މިދުވަސްވަރަކީ ވެރިކަމައް ކުރިމަތިލައްވައިގެން އުޅުއްވާ ބޭފުޅުން އެކިރަށްރަށަށް ދުރުވެ އެކި ވައުދު ވަމުން ދާދުވަސްވަރެކެވެ. އަދި ރައްޔިތުންވެސް ވެރިންގެ ފަރާތުން ކަންކަމުގައި އެދެއެވެ. ވެރިކަން ލިބުމުގެ ކުރިން އަދި ވެރިކަން ލިބުގެ ފަހުންވަސް ބައެއް ބޭފުޅުން ކުރަން ބުނާ ކަންތައް ކޮއްދެއެވެ. ދޭން ބުނާ ތަކެތި ރަށްރަށަށް ދީއުޅެއެވެ. ވެރިކަން ހޯދުމުގެ ނިޔަތުގައި މިފަދަ ކަންކަން ކޮއްދިނުމައް ބުނުމާއި، ރައްޔިތުން، ވެރިކަމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިން ކަންކަން ކޮށްދިނުމައް އެދުމުގެ ހުކުމަކީ ކޮބައި ހެއްޔެވެ؟
الحمد لله، والصلاة والسلام على رسول الله صلى الله عليه وسلم، وبعد:
ފުރަތަމަ ކަމަކީ ވަޢުދެއްވެއްޖެނަމަ އެވަޢުދެއް ފުއްދަން ޖެހޭނެއެވެ. ސޫރަތުލް އިސްރާގެ 34 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.
(وَأَوْفُوابِالْعَهْدِإِنَّالْعَهْدَكَانَمَسْؤُولاً)
މާނައަކީ: "އަދި ތިޔަބައިމީހުން، عهدފުއްދާށެވެ! ހަމަކަށަވަރުން، عهدއަކީ (އެއާމެދު) سؤالކުރައްވާނޭ ކަމެއްކަމުގައި ވިއެވެ."
ދެވަނަ ކަމަކީ އިންތިޚާބު ކުރެވޭ މަގާމުތަކަށް ހޮވަންވާނީ ކަމަށް އެކަށީގެންވާ މީހުންނެވެ. ގިނައިން ފައިސާދޭ، ހަދިޔާދޭ ފަރާތެއް ނޫނެވެ. އެހެން ނޫންނަމަ، އެމީޙަކު ވެއްޓިގެން އެދަނީ ފުން އަނދަވަޅުގަޑަކަށެވެ. އިސްލާމްދީނުގައިއެންމެ ބޮޑަށް ޙަރާމް ކުރެއްވި ތަކެތީގެ ތެރޭގައި ރިޝްވަތުހިމެނެއެވެ. ރިޝްވަތަކީ ފައިސާދިނުމަކާނުލާ ކޮށްދޭންޖެހޭ ކަމެއްގައި ތިމާގެ އަމިއްލަމަޞްލަޙަތެއް ފުރިހަމަ ކުރުމުގެ ބޭނުމުގައި މަސްއޫލުވެރިންނަށް ދެވޭއެއްޗަކަށް ކިޔޭނަމެކެވެ. ރިޝްވަތުދެވެނީ ޙައްގު ގޮތް ބާޠިލްކޮށް، ނުވަތަބާޠިލް އެއްޗެއް ޙައްގު އެއްޗެއްކަމުގައި ހެދުމަށް، ނުވަތަ މީހަކަށްއަނިޔާވެރިވުމަށް ކަމަށްވަނީނަމަ ޙަރާމްކަން އިތުރަށް ބޮޑުވެގެންދެއެވެ.
އިބްނުޢާބިދީން-ރަޙިމަހުﷲ- އެކަލޭގެފާނުގެ "ޙާޝިޔާ" އޭ ކިޔުނުފޮތުގައި ލިޔުއްވާފައިވެއެވެ. "ރިޝްވަތަކީ: ޙާކިމާއަށް ނުވަތަ އެނޫންވެސް ފަރާތަކަށް ތިމާއާއި އެއްކޮޅަށްމައްސަލަ ނިންމުމަށް، ނުވަތަ އޭނާ ބޭނުން ގޮތަކަށް މައްސަލައަނބުރާލުމަށްޓަކައި ދެވޭ އެއްޗަކަށްކިޔޭ ނަމެކެވެ".
މިތަނުގައިޙާކިމް އޭ އޮތް ބަހުގެ މުރާދަކީ ގާޟީ ނުވަތަ އެނޫންވެސް ރިޝްވަތުދޭމީހާގެމަޞްލަޙަތު އަނބުރާލުމުގެ ބާރު ލިބިގެންވާ މީހާއެވެ. އެއީ ސަރުކާރުގެމަސްއޫލުފަރާތެއް ނަމަވެސް ނުވަތަ އަމިއްލަ މަސައްކަތުގައި އުޅޭ ވިޔަފާރިއެޖެންޓުން ފަދަ މީހުން ކަމުގައިވީ ނަމަވެސް އެވެ.
ރިޝްވަތަކީމާތް ﷲ ޙަރާމް ކުރައްވާފައިވާ ކަމެކެވެ. އަދި އެއީ ބޮޑެތިފާފަ ތަކުގެތެރޭގައި ހިމެނޭވެސް ކަމެކެވެ. އެކަމުގައި އުޅޭ އެންމެންެގެ މައްޗަށް މާތް ﷲގެ ލަޢުނަތް ޙައްގުވެންވާ ކަމަށް ކީރިތި ރަސޫލާ -ޞައްލަﷲ އަލައިހިވަސައްލަމަ- ޙަދީޘް ކުރައްވާފައިވާ އެއްޗެކެވެ. އެހެންކަމުން ކޮންމެމުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވަނީ މިކަމުންދުރުހެލިވެ،އެހެންމީސްތަކުންވެސް މިކަމުންދުރުހެލިކުރުވުމަށް މަސައްކަތްކޮށް، އަދިއެކަމުގެ ނުބައިކަން މީސްތަކުންނަށް ބުނެދީ ހެދުމެވެ. އެކަމުގެނުބައިކަމުގެ ބޮޑުކަމާއި، އެކުލެވިގެންވާ ފަސާދައިގެ ބޮޑުކަން، އަދިއެކަމުގެ ސަބަބުން ފަހުންދިމާވެދާނެ ހިތިނަތީޖާ ތަކުގެވާހަކައިންމީސްތަކުން ހޭލުންތެރި ކުރުވުމެވެ. މިފަދަ ނުބައި ކަންތައްތަކުގައި އެކަކުއަނެކަކަށް އެހީތެރިވެ ނޫޅުމަށް ކީރިތި ގުރްއާނުގައި ވަނީއަންގަވާފައެވެ.
މާތްﷲ ވަޙީ ކުރެއްވިއެވެ. (وتعاونوا على البر والتقوى ولا تعاونوا على الإثم والعدوان)
މާނައަކީ: "ތިޔަބައިމީހުން ހެޔޮކަންތަކުގައިއެކަކު އަނެކަކަށް އެހީތެރިވެ އުޅޭށެވެ. އަދި ނުބައިކަންތަކުގައި އެކަކުއަނެކަކަށް އެހީތެރިވެ ނޫޅޭށެވެ". (ސޫރަތުލް މާއިދާ ގެ 2 ވަނަ އާޔަތް).
މީސްތަކުންގެމުދާ ނަހަމަ ގޮތުގައި ކައި އުޅުން އިސްލާމްދީން ވަނީ ޙަރާމްކުރައްވާފައެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. (يأيها الذين ءامنوا لا تأكلوا أموالكم بينكم بالباطل إلا أن تكون تجارة عن تراض منكم)
މާނައަކީ: "އޭއީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުންގެ ތެރެއިން ދެފަރާތުގެ ރުހުންމައްޗަށް އޮންނަ ވިޔަފާރިއަކުން ފިޔަވައި، އެހެން ބާޠިލްގޮތްގޮތަށްތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ކައި ނޫޅޭށެވެ". (ސޫރަތުއްނިސާ ގެ 29 ވަނަ އާޔަތް(
އަދިވެސްވަޙީ ކުރެއްވިއެވެ.(ولا تأكلوا أموالكم بينكم بالباطل وتُدلوا بها إلى الحُكّام لتأكلوا فريقاً من أموال النّاس بالإثْمِ وأنْتُم تعلمون(،
މާނައަކީ: "އަދި ތިޔަބައިމީހުންގެ މުދާތައް، ތިޔަބައިމީހުންގެ މެދުގައިކައި ނޫޅޭށެވެ. އަދި ތިޔަބައިމީހުން ދެނެތިބެގެންމެ، މީސްތަކުންގެމުދަލުގެތެރެއިން ބައެއް، ފާފަވެރިގޮތުގައި ކެއުމަށްޓަކައި،ތިޔަބައިމީހުންގެ މުދާތައް ޙުކުމްކުރާމީހުންނަށް ނުދޭށެވެ".
(ސޫރަތުލްބަގަރާ ގެ 188 ވަނަ އާޔަތް)
މީސްތަކުންގެމުދާ ބާޠިލްގޮތުގައި ކެވޭނެ އެންމެ ބޮޑުގޮތަކީ ރިޝްވަތުގެ ގޮތުގައިބޭނުންކުރުމެވެ. ސަބަބަކީ ޙައްގު މަގުން ކަމެއް އެއްކިބާ ކުރުމުގެ ގޮތުންފައިސާދެވޭތީއެވެ.
ރިޝްވަތުގައި ޝާމިލްވާ ތިން ރުކުންވެސް ވަނީ ޙަރާމް ކަންތައްތަކުގެ ތެރޭގައެވެ. އެއީރިޝްވަތުދޭމީހާއާއި، ހިފާމީހާއާއި، އެކަމުގައި މެދުވެރިއަކަށްވާ މީހާއެވެ. ރަސޫލާ -ޞައްލަﷲ އަލައިހި ވަސައްލަމް- ގެ ކިބައިން ރިވާވެގެންވެއެވެ. (لعن الله الراشي والمرتشي والرائش) މާނައަކީ: "ރިޝްވަތުދޭމީހާއާއި، ހިފާމީހާ،އަދި މެދުވެރިއަކަށްވާ މީހާއަށް މާތް ﷲ ލަޢުނަތް ލައްވައެވެ".
މާތްﷲގެ ލަޢުނަތްލެއްވުމޭ ބުނެވޭބަހުގެ މާނައަކީ: އެމީހަކު މާތް ﷲ ގެރަޙްމަތުން ބޭރުކޮށްލެވުމެވެ. މިފަދަ ބޮޑު ޢުގޫބާތެއް މީހަކަށް ލިބުމުގެމާނައަކީ އޭނާއަށް އަރައިގަނެވުނު ކުށުގެ ބޮޑުކަމެވެ. އެހެންކަމުން މިފަދަކަންތަކުން ދުރުހެލިވެތިބުމަށް އަޅުގަޑުގެ އަމިއްލަ ނަފްސަށާއި އެންމެއަޚުންނާއި އުޚްތުންނަށް ނަޞޭޙަތްތެރިވަމެވެ.
ރިޝްވަތަކީ"ސުޙްތު" ގެ ބާވަތެކެވެ. ކީރިތި ގުރްއާނުގައި ޔަހޫދީން ސުހްތު ކެއުމުގެސަބަބުން އެބައިމީހުންނަށް ވަނީ ބަދު ބަސް ރައްދުކުރައްވާފައެވެ. ވަޙީކުރެއްވިއެވެ. (سَمّاعُونَ لِلكَذِبِ أَكّالُونَ للسُّحت) މާނައަކީ: "އެއީދޮގުބަސް އަހާމީހުންނެވެ. އަދި އެއީ ޙަރާމް މުދާ ކާމީހުންނެވެ". )ސޫރަތުލް މާއިދާ ގެ 42 ވަނަ އާޔަތް (
އަދިވެސްވަޙީކުރެއްވިއެވެ. (وَتَرى كثيراً منهم يُسارعُونَ في الإثْمِ والعُدْوانِ وأكلهِمُ السُّحْتَ لبِئْسَ ما كانوا يعْملون ، لولا ينهاهُمُ الربَانيون والأحبارُ عن قولِهِمُ الإثْمَ وأكْلِهِمُ السُّحتَ لبئس ما كانوا يَصْنعون)
މާނައަކީ: "އޭގެ ތެރެއިން ގިނަބަޔަކު، ފާފަވެރިވުމަށާއިދެކޮޅުވެރިވުމަށާއި، ޙަރާމް މުދާ ކެއުމަށް އަވަސްވެގަންނަތަން ކަލޭގެފާނުދެކެވަޑައިގަންނަވާނެއެވެ އެބައިމީހުން ކުރަމުންދިޔަ ޢަމަލުތަކުގެނުބައިމާއެވެ!". (ސޫރަތުލް މާއިދާގެ 62-63)
އަދިވެސްވަޙީކުރެއްވިއެވެ. (فَبِظُلمٍ من الذين هادوا حرّمنا عليهم طيّباتٍ أُحِلّتْ لهم وبِصَدّهم عن سبيلِ الله كثيراً ، وأَخْذِهِمُ الرّبا وقَدْ نُهُوا عَنْهُ وأكلهِم أموالَ النّاسِ بالباطلِ).
މާނައީ: "ޔަހޫދީންނަށްޙަލާލު ކުރެއްވިފައިވާ ރަނގަޅު އެއްޗެހިތަކެއް، އެބައިމީހުންގެ މައްޗަށްތިމަންﷲ ޙަރާމްކުރެއްވީ، އެޔަހޫދީންގެ ފަރާތުން އަނިޔާވެރިވެ،ނުބައިކަންތައްކުރުމުގެ ސަބަބުންނެވެ. އަދި އެބައިމީހުން މާތް ﷲގެ މަގުގައިހުރަސްއަޅައި، އެމަގު ފިޔަވައި ގިނަފަހަރަށް މަނާކުރުމުގެ ސަބަބުންނެވެ. އަދި އެބައިމީހުންނަށް ނަހީވެގެންވުމާއިއެކު އެބައިމީހުން ރިބާ ހިފިކަމުގެސަބުންނެއވެ. އަދި މީސްތަކުންގެ މުދާތައް، ބާޠިލްގޮތުގައި އެބައިމީހުންކެއުމުގެ ސަބަބުންނެވެ. އެބައިމީހުންގެ ތެރެއިން ކާފިރުންނަށްޓަކައިވޭންދެނިވި ޢަޛާބު ތިމަން ﷲ ތައްޔާރުކުރައްވާހުށީމެވެ". (ސޫރަތުއްނިސާ ގެ160 ވަނަ އާޔަތް)
މިނުބައިޢަމަލުން ސަލާމަތްވެތިބުމަށް އަންގަވައި އެެތައް ޙަދީޘް ތަކެއްވާރިދުވެފައިވެއެވެ. އެގޮތުން އިބްނު ޢުމަރު-ރަޟިޔަﷲ ޢަންހު- ކީރިތިރަސޫލާ-ޞައްލަﷲ އަލައިހިވަސައްލަމަ- ގެ ކިބައިން ރިވާކުރެއްވިޙަދީޘެއްގައިވެއެވެ.
(كل لحم أنبته السحت فالنار أولى به ، قيل: وما السحت؟ قال: الرشوة في الحكم) މާނައަކީ: "ސުޙްތުކައިގެން ހަށިގަޑުގައިޖަހާފައިވާމަހަށް އެންމެ އައުލާކަންބޮޑީ ނަރަކައިގެ އަލިފާންގަނޑެވެ". ދެންނެވުނެވެ. "ސުޙްތަކީ ކޮބައިތޯއެވެ؟" ޙަދީޘް ކުރެއްވިއެވެ. "ޙުކުމްގައިރިޝްވަތު ދިނުމެވެ".
އިބްނުމަސްޢޫދު-ރަޟިޔަﷲ ޢަންހު-ގެ ކިބައިން ރިވާވެގެންވެއެވެ. "ސުޙްތަކީ ދީނުގެކަންތަކުގައި ރިޝްވަތުދިނުމެވެ".
އަލްއިމާމުއިބްނު ގުދާމާ އަލްމަގްދިސީ އެކަލޭގެފާނުގެ "އަލްމުޣްނީ" ޔޭ ކިޔުނުފޮތުގައި ލިޔުއްވާފައިވެއެވެ. (ސުޙްތު) ގެ މާނާގައި ޙަސަނުލްބަޞްރީ އާއިސަޢީދު ބިން ޖުބައިރު ވިދާޅުވިއެވެ. "އެއީ ރިޝްވަތެވެ". ގާޟީ އަކު ރިޝްވަތުހިފައިފިނަމަ އޭނާ ކުފުރުވެއްޖެއެވެ. ސަބަބަކީ ރިޝްވަރުގައިހިފާ އޭނާއެހުރީ ﷲ ގެ ޙުކުމްފުޅާ ދެކޮޅަށް ޙުކުމް ކުރުމަށް ތައްޔާރުވެގެންކަމަށްވާތީއެވެ. ﷲ ވަޙީ ކުރެއްވިއެވެ. (ومن لمْ يَحْكُم بِما أنزل اللهُ فأُولئِكَ هُمُ الكافرون) މާނައަކީ: "ﷲ ބާވާލެއްވި ޙުކުމްއާއި ދެކޮޅަށްޙުކުމްކުރާމީހާ ކާފިރުވެއްޖެ އެވެ". (ސޫރަތުލް މާއިދާ ގެ 44 ވަނަ އާޔަތް)
އަބޫހުރައިރާ-ރަޟިޔަﷲޢަންހު-ގެ ކިބައިން އަލްއިމާމް މުސްލިމް ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. (إن الله تعالى طيب لا يقبل إلا طيباً وإن الله أمر المؤمنين بما أمر به المرسلين » فقال تعالى: { يا أيّها الرُّسُلُ كُلُوا من الطيّباتِ وَاعْمَلُوا صالحاً ) وقال تعالى( يا أيها الذين آمنوا كُلُوا من طيّباتِ ما رزقْناكُم)البقرة: 172] ثم ذكر الرجل يطيل السفر أشعث أغبر يمد يديه إلى السماء يا رب، يا رب، ومطعمه حرام، ومشربه حرام، وملبسه حرام، وغُذّي بالحرام فأنّى يُستجابُ له؟
މާނައަކީ: "ހަމަކަށަވަރުން ﷲ ތަޢާލާ އަކީހުރިހާ ރަގަޅުކަމެއްގެ ޞިފަލިބިގެންވާ އިލާހެވެ. އެއިލާހު ރަގަޅު ކަންތައްފިޔަވާ އެހެން ކަމެއް ގަބޫލެއް ނުކުރައްވައެވެ. މާތް ﷲ މުއިމުންނަށްއަމުރުކުރައްވަނީ ހުރިހާ ރަސޫލު ބޭކަލުންނަށްވެސް އަމުރުކުރެއްވިފަދައިންނެވެ. ވަޙީކުރެއްވިއެވެ. "އެންމެހައި ރަސޫލު ބޭކަލުންނޭވެ. ޙަލާލު ރަގަޅުތަކެތި ކައިހަދާށެވެ. އަދި ހެޔޮ ޢަމަލު ކުރާށެވެ". (ސޫރަތުލްމުއުމިނޫން ގެ 51 ވަނަ އާޔަތް)
އަދިމުއިމުނުންނާ މުޚާޠަބު ކުރައްވާ ވަޙީ ކުރެއްވިއެވެ. "އޭއީމާންވެއްޖެމީސްތަކުންނޭވެ. ތިޔަބައިމީހުންނަށް ޙަލާލު ކުރެއްވި ރަގަޅު ތަކެތިންކައިބޮއި އުޅޭށެވެ. އަދި ހެޔޮ ޢަމަލު ކުރާހުށިކަމެވެ". (ސޫރަތުލް ބަގަރާ ގެ172 ވަނަ އާޔަތް)، އެއަށްފަހު ޙަދީޘް ކުރެއްވިއެވެ. "މީހަކުދިގުދަތުރެއްގެ މަތީގައި ހުރެ، ދަތުރުގެ ވަރުބަލިކަންމަތީގައި ހުރެހައްދަވާގެންގުޅުއްވާ އިލާހޭ ދަންނަވާ، ދެއަތްމައްޗަށްނަގައި، ގިނަގިނައިން ދުޢާ ކުރި ކަމުގައިވީނަމަވެސް އޭނާގެ ކާއެއްޗިއްސާއި، ބޯއެއްޗެތިއަދި އަންނައުނަކީ ޙަރާމްގޮތުގައި ހޯދާފައިވާ ތަކެތި ކަމަށްވަނީ ނަމައޭނާގެ ދުޢާ އިޖާބަ ކުރައްވާނީ ކޮންގޮތަކުންތޯއެވެ؟!". މިޙަދީޘް އިންދޭހަވާ ގޮތުގައި ދުޢާ އިޖާބަ ކުރެއްވުމުގެ ސަބަބުތަކުގެ ތެރޭގައިދަތުރުވެރިއަކަށްވުން، ގިނަގިނައިން ދެންނެވުން، ދެއަތްމައްޗަށްނަގާދެންނެވުން، އަދި ﷲ ގެ ރުބޫބިއްޔަތުގެ ޞިފަ (ﷲ އީ އިންސާނުން ހައްދަވާގެންގުޅުއްވާ އިލާހުކަން) ބޭނުންކުރުން، އަދި ޙަލާލުތަކެތިކެއުންބުއިމުގައި އަދި ލިބާސްއެޅުމުގައި ބޭނުންކުރުން ހިމެނެއެވެ. އެހެންކަމުންރިޝްވަތުގެ ޙަރާމް ލާރިކައިބޮއި، އަދި އެފައިސާއިން ހޯދާފައިވާހެދުމެއްލައިގެން ހުރެ މާތް ﷲ ގެ ޙަޟްރަތުގައި ދަންނަވާ ދުޢާ މާތް ﷲ އިޖާބަނުކުރައްވާނެއެވެ.
އެއްދުވަހަކުކީރިތި ރަސޫލާ-ޞައްލަﷲ އަލައިހިވަސައްލަމަ އަންނަނިވި އާޔަތް ކިޔަވާވިދާޅުވިއެވެ. (يا أيّها النّاسُ كُلُوا ممّا في الأرضِ حلالاً طيّباً)
މާނައަކީ: "އޭމީސްތަކުންނޭވެ. ތިޔަބައިމީހުން ބިމުގައިވާ ޙަލާލުރަގަޅުތަކެތިން ކައި އުޅޭށެވެ"، (ސޫރަތުލް ބަގަރާގެ 168 ވަނަ އާޔަތް)،އެހިނދުގައި ސަޢުދު ބިން އަބީ ވައްގާޞް-ރަޟިޔަﷲ ޢަންހު- ކޮޅަށްތެދުވެވަޑައިގެން ދެންނެވިއެވެ. " އޭ ﷲ ގެ ރަސޫލާއެވެ. ތިމަން ކަލޭގެފާނަކީ ދުޢާ މުސްތަޖާބު ބޭފުޅެއްކަމުގައި ލެއްވުން އެދި މާތް ﷲ ގެޙަޟްރަތުގައި ދުޢާ ކޮށް ދެއްވާށެވެ" ، ރަސޫލާ-ޞައްލަﷲ އަލައިހި ވަސައްލަމަ- ޙަދީޘް ކުރެއވިއެވެ. " އޭ ސަޢުދު އެވެ. ތިބާގެ ކާނާއަކީ ޙަލާލު އެއްޗެއްކަމުގައި ހަދާހުށިކަމެވެ. އޭރުން ތިބާއަކީ ދުޢާ މުސްތަޖާބުބޭފުޅަކަށްވާނެއެވެ. މުޙައްމަދުގެފާނުގެ ނަފްސު އެފަރާތެއްގެ އަތުގައިވާފަރާތް ގަންދެއްވާ ވިދާޅުވަމެވެ. މީހަކު ޙަރާމް ތަކެތިން ކޯވަރެއްގެމިންވަރަށް އަގަޔަށްލީކަމުގައިވީ ނަމަވެސް ސާޅީސް ދުވަސް ވަންދެންއެމީހެއްގެ ޢަމަލު ތައް މާތް ﷲ ގަބޫލު ނުކުރައްވާނެއެވެ. އެއްވެސް މީހެއްގެހަށިގަޑުގައި ޙަރާމް އެއްޗެއްކައިގެން މަސްޖަހާފައިވާނަމަ، އެމަސްތަކަށްއެންމެ އައުލާކަން ބޮޑި ނަރަކައިގެ އަލިފާންގަނޑެވެ".
އެހެންކަމުންއަޅުގަޑުމެން ކޮންމެ މީހެއްގެ ޒިންމާ އެއްކަމުގައިވާންވީ ތިމާގެ އަމިއްލަނަފްސަށާއި ތިމާގެ ބާރުފޯރާ އެންމެން، އަދި ތިމާގެ ބަސްއަހާ އެންމެންނަށްމިނުބައިވަބާ އިން ރައްކާތެރިވުމަށް ނަޞޭޙަތްތެރި ވުމެވެ. މާތް ﷲއަޅުގަޑުމެން އެންމެންނަށް ހެޔޮ ތައުފީގް ދެއްވާށިއެވެ. އާމީން. والله أعلم
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް