ނަމާދު ކުރަން ހުންނަ ވަގުތުގަ ނަމާދުން ބޭރުވާފަދަ ދުނިޔަވީ ހިޔާލުތައް ހިތުތެރެއަށް ވަނުމުން ސަލާމަތްވާން ކުރެވިދާނެ ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 49ސ
ނަމާދު ކުރަން ހުންނަ ވަގުތުގަ ނަމާދުން ބޭރުވާފަދަ ދުނިޔަވީ ހިޔާލުތައް ހިތުތެރެއަށް ވަނުމުން ސަލާމަތްވާން ކުރެވިދާނެ ބައެއް ކަންކަން-

ވަސްވާހަކީ ޝައިޠާނާ އިންސާނާގެ މައްޗަށް ބާރުގަދަވެގަތުމުގެ ސަބަބުން އުފެދޭބައްޔެކެވެ. ނުވަތަ ހަވާނަފުސަށް (ހިތްއެދޭހާ ކަންތަކަށް) މީހާގެ ހިތްލެބުމުންދިމާވާ ކަމެކެވެ. އެހެންކަމުން މިކަމުން ސަލާމަތްވުމަށް ހަދަންއޮތްއެންމެބާރުގަދަ ބޭހަކީ ތިމާގެ އީމާންކަންވަރުގަދަ ކުރުމެވެ. މާތް ﷲގެޛިކުރުކުރުން ގިނަކޮށް، ހެޔޮކަންތައް ގިނަކޮށް، ކުރެވިފައިވާ ފާފަތަކަށްތައުބާވާންވީއެވެ. 

އަދި މިފަދަ ނޭދެވޭކަންތައްތަކުން ސަލާމަތްކޮށްދެއްވުމަށްއެދި ގިނަގިނައިން މާތްﷲގެ ހަޟުރަތުގައި ދުޢާދަންނަވަންވީއެވެ. އެކަލާނގެއީ އަޅުތަކުންގެ ދުޢާ އައްސަވާވޮޑިގެންވާ، ދުޢާއިޖާބަކުރައްވަވާ އިލާހެވެ. 

ﷲ ތަޢާލާ ވަހީކުރައްވާފައިވެއެވެ. ( أَمَنْ يُجِيبُ الْمُضْطَرَّ إِذَا دَعَاهُ وَيَكْشِفُ السُّوءَ وَيَجْعَلُكُمْ خُلَفَاءَ الْأَرْضِ) النمل/62 

މާނައީ: "ނުވަތަ ދަތި އުދަނގޫ ހާލުޖެހިފައިވާމީހާ ދުޢާކުރާހިނދު އެމީހާގެދުޢާ އިޖާބަކުރައްވާ އަދި އެދަތިއުނދަގޫހާލުގެ ނުބައިކަން ކަޝްފުކުރައްވާ އަދި ކަލޭމެންނަކީ ދުނިޔޭގެވެރިކަމާއި އިމާމަތުވާރުތަވާ މިލްކެއްގެގޮތުގައި ލިބެނިވިބައެއްކަމުގައި ލެއްވި ރަސްކަލާނގެ ރަސްކަންފުޅުހެއްޔެވެ؟" 

އެހެންކަމުން ވަސްވާސްގެ އުދަގޫ ތަހައްމަލު ކުރަންޖެހިފައިވާމީހާ ހެނދުނާއި ހަވީރުގެ ދުޢާތައް ބަރާބަރަށްކިޔައި، ނިދަންއޮށޯތުމުގެ ކުރިން ކިޔަންޖެހޭދުޢާތައްކިޔައި، އަދި ކެއުމާއި ބުއިމުގެ ކުރިންނާއި ފަހުންކިޔަންޖެހޭދުޢާތަކަށްފަރުވާތެރިވެ ރައްކާތެރިވުން މުހިއްމުކަންބޮޑެވެ. މިކަންތައްތަކަށް އަހައްމިއްޔަތުކަން ދެވިއްޖެނަމަ އިން ޝާ ﷲ ޝައިޠާނީ ވަސްވާސްތަކުން ސަލާމަތްވެވޭނެއެވެ.

ވަސްވާސްތަކުން ދުރުހެލިވުމަށްޓަކައި ކުރެވިދާނެ އަނެއްކަމަކީ އެފަދަ ކަންތަކާއި ދެކޮޅަށް ތިމާގެނަފުސު ވަރުގަދަ ކުރުމެވެ. އެބަހީ އެފަދަޚިޔާލާއި ފިކުރުތައް ސިކުނޑިއަށް އައިކަމުގައިވީ ނަމަވެސް އެކަމަށް ވިސްނުން ނުބަހައްޓާ އެހެންކަމަކާއި މެދުމީހާގެ ޚިޔާލު ގެންގުޅުމެވެ.

އެއްދުވަހަކު އަސްޙާބު ބޭކަލަކުރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހައްވަޑައިގެން ނަމާދުގައުހުންނައިރު ވަސްވާސްވަންނަ ކަމުގެ ޝަކުވާ ކުރެއްވިއެވެ. އެހިނދު ކީރިތިރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ހަދީޘް ކުރެއްވިއެވެ. "އެއީ "خَنْزَبٌ"އޭ ކިޔުނު ޝައިޠާނެއްގެ ވަސްވާހާއި އުދަނގޫތަކެވެ. މިފަދަކަމެއްކުރިމަތިވެއްޖެނަމަ އަޢޫޛުކިޔައި ވާތްފަރާތައް ތިންފަހަރު ފުމެލާށެވެ." 

އަދިހަމަ އެހެންމެ މިފަދަ ކަންކަމުން ދުރުވުމަށްޓަކައި ކީރިތި ރަސޫލާޞައްލަﷲ ޢަލައިހި ވަސައްލަމަ ދެއްކެވިމަގުން ހިނގުމާއި އެކަލޭގެފާނުއެންގެވި ގޮތަށް ނަމާދުގެ އަޅުކަން އަދާކުރުމަށް ސަމާލުވާން ވާނެއެވެ. ހަމައެހެންމެ ފިރިހެން ބޭފުޅުން ޖަމާޢްތަށް މިސްކިތަށް ހާޒިރުވުމާއި ސަފުތައް ތަރުތީބުކުރުމުގައި އިސްކަން ދިނުމަކީވެސް ޝައިޠާނާގެ އުނދަގުތަކުންދުރުކޮށްދޭނެ ކަމެކެވެ. 

ފަރްޟު ނަމާދުފަހުން އަތްއުފުލާ ދުޢާ ކުރުމެއް ނެތެވެ. ނަމަވެސް، އަތް ނުއުފުލާ އެމީހަކު ބޭނުން ކަމަކަށް އެދި ދެންނެވިދާނެއެވެ. ވަކި ބަހަކުން ދެންނެވުން ލާޒިމެއް ނޫނެވެ. ކޮންމެ ބަހަކުން ދެންނެވިނަމަވެސް ﷲ މޮޅަށް ދެނެވޮޑިގެންވެއެވެ. واللهأعلم.

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

 

މިއަދު އޮންލައިން