ﷲ ތަޢާލާ އިންތިހާއަށް ކޯފާވެވޮޑިގަންނަވާނެ 2 މީހުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ﷲ ތަޢާލާ އިންތިހާއަށް ކޯފާވެވޮޑިގަންނަވާނެ 2 މީހުން-

ﷲ ތަޢާލާއީ އައްރަޙްމާން އެވެ. އައްރަޙީމްއެވެ. އިމެއްނެތި މީސްތަކުންނަށް ރަޙުމް ކުރައްވަވާ ދީލަތިވަންތަ ރަސްކަލާނގެއެވެ. އެހެންކަމާއިއެކުވެސް ކޯފާވެވޮޑިގަތުން ޙައްޤު މީހުންނަށް ކޯފާވެވޮޑިގަންނަވައެވެ. ލަޢްނަތް ލައްވަވައެވެ. 

އެކަން ހަމައެކަނި މިއާޔަތުންވެސް އެނގިގެންދެއެވެ. 

صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ 

"(އެއީ) އެއުރެންނަށް އިބަރަސްކަލާނގެ ނިޢްމަތް ދެއްވި މީހުންގެ މަގެވެ. އެއުރެންގެ މައްޗަށް ކޯފާލައްވާފައިވާ މީހުންގެ މަގެއްނޫނެވެ. އަދި މަގުފުރެދިފައިވާ މީހުންގެ މަގެއްވެސް ނުމެނޫންމެއެވެ." (އަލް ފާތިޙާ: 7) 

"--- އެއުރެންގެ މައްޗަށް ކޯފާލައްވާފައިވާ މީހުންގެ މަގެއްނޫނެވެ." އޮތުމުން އެނގިގެން މިދަނީ ކޯފާލެއްވެވުން ޙައްޤު މީހުންނަށް ކޯފާލައްވަވާކަމެވެ. 

ﷲ ތަޢާލާ އެބައަކަށް ކޯފާލައްވަވާ އެއްބައަކީ ޙައްޤު މަގު އެނގުމުންވެސް އެމަގު ދޫކޮށް ފާފަކުރާ މީހުންނެވެ. ޙައްޤުން އެއްކިބާވާ މީހުންނެވެ. ދެވަނަ ބައަކީ ބޮޑާވެ ކިބުރުވެރިވާ މީހުންނެވެ. 

ވީމާ މި 2 ބާވަތުގެ މީހުންގެ ތެރޭގައި ނުވުމަށް ވަރަށް ގިނައިން ހަނދުމަކޮށްދެމެވެ. އެއީ އެފަދަ މީހަކު ކަމުގައި ވެވިއްޖެނަމަ އެމީހަކަށް ހުރި ގެއްލުމާއި ހަލާކުގެ ބޮޑުކަމުންނެވެ. ވީމާ މިރޭވެސް ހަމަ އެކަން ހަނދުމަކޮށްލައިދިނީއެވެ. 

ދުޢާއަކީ އަހުރެމެން އެންމެންނަކީވެސް ﷲ ތަޢާލާގެ ކޯފާއިން ސަލާމަތްވެވިގެންވާ ބައަކު ކަމުގައި ލެއްވެވުމެވެ. އާމީން 

- މުފްތީ މެންކުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން