކު މިތަނަށް ވަޑައިގެން، ފަރުދާގެ އަނެއް ފަރާތުގައި ހުރެ ބޭނުން ސުވާލެއް ކުރައްވާށެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم އަށްފަހު، ތިމަންބޭކަނބަލުންނާ އެންމެ ބޮޑަށް ގުޅުން ގާއިމުކުރެއްވި މީހަކީ ކަލޭގެފާނުގެ ބަފައިކަލުންނެވެ.]
{އިބްނު ސަޢުދު، ޠަބަޤާތު، ތަރުޖަމާ ޑރ ޢާއިޝާ ބިވްލީ، ޞަފްޙާ 148}