ޢާއިޝަތުގެފާނުގެ ސީރަތު 31: ޢުމަރުގެފާނުގެ ޚިލާފަތުގައި އެކަލޭގެފާނު ޢާއިޝަތުގެފާނު ދެއްވާ މަޝްވަރާ ޤަބޫލުފުޅު ކުރެއްވެވި!

ކިޔުމަށް ހޭދަވާނީ 4މ 50ސ
ޢާއިޝަތުގެފާނުގެ ސީރަތު 31: ޢުމަރުގެފާނުގެ ޚިލާފަތުގައި އެކަލޭގެފާނު ޢާއިޝަތުގެފާނު ދެއްވާ މަޝްވަރާ ޤަބޫލުފުޅު ކުރެއްވެވި!

ޢަލީ އިޙްޞާން ފިރާޤް

 

ޢުމަރުގެފާނު ޢާއިޝަތުގެފާނުގެ ކޮއްކޯފުޅުގެ ކާވެނިފުޅަށް އެދިވަޑައިގެންނެވުން:

އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހު އެއްފަހަރު އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާގެ އަރިހަށް ވަޑައިގެން އެކަމަނާގެ ކޮއްކޯފުޅު އުއްމު ކުލްޘޫމު ގެ ކައިވެނިފުޅަށް އެދިވަޑައިގެންނެވިއެވެ. ޢާއިޝަތުގެފާނު އެކަމަނާގެ ކޮއްކޯފުޅަށް އެ ޚަބަރު ދެއްވުމުން އޭނާ  ވިދާޅުވިއެވެ. [އަޅުގަނޑު ތިޔަ ކާވެނި ކުރާކަށް ބޭނުމެއްނޫނެވެ.] އުއްމުލް މުއުމިނީން ވިދާޅުވިއެވެ. [ކަމަނާ އަމީރުލް މުއުމިނީންގެ ކާވެނީގެ ހުށައެޅުއްވުން ރައްދު ކުރައްވަނީތޯއެވެ.؟] އެކަމަނާ ޖަވާބު ދެއްވިއެވެ. [ޢުމަރުގެފާނަކީ ވަރަށް އުނދަގޫ ދިރިއުޅުއްވުމެއް އުޅުއްވާ ބޭކަލެކެވެ. އަންހެނުންގެ ކަންތައްތަކުގައި އެކަލޭގެފާނަކީ ވަރަށް ހަރުކަށި ބޭފުޅެކެވެ.]

އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ އަށް ސީދާ މިވާހަކަ އަމީރުލް މުއުމިނީންގެ އަރިހުގައި ދަންނަވާކަށް ކެރިވަޑައެއް ނުގެންނެވިއެވެ. ދެން އެކަމަނާ މިވާހަކަ ޢަމްރޫ ބުނުލް ޢާޞް ރަޟިޔަﷲ ޢަންހު އަށް ޚަބަރު ކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. [އޭ މުއުމިނުތަކުންގެ މަންމާއެވެ. އަޅުގަނޑު ތިޔަ މައްސަލަ ހަމައަކަށް އަޅުވާނަމެވެ.] މިހެން ވިދާޅުވެ އެކަލޭގެފާނު ޢުމަރުގެފާނު  އަރިހަށް ވަޑައިގެން ވިދާޅުވިއެވެ. [އަޅުގަނޑު ވާހަކައެއް އަޑު އަހައިފީމެވެ. ކަލޭގެފާނު އެއްޗެކޭ ހީފުޅު ނުކުރައްވާނަމަ ދަންނަވާލަންކަމަށެވެ.] ޢުމަރުގެފާނު ވިދާޅުވިއެވެ. [އެއީ އަނެއްކާ ކޮންވާހަކައެއް ހެއްޔެވެ؟] 

ޢަމްރޫ ބުނުލް ޢާޞް ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. [ކަލޭގެފާނު އަބޫބަކުރުގެފާނުގެ ދަރިކަނބަލުން އުއްމު ކުލްޘޫމަށް ކާވެނި ހުށައެޅުއްވިން ތޯއެވެ؟] ޢުމަރުގެފާނު ވިދާޅުވިއެވެ. [އާދޭހެވެ. އެކަމަނާ އަޅުގަނޑަށް އެކަށީގެން ނުވަނީތޯއެވެ. ނުވަތަ އަޅުގަނޑު އެކަމަނާއަށް އެކަށީގެން ނުވަނީ ތޯއެވެ.؟]  

ޢަމްރޫ ބުނުލް ޢާޞް ރަޟިޔަﷲ ޢަންހު ޖަވާބު ދެއްވިއެވެ. [ނޫނެކެވެ. ނަމަވެސް އެކަމަނާއަކީ އުއްމުލް މުއުމިނީން ޢާއިޝާގެ އޯގާވެރިކަމުގެ ހިޔާވަހިކަމުގައި ބޮޑުފުޅުވި ބޭކަނބަލެކެވެ. އެހެންކަމުން އެކަމަނާގެ ގައިކޮޅުގައި މަޑުމައިތިކަމާއި، ލަޠީފީކަން ހަރުލައިފައިވެއެވެ. ކަލޭގެފާނަކީ މިޒާޖުފުޅު ހަރުކަށި ބޭފުޅެކެވެ. ކަލޭގެފާނު ދެކެ އެންމެން ބިރުގަނެއެވެ. ފަހަރެއްގައި އެކަމަނާ ކަލޭގެފާނާ ދެކޮޅަށް ކަމެއް ކުރައްވަފާނެއެވެ. އެއާއެކު ކަލޭގެފާނު އެކަމަނާއާމެދު ހަރުކަށިވެވަޑައިގެންފާނެއެވެ. އަބޫބަކުރުގެފާނުގެ ދަރިކަނބަލަކަށް އެފަދައިން ހަރުކަށިވެވަޑައިގެންނެވުމަކީ ރަނގަޅުކަމެއް ނޫނެއްނޫންތޯއެވެ؟.]  

ޢުމަރުގެފާނު ވިދާޅުވިއެވެ. [އަޅުގަނޑު މިހާރު އެކަމަނާގެ ކާވެނިފުޅާ ބެހޭގޮތުން ޢާއިޝާއާ ވާހަކަ ދައްކައިފީމެވެ.] ޢަމްރޫ ބުނުލް ޢާޞް ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. [ތިޔަކަންތައް އަޅުގަނޑު ހަމަޖައްސައިފާނަމެވެ.]

{ޑރ. ޢަލީ މުޙައްމަދު އައްޞައްލާބީ، ބަޔޮގްރަފީ އޮފް ޢުމަރު ބުނުލް ޚައްޠާބު، ޞަފްޙާ 267-268} 

ޢުމަރުގެފާނު، ޢާއިޝަތުގެފާނު ދެއްވާ އިރްޝާދުފުޅުތައް ޤަބޫލުފުޅު ކުރެއްވެވި! 

ޢުމަރުގެފާނުގެ ޚަލީފާކަމުގައި އެކަލޭގެފާނު ޢާއިޝަތުގެފާނު ބެއްލެވީ ވަރަށް މުހިންމު ބޭކަނބަލެއްގެ ގޮތުގައެވެ. ޢިލްމީ ގޮތުން އުފެދޭ ބައެއްކަހަލަ މައްސަލަތަކުގައި އެކަލޭގެފާނު އެކަމަނާގެ ޢިލްމީ ރަޢުޔު ހޯއްދަވައެވެ. ބައެއް ފަހަރު ޚުދު އެކަމަނާ އިސްނަންގަވައިގެންވެސް ޢުމަރުގެފާނަށް ބައެއްކަންތައްތަކުގެ މަޝްވަރާދެއްވާ ހައްދަވައެވެ.  

އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހު ގެ ޚިލާފަތުގައި މާތް ރަސޫލާ صلّى اللّـه عليه وسلّم  ގެ އަނބިއަނބިކަނބަލުންނަށް އަހަރެއްގެ މައްޗަށް ދިހަ ހާސް ދިރުހަމު ފޮނުއްވަމުން ގެންދެވިއެވެ. ނަމަވެސް އުއްމުލް މުއުމިނީން ޞަފިއްޔާ ބިންތު ޙުޔައްޔު ރަޟިޔަﷲ ޢަންހާ އަށާއި އުއްމުލް މުއުމިނީން ޖުވައިރިއްޔާ ރަޟިޔަﷲ ޢަންހާ އަށް ދެއްވީ އެއަށްވުރެ މަދުންނެވެ. އޭގެ ދުވަސްކޮޅެއްފަހުން އެކަނބަލުންގެ އަހަރީ ޚަރަދަށްވާ ފައިސާ ބާރަ ހާސް ދިރުހަމަށް ބަދަލުކޮށްލެއްވިއެވެ. މިފަހަރުވެސް ޞަފިއްޔަތުގެފާނަށާއި، ޖުވައިރިއްޔަތުގެފާނަށް ދެއްވީ މަދުންނެވެ. ހަ ހާސް ދިރުހަމެވެ. މި ޚަބަރު އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާއަށް  ލިބިވަޑައިގަތުމުން ހުރިހާ ބޭކަނބަލުންނަށް ހަމަހަމައަށް އިންޞާފުން ފައިސާ ބެއްސެވުމަށް އެދިވަޑައިގެންނެވިއެވެ. ޢުމަރުގެފާނު އެއްވެސް އިޢުތިރާޟެއް ނެތި ޢާއިޝަތުގެފާނު އެދިވަޑައިގެންނެވި ގޮތަށް ހަމަހަމައަށް އެބޭކަނބަލުންގެ މުސާރަފުޅު ހަމަޖެއްސެވިއެވެ.

{ޑރ. ޢަލީ މުޙައްމަދު އައްޞައްލާބީ، ބަޔޮގްރަފީ އޮފް ޢުމަރު ބުނުލް ޚައްޠާބު، ޞަފްޙާ 486} 

އެއްފަހަރަކު عمرو بن أمية، ޒިނޭކުރާ ބަޔަކަށް ހެދުންތަކެއް ބެއްސެވިއެވެ. އެބައިމީހުންނަކީ އެބައިމީހުންގެ އަޚްލާޤު ގޯސްކަމުގެ ސަބަބުން މުޖުމަތަމައުން އެކަހެރި ކޮށްފައިވާ ބައެކެވެ. އެކަންތައް އެނގިވަޑައިގެން ޢުމަރުގެފާނު ވަރަށް ކޯފާ އިސްކުރެއްވިއެވެ. ޢުމަރުގެފާނު ވިދާޅުވީ އެފަދަ ކަސްބީންނަށް ދެވޭ ޞަދަޤާތް މާތްﷲ ޤަބޫލުފުޅު ނުކުރައްވާނެ ކަމުގައެވެ. ނަމަވެސް عمرو بن أمية ވިދާޅުވިއެވެ. ޒިނާކުރާ މީހުންނާ ބެހޭ ގޮތުން، މާތް ރަސޫލާ صلّى اللّـه عليه وسلّم  ޙަދީޘް ކުރައްވައިފައިވެއެވެ. [އެފަދަ މީހުންނަށް ދެވޭތަކެއްޗަކީވެސް ޞަދަޤާތުގެ ގޮތުގައި ބެލެވޭނެ ތަކެއްޗެވެ.] 

މިވާހަކަ އަޑު އައްސަވައި ޢުމަރުގެފާނުގެ ކޯފާ އިތުރަށް ގަދަވިއެވެ. އެކަލޭގެފާނު ހީފުޅުކުރެއްވީ عمرو بن أمية، މާތް ރަސޫލާ صلّى اللّـه عليه وسلّم  އަށް ނިސްބަތްކުރައްވާ އިތުރުފުޅެއް ހެއްދެވީ ކަމުގައެވެ. އެންމެފަހުން އެކަމުގެ ތެދުދޮގު ބެލުމަށްޓަކައި އެދެބޭކަލުން ވަޑައިގެންނެވީ ޢާއިޝަތުގެފާނުގެ އަރިހަށެވެ. އެކަމަނާ ވިދާޅުވީ އެބަސްފުޅު އެކަމަނާވެސް އަޑު އައްސަވައިފައިވާ ކަމަށެވެ. ޢުމަރުގެފާނު ވިދާޅުވެފައިވެއެވެ. [ތިމަންކަލޭގެފާނު ވިޔަފާރީގެ ކަންތައްތަކުގައި އުޅެން ހަދައިގެން މާތް ރަސޫލާ صلّى اللّـه عليه وسلّم  ގެ ލައްކަ ގިނަ ބަސްފުޅުތައް ވަނީ ގެއްލިފައެވެ.] {ޒަރްކަޝީ، އަލްއިޖާބާ، ޞަފްޙާ 20}

 

މިއަދު އޮންލައިން