ރަމަޟާން މަހަށް ކަސްތޮޅު އެޅުއްވެވި ބޮޑެތި ޝައިޠޯނުންތައް ވީއްލިއްޖެ! ނަމަނަމަ މިކަންކަމަށް ފިސާރި ރަނގަޅަށް ވިސްނައި ސަމާލުވެގެން ހުންނާތި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 19ސ
ރަމަޟާން މަހަށް ކަސްތޮޅު އެޅުއްވެވި ބޮޑެތި ޝައިޠޯނުންތައް ވީއްލިއްޖެ! ނަމަނަމަ މިކަންކަމަށް ފިސާރި ރަނގަޅަށް ވިސްނައި ސަމާލުވެގެން ހުންނާތި!

ފާއިތުވެގެން މިދިއައީ ރަމަޟާން މަހުގެ ދުވަސްތަކެވެ. ކިތަންމެ ކުޑަ ނަމަވެސް އެންމެ ފާފައެއް ނަމަވެސް ނުކުރަން އަޒުމް ކަނޑައަޅައިގެން މަސައްކަތްކުރި މީހުން އެވަނީ އެކަން ކާމިޔާބުކޮށްފައެވެ. ދެން އޮތީ އެކަން ދަމަހައްޓަން މަސައްކަތްކުރުމެވެ. ފާފަ ކުރުމާއި ދުރުހެލިވާން އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކުރާ ކޮންމެ މީހަކަށް ﷲ ތައާލާ މަގުދައްކަވާނެތެވެ.

ބޭނުންވަނީ އިޚްލާޞްތެރިކަމެވެ. ރަމަޟާން މަހަށް ކަސްތޮޅު އެޅުއްވެވި ބޮޑެތި ޝައިޠޯނުންތައް އެމަސް ނިމުމާއިއެކު ކަސްތޮޅުން ނެއްޓި ވީއްލިއްޖެއެވެ. ބާރުމިނުގައި ކޮޅުކޮޅަށް ދުވަން ފަށައިފިއެވެ. ގެއްލުނު ކަންކަން އަނބުރާ ހޯދަން ގަދައަޅައި ތެޅެން ފަށައިފިއެވެ. ކޮންމެ ދުވަހަކީވެސް ކޮންމެ ތރެއަކވެސް އަދި ކޮންމެ ހިނދުކޮޅަކީވެސް ޝައިޠޯނާގެ ހަމަލާތައް ކޮންމެ މީހަކަށްވެސް އަމާޒުވަމުންދާނެ ވަގުތެވެ. ކުރިން މިބުނި ފަދައިން މިވަގުތަކީ ޝައިޠޯނާގެ ހަމަލާތައް އެންމެ ގަދަ ބާރުމިނުގައި އަމާޒުކުރަމުން ގެންދާނެ ވަގުތެވެ. އެއީ 1 ރަމަޟާން މަހު ފާފަތައް ކުރުމާއި ދުރުހެލިވެގެން ތިބާ ހުރީތީއެވެ.

2 ރަމަޟާން މަހު ކުރިހައި އަޅުކަން ބާކީކުރުވައި ވަޔަށް ދުއްވައިލުމުގެ ބޭނުމުގައެވެ. ނިކަން ފަސޭހައިން ބުނާނެއެވެ. މިވެނިކަމަކީ ވަރަށް ކުޑަކުޑަފާފައެކެވެ. އެފާފައިގައި އެއްވެސް ބުރަދަނެއް ނުހުންނާނެއެވެ. ހަމަ ދަންނަވައިލާއިރަށް ޢަފޫކުރައްވަވައިވެސް ދެއްވަވާނެތެވެ!

ރަނގަޅަށް ވިސްނާށެވެ!: ދުނިޔޭގައި ހުރެ ކުރި އަމަލުތައް ޤިޔާމަތް ދުވަހު އެކަލާނގެ ހާމަކުރައްވަވާއިރު ތިބާ ދުނިޔޭގައި ހުރެ ކުޅަ އެންމެހައި އަމަލުތައް ހާމަކުރައްވަވާނެތެވެ. އެއިގެ ތެރޭގައި ކުދި ފާފަތައް ކަމުގައި ބަލައިގެން ފާފަކޮށްފައިވާ މީހުންގެ ފާފަތައް ބިޔަ ފަރުބަދަތައް ފަދައިން ފުނިފުނިވަރުގެ ގޮތުގައި ފެންނާނެއެވެ. އެ ފަރުބަދަތައް ފެނި އެމީހަކު އަންތަރީސްވާނެއެވެ. ކަޅި ހުއްޓޭނެއެވެ. ތަލިން ކުޅު ހިކޭނެއެވެ. ހަތަރު އުދަރެސް ފެނުގައި ޖެހޭނެއެވެ. އެހެނީ އެއީ ކުޑަކުޑަކަމެއްކަމަށް ބަލައި ކޮށްފައިވާ ހުރިހާ ފާފަތަކެއް އެއްކޮށްލުމުން ހެދިފައިވާ ފުނިވަރުތަކުގެ ބޮޑުކަމުންނެވެ.

ބައެއް މީހުންނަށް ހީކުރެވިފައި އޮންނަނީ މިކުރެވެނީ ވަރަށް ކުޑަކުޑަ ފާފައެއް ކަމަށާއި މިހައި ކުޑަކުޑަ ފާފައެއް ކުރެވުނު ނަމަވެސް އެއީ މާބޮޑު ކަމެއް ނޫން ކަމަށެވެ. ކޮށްލާ އެންމެ ހެޔޮ އަމަލުކުން މިފަދަ ހުރިހާ ކުދިކުދި ފާފަތައް ފޮހެވިގެން ހިނގައިދާނެ ކަމަށެވެ.

މީސްތަކުންނޭވެ! އެއްގޮތަކަށްވެސް އެގޮތަށް ނުވިސްނާށެވެ! އެކަމަށް އެދުމުން ކުރެވޭ ކުދިކުދި ފާފަތައް ﷲ ތައާލާ ފުއްސަވައި ދެއްވަވަތެވެ. ނަމަވެސް ފުއްސަވައި ދެއްވެވި ކަމެއް އަދި ފުއްސަވައި ދެއްވެވީ ކޮންކޮން ކޮން ފާފަތަކެއް ކަމެއް ހަމަ އެކަކަށްވެސް ނުއެނގޭނެއެވެ. އެކަން ދެނެވޮޑިގެންވާނީ ހަމަ އެކަނި ﷲ ތައާލާއެވެ.

އެންމެ ބޮޑަށް ވިސްނަން ޖެހޭނީ ފާފައެއް ކުރެވުމާއި ކުރުމާއި އެއީ މުޅިން ދެކަމެއް ކަމެވެ. ކުދި ފާފަ ނަމަވެސް ތަކުރާރުކޮށް ކުރަމުން ގެންދާނަމަ ބިރުވެތިވާންޖެހޭނެއެވެ. ދުވާލަކު 4،5 ފަހަރު ނުވަތަ ކޮންމެ ދުވަހަކު އެއްބާވަތެއްގެ ފާފަ ކުރެވޭނަމަ އެއީ ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމެކެވެ. އެއީ ކިތަންމެ ކުދި ފާފަތަކެއް ނަމަވެސް އެކަމަށް ބިރުވެތިވާން ޖެހޭނެއެވެ.

-އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން