ޢިބްރަތްތެރި ވާހަކަ: ފައިސާގެ ދަހިވެތިކަމުގަ ތަނަވަސްމީހަކަށް ވިއްކާލަން އުޅުނު އަންހެން ދަރިއެއްގެ އިޙްޞާޞްތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 38ސ
ޢިބްރަތްތެރި ވާހަކަ: ފައިސާގެ ދަހިވެތިކަމުގަ ތަނަވަސްމީހަކަށް ވިއްކާލަން އުޅުނު އަންހެން ދަރިއެއްގެ އިޙްޞާޞްތައް-

އެއީ ޢީދުވިލޭރެއެކެވެ. ބައެއް މީހުން އަވަދިނެތި އުޅޭނީ ޢީދު ނަމާދަށްދާން ލާނެ ހެދުން އިސްތިރިކޮށް އެކަމަށް ތައްޔާރުވުމަށެވެ. އަނެއްބައަކު އަވަދި ނެތި އުޅޭނީ ޢޯދި ދުވަހު ކައްކާނެ އެއްޗެތި ގެއަށް ވައްދައި ހަމަކުރުމަށެވެ. އަނެއްބައަކު ޢީދު ދުވަހު ކުޅޭނެ ކުޅިވަރުތައް ކުޅެންވެސް ތައްޔާރުވާނެއެވެ.

އަޅުގަނޑު ގެއަށް ދިއައީ ޢީދުނަމާދަށް ދާން އަރާނެ ބޫޓަކާއި ފޮނިކާއެއްޗެއް ތައްޔާރުކުރާނެ އެއްޗެތި ހިފައިގެންނެވެ. ގެއަށް ގޮސް ވަދެވުނުއިރު ކަމަކުދާކަށް ނެތެވެ. ގޭތެރެ ތައްޔާރުކޮށްފައި އޮތީ އަޅުގަނޑުގެ ކައިވެންޏަށެވެ. ކައިވެނިކުރުވަން މިއުޅެނީ އިންސާނުންގެ މައްޗަށް އެއްވެސް ރަޙުމެއް ކުލުނެއް ނުހުންނަ މީހަކާއިއެވެ. އޭނާގެ ތަނަވަސްކަމަށް ދަހިވެތިވެގެންނެވެ. އެއީ އެތައް ފަހަރަކު އެކަމަށް ދެކޮޅު ހަދަމުން އައި ކަމެކެވެ. 

އަޅުގަނޑު އަވަހަށް ގެއިން ނުކުންނަން އެނބުރިލި ވަގުތު ބައްޕަ އަޅުގަނޑުގެ އަތުގައި ހިފަހައްޓައި ހުއްޓުވިއެވެ. ބުނީ ގެއިން ނުކުންނަންޖެހޭނީ އެނބުރި ގެއަށް ނުވަންނަ ގޮތަށް ކަމަށެވެ. އެގޮތަށްވެސް އެއްބަސްވީމެވެ. ބޭނުމީ ގެއިން ނުކުންނަން ކަމަށް ބުނީމެވެ.

އެވަޤުތު މަންމަ އައިސް މަސައްކަތްކުރީ އަޅުގަނޑަށް ވިސްނައިދޭށެވެ. ތަނަވަސްކަން ލިބުމުން ހުރިހާ ހިތްހަމަޖެހުމެއް ލިބޭނެ ކަމެވެ. އަދި އޭނާ އަޅުގަނޑަށް ދެރަގޮތެއް ނުހަދައި އުފަލުގައި ގެންގުޅޭނެ ކަމެވެ. އަޅުގަނޑު ބުނީމެވެ. "މިގޭގައި އެހެން ދަރިންވެސް އެބަތިއްބެވެ. އެއިން ކުއްޖަކާއި ކައިވެނިކުރުވާފައި މަންމަމެން ތަނަވަސްކަން ލިބިގންނާށެވެ! އަޅުގަނޑު ދޫކޮށްލާށެވެ!" 

އެވަގުތު ބައްޕަ އަޅުގަނޑުގެ އަތުން އަތްދޫކޮށްލުމުން ދުވެފައި ގެއިން ނުކުތީމެވެ. ފަޔަށް ލެވުނުހައި ބާރެއްލާފައި ދުވަމުން ގޮސް އެކުވެރިއެއްގެ ގެއަށްވަނީމެވެ. ވަދެވުނުކަން އެނގުނެވެ. ދެން ވީގޮތެއް ނުއެނގުނެވެ. ހޭއެރީ އެނދެއްގައި ބާއްވައިގެން ބޮލަށާއި ގަޔަށް ފެންއަޅަނިކޮށެވެ. ހޭއެރުމުން އަޅުގަނޑުގެ ޙާލު ކިޔައިދިނީމެވެ. 

އެކުވެރިޔާ އާއި އޭނާގެ ޢާއިލާއިން އަޅުގަނޑަށް އެހީތެރިވިއެވެ. ޙިމާޔަތްދިނެވެ. އެކުވެރިޔާގެ ކޮޓަރީގައި އަޅުގަނޑު ބަހައްޓައިދިނެވެ. އެގޭގައި 2 އަހަރުހުރީމެވެ. އެކުވެރިޔާ ކައިވެނިކޮށްގެން ގެއިން ނުކުމެގެން ދިއުމުންވެސް އަޅުގަނޑު ކޮޓަރީގައި ބަހައްޓައިދިނެވެ. 

އެކުވެރިޔާގެ އެހީތެރިކަމުގައި ބައްދަލުވި މީހަކާއި ކައިވެނިކުރީމެވެ. އެއީ ވަރަށް ރަނގަޅު މީހެކެވެ. ކައިވެނިކޮށްގެން ގެންގޮސް އަޅުގަނޑަށް ކަންކަން ކުރީ ވަރަށް ރަނގަޅަށެވެ. އެހިސާބުން އުފާވެރި ދިރިއުޅުމެއް ލިބުނެވެ. 

އެއީ ކައިވެންޏަށް 4 ވަނަ އަހަރެވެ. ގެއިން ނުކުތްތާ 7 ވަނަ އަހަރެވެ. އެއިރު 2 ދަރިންވެސް ވަނީ ލިބިފައެވެ. އެއްދުވަހަކު ފިރިމީހާ އައިސް ބުނީ އަޅުގަނޑުގެ މަންމަ ވަރަށް ބަލިވެއުޅޭކަމަށް އޭނާގެ އެކުވެރިއަކު ބުނި ކަމަށެވެ. އެޚަބަރު ލިބުމުން ވަރަށް ދެރަވިއެވެ. މައިމީހާގެ ޙާލުބަލައި އެހީތެރިވުމަކީ އަޅުގަނޑުގެ ޒިންމާއެއްކަމަށް ޤަބޫލުކޮށް ފިރިމީހާއާއިއެކު ގެއަށްގޮސް ބެލްޖެހީމެވެ. 

ދޮރުހުޅުވީ ދޮށީ ބޭބެއެވެ. ގެއަށް ދިއަ ސަބަބު ބުނުމުން ގެއަށް ވެއްދިއެވެ. މަންމަ ގާތަށް ދިއުމުން ފެށީ ރޯށެވެ. އެއިރުވެސް އޮތީ އެނދުގައި ނުތާހިރާއެވެ. މަންމަ ތާހިރުކޮށް ކޮށްދެވެން ހުރި ކަންކަން ކޮށްދިނީމެވެ. އަދި މަންމަ ބަލައިދޭން ތައްޔާރަށް ހުރިކަމަށާއި ނަމަވެސް ރަނގަޅަށް ބަލައިދެވޭނީ ގެއަށް ގެންގޮސްގެން ކަމަށްބުނީމެވެ. އަދި ބައްޕަ އާއި ދެމީހުންނަށްވެސް އަޅުގަނޑާއިއެކު އަޅުގަނޑުގެ ފިރިމީހާގެ ގެއަށް ދެވިދާނެކަމަށް ބުނީމެވެ. 

ބައްޕަ ބޭނުންވީ މަންމަ އެކަނި ފޮނުވާށެވެ. އެހެންވެ މަންމަ ގޮވައިގެން ގެއަށް އައީއެވެ. އަޅާލައި ބޭސްފަރުވާކުރުމުން މަންމައަށް ޝިފާލިބުނެވެ. މަންމަ ގެނައި ފަހުން މަންމަ ދެކެލަން އެކަކުވެސް ނައުދެއެވެ. އެކަމަކަށް އަޅައެއް ނުލަމެވެ. ގަދަވުމުން މަންމަ އެއްދުވަހު ހެނދުނު ސައިބޯން އިނދެފައި ބުންޏެވެ. 

"ދަރިފުޅާއެވެ. ކުށްކުރެވުނީ މަންމައަށެވެ. ބައްޕަ ފައިސާއަށް ބޭނުންވެފައި ހުރިވަރުން ބައްޕަގެ އެދުމަށް އެދުވަހު އެގޮތަށް ކަންކަން ކުރެވުނީއެވެ. މަންމައަށް މާފުކުރާށެވެ." ޖަވާބުގައި ބުނީމެވެ. "ތިއައިން އެއްވެސް ކަމެއް ހަނދާންކުރާކަށް ބޭނުމެއް ނޫނެވެ. އެއީ މާޒީއެވެ. އެކަންކަން މެދުވެރިނުވާ ކަމަކަށް ދެން ނުހެދޭނެއެވެ. އަޅުގަނޑު މަންމަގެ ކިބައިން ބޭނުންވަނީ ހަމަ އެންމެ ކަމަކަށެވެ. އެއީ އަޅުގަނޑަށް ހެޔޮދުޢާކޮށްދިނުމެވެ. ބައްޕައަކަށްވެސް އެހެން މީހަކަށްވެސް ހިތްބުރަކަމެއް ނެތެވެ." 

މިއަދުނޫހުގެ ކިޔުންތެރިންނަށް އަޅުގަނޑުގެ މިވާހަކަކޮޅު ޙިއްޞާމިކުރީ ފައިސާގެ ދަހިވެތިކަމުގައި އަނހެން ދަރިންގެ ނުރުހުމުގައި ކައިވެނިކުރުވުމުގެ ނުބައި ޘަޤާފަތް އެއިރުވެސް މިހާރުވެސް ރާއްޖޭގައި އޮތުމުންނެވެ. މިކިޔައިދިނީ މީގެ 30 އަހަރުކުރީގެ ވާހަކައެކެވެ. މިދިއަ ހަފްތާގައިވެސް ހަމަ މިފަދަ ކަމެއްގައި ކުއްޖަކު އަމިއްލައަށް މަރުވުމުން ސަލާމަތްކުރެވުނީ ހަމަ ކިރިޔާއެވެ. 

އަޅުގަނޑުގެ އާދޭހަކީ އަންހެން ދަރިން ބޮޑުކޮށްފައި އަގުހޯދަން ވިއްކައިލާ މުދަލަކަށް ނުހެދުމެވެ. ދިޢާއަކީ މިފަދަ އަނިޔާތަކުން ހުރިހާ އަންހެނުންނަށްވެސް ސަލާމަތްކަން ލިބުމެވެ. އާމީން- 

ނަފީސާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން