ރަމަޟާން މަހު ޙާޞިލްކުރި ސުވަރުގެ ވަނުމުގެ ތަޅުދަނޑި އެއްލައިނުލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ރަމަޟާން މަހު ޙާޞިލްކުރި ސުވަރުގެ ވަނުމުގެ ތަޅުދަނޑި އެއްލައިނުލާށެވެ!

މީސްތަކުންނޭވެ! ރަމަޟާން މަސް އަހަރެމެންނާއި ވަކިވެގެން ދިއުމަކީ ރަމަޟާން މަހު ކުރަމުން އައި އަޅުކަންކުރުން ހުއްޓައިލާ ސަބަބަކަށް ނުހަދާށެވެ. ދަމުނަމާދުކުރުން ހުއްޓައިނުލާށެވެ! ސުވަރުގެ ވަނުމުގެ ތަޅުދަނޑި އަތަށް އެރުމުންވެސް ދޫކޮށްލުމަށްވުރެ ދެރަ ޢަމަލެއް ހަމައެކަކަށްވެސް ނުކުރެވޭނެތެވެ!

އިލްމުވެރިން ބަޔާންކުރައްވަވާގޮތުގައި ސުވަރުގެ އެދޭ މީހާއަށް އެ ފުރުޞަތު ހުޅުވައިލަދޭ ތަޅުދަނޑިއަކީ ދަމުނަމާދުކުރުމެވެ. އަހަރެމެންގެ ތެރެއިން ވަރަށް ގިނަ ބައަކު ރަމަޟާންމަހު ދަމުނަމާދުކުރިއެވެ. ރޭއަޅުކަންކުރިއެވެ. ރޭއަޅުކަމަކީ ދަމުނަމާދެވެ.

ﷲ ތަޢާލާ އެވަނީ ސުވަރުގެ ވަނުމުގެ ތަޅުދަނޑި އަހަރެމެންނާއި ޙަވާލުކުރައްވަވައިފައެވެ. ފުރުޞަތުގެ ބޭނުން ހިފައި ސުވަރުގެ ވަންނަން ގަދައަޅައި މަސައްކަތް ކުރާ މީހަކަށް އިން ޝާ ﷲ އެކަމަށް ﷲ ތަޢާލާ މަގުފަހިކޮށް ދެއްވަވާނެއެވެ. ދުޢާއަކީ އަޅުގަނޑުމެން އެންމެންނަކީވެސް މިފަދަ ފުރުޞަތުތަކުގެ ބޭނުން ފުރިހަމައަށް ހިފަން މަސައްކަތް ކުރާ ބައަކު ކަމުގައި ލެއްވެވުމެވެ!

އަހަރެންގެ ނަޒަރުގައި ދަމު ނަމާދަށް މިފަދަ މަތިވެރި އިއްޒަތާއި ޝަރަފު ދެވިފައި މިވަނީ އެނަމާދުކުރާ މީހާގެ އިއްޒަތް އެދަރަޖައަށް އުފުލިގެންދާތީއެވެ. ނިކަން ވިސްނައިބަލާށެވެ. ދަމުނަމާދުގެ ސަބަބުން މީހާގެ ފާފަތައް ފޮހެވިގެންދެއެވެ. ހަމައެއާއިއެކު ތިމާއަށް ކުރެވެން އުޅޭ ފާފަތަކުން ތިމާ ސަލާމަތްކޮށްދޭނެ އައްޑަނައަކަށްވެގެންދެއެވެ.

ދަމުނަމާދުކުރާ މީހާގެ ފާފަތައް ދާނީ ފުހެވި ހުސްވަމުންނެވެ! އަދި އިތުރަށް ކުރެވެން އުޅޭ ފާފަތަކަށް ހުރަސް އެޅިގެން ދިއުމުން އެ ފާފަތައް ނުކުރެވި ސަލާމަތްވެވޭނެ މަގު ﷲ ތަޢާލާ ދައްކަވާނެތެވެ! އިން ޝާ ﷲ

ހަމައެއާއިއެކު ވިސްނައިލަންވީ ﷲ ތަޢާލާ އެންމެ ބޮޑަށް ލޯބިވެވަޑައިގަންނަވާނީ ފާފަތައް މަދުވުމުން ކަމެވެ. ވީމާ ޤަވާއިދުން ދަމުނަމާދުކުރާ މީހާއަށް މިލިބެނީ އާދައިގެ ނިޢްމަތްތަކެއް ނޫނެއް ނޫން ހެއްޔެވެ؟ ހިތާމައަކީ މިފަދަ މަތިވެރި ނިޢްމަތްތައް ލިބެން ހުރެމެ ފުރުޞަތުގެ ބޭނުން ހިފަން މަސައްކަތްކުރާ މީހުންގެ އަދަދު މަދުކަމެވެ.

އިސްލާމީ ތިލަފަތުގެ ދަރުސަކުން --

މިއަދު އޮންލައިން