ކޭތަނަމާދަކީ؛ އިރުކޭތަ ނުވަތަ ހަނދުކޭތަ ހިފަން ފެށުމުން އެ ވީއްލުމާއި ދެމެދުގައި ކުރެވޭ ނަމާދެކެވެ. رسولاللهصلىاللهعليهوسلم ގެ އަރިހުން ސާބިތު ނަމާދެކެވެ. البخاريއާއި مسلم ގައި އަދި ސުނަންގެ އެއްމެހައި ފޮތްތަކެއްގައި ވަރަށް ގިނަ އަސްހާބުންގެ އަރިހުން އިތުރު އެކަލޭގެފާނުން ކޭތަ ނަމާދު ކުރެއްވިކަން ސާބިތެވެ.
ކޭތަނަމާދަކީ ސުންނަތްކަން ގަދަވެގެންވާ ނަމާދެކެވެ. އެނަމާދު ކުރުން ސުންނަތްވެގެންވާ ގޮތަކީ؛ ކޭތަހިފަން ފެށުމުން މިސްކިތުގައި ޖަމާއަތުގައެވެ. އަދި ޖަމާއަތަށް ގޮވާނީ (الصلاةجامعة( މިފަދައިންނެވެ. ޖަމާއަތެއް ނެއްނަމަ އެކަނިވެސް ކުރެވޭނެއެވެ.
މިނަމާދުގައި ވަނީ ދެރަކުޢަތެވެ. ކޮންމެ ރަކުޢަތެއްގައި ދެ ރުކޫޢާއި ދެ ސަޖިދައެވެ. އެހެންވެސް ނަމާދުފަދައިން ނަމާދު ފަށައި ފާތިހާ ސޫރަތް ކިޔަވައި، ދިގުކޮށް (ގާތްގަނޑަކަށް ބަޤަރާ ސޫރަތުގެ ދިގުމިނަށް) ކިޔަވާނީއެވެ. އެއަށްފަހު اللهأكبر ކިޔައި ރުކޫޢަށް ގޮސް ދިގުކޮށް ރުކޫޢު ކުރާނީއެވެ. އެއީ ޤިޔާމަށްވުރެ ތަންކޮޅެއް ކުރުކޮށެވެ.
ދެން سمعاللهلمنحمده، ربناولكالحمد ކިޔައި ރުކޫއިން ތެދުވާނީއެވެ. ދެން ފުރަތަމަ ޤިޔާމުފަދައިން ދިގުކޮށް ކިޔަވައި ޤިޔާމު ކުރާނީއެވެ. އެއީ ފުރަތަމަ ޤިރާއަތަށްވުރެ ކުރުކޮށެވެ. ދެން އަނެއްކާވެސް ރުކޫއު ކުރާނީއެވެ. އެއީ ފުރަތަމަ ރުކޫޢަށްވުރެ ކުރުކޮށެވެ. ދެން ރުކޫޢިން ތެދުވެ، اللهأكبر ކިޔައި ސަޖިދަކުރާނީއެވެ. އަދި ސަޖިދައިގައިވެސް ތަސްބީހަކިޔާނީ ދިގުކޮށެވެ. ފުރަތަމަ ސަޖިދައަށްވުރެ ދެވަނަ ސަޖިދަ ކުރުކޮށެވެ. ދެވަނަ ސަޖިދައަށްފަހު ދެވަނަ ރަކުޢަތަށް ތެދުވެ، ކުރީ ރަކުއަތް ފަދައިން ދެވަނަ ރަކުޢަތްވެސް ކުރާނީއެވެ. އެއީ ފުރަތަމަ ރަކުޢަތަށްވުރެ ކުރު ކޮށެވެ. މިފަދައިން البخاريއާއި مسلمعائشةއާއި ابنعباسرضياللهعنهما ގެ އަރިހުން ރިވާކުރެއްވިއެވެ. ބައެއް ރިވާޔަތްތަކުގައި ރުކޫޢުގެ އަދަދު ދެއަކަށްވުރެ އިތުރުކޮށް ވާރިދުވެފައިވެއެވެ. ވީމައި ދެ ރުކޫޢަށްވުރެ އިތުރުކޮށްވެސް ރުކޫޢު ކުރެވިދާނެއެވެ.
ނަމާދަށްފަހުގައި ޚުޠުބާއެއް ކިޔައި ވަޢުޡު ނަސޭހަތެއް ދިނުން މުސްތަޙއްބު ވެގެންވެއެވެ. ކައުއިތުރު ރަސޫލު ﷺ ކޭތަ ނަމާދަށް ފަހުގައި މީސްތަކުންނަށް ވަޢުޡު ވިދާޅުވިއެވެ. ހަމައެފަދައިން؛ ދުޢާއާއި އިސްތިޣްފާރު ކުރުމާއި ތަކުބީރާއި ޛިކުރު ގިނަކުރުމާއި ޞަދަގާތް ކުރުން އެދެވިގެންވެއެވެ. [البخاريއާއި مسلم].
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް