މިދުޢާމަތިން ހަނދުމަނައްތަވައި ނުލައްވަވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 36ސ
މިދުޢާމަތިން ހަނދުމަނައްތަވައި ނުލައްވަވާށެވެ!

މީސްތަކުންނޭވެ! މިއަދު ފާފަކުރެވުން މިވަނީ ޢާންމުވެފައެވެ. ބޮޑެތި ފާފަތަކަށް އަރައިގަނެވެނީ ބިރެއް ނެތިއެވެ. ﷲ ތައާލާގެ ކޯފާއަށް ޖެހިލުންވުމެއް ނެތިއެވެ. އެއީ ދުނިޔޭގެ އެދުންތަކަށް ދަހިވެތިކަން ބޮޑުވެގެންދިއުމުންނެވެ. ޙާރަމްކުރައްވަވާފައިވާ ކަންކަން ކުރުމުން ލިބޭ ވަޤުތީ އުފލަކީ ހިތްހަމަޖެހުން ކަމުގައި ދެކެވޭތީއެވެ. ފަހުން ލިބެން ޢަޛާބާއިމެދު ވިސްނައިވެސް ނުލެވޭތީއެވެ! 

رَبَّنَا اغْفِرْ لَنَا ذُنُوبَنَا وَإِسْرَافَنَا فِي أَمْرِنَا وَثَبِّتْ أَقْدَامَنَا وَانصُرْنَا عَلَى الْقَوْمِ الْكَافِرِينَ 

"އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އަޅަމެންގެ ފާފަތަކާއި، އަޅަމެންގެ ކަންތަކުގައި ހައްދުފަހަނަޅައިދިއުމުގެ ކުށް އަޅަމެންނަށް ފުއްސަވާނދޭވެ! އަދި، އަޅަމެންގެ ފައިތިލަތައް ސާބިތުކުރައްވާނދޭވެ! އަދި، ކާފިރުވެގެންވާ ޤައުމުގެ މައްޗަށް އަޅަމެންނަށް ނަޞްރު ދެއްވާނދޭވެ!" ( އާލް އިމްރާން: 147) 

މިދުޢާކުރަންވީ ކީއްވެގެންކަންވެސް މިއޮތީ އެނގޭށެވެ! 

"އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ކާފިރް ވި މީހުންނަށް ތިޔަބައިމީހުން ކިޔަމަންވާނަމަ، ތިޔަބައިމީހުންގެ ފުރަގަހަށް އެއުރެން ތިޔަބައިމީހުން އަނބުރާ ރައްދުކޮށްފާނެތެވެ. (އެބަހީ: ތިޔަބައިމީހުން ދީނުން ބޭރުކޮށްފާނެތެވެ.) ފަހެ، (އެހިނދު) ތިޔަބައިމީހުން އެނބުރިދާނީ، ގެއްލެނިވެގެންވާ ޙާލުގައެވެ!" (އާލް އިމްރާން: 149) 

އާނއެކެވެ! ކާފިރުން މިއަދު މުސްލިމުންނަށް އެހީތެރިވެއެވެ. ބޭނުންތައް ފުއްދައިވެސްދެއެވެ. ހަމައެންމެ ބޭނުމަކުއެވެ. މުސްލިމުން އެމީހުންގެ ދީނުން ބޭރުކޮށް ﷲ ތަޢާލާގެ މަގުން އެއްކިބާކުރުމަށްޓަކައެވެ. މިޙާލަތު އަހުރެމެންގެ ވަށާލާފައިވާއިރު އަހުރެމެންނަށް އޮތީ ޘާބިތުކަން ދެއްވެވުން އެދި ދުޢާކުރުމެވެ. އެހީތެރިވުމުގެ ނަމުގައި އެމީހުން އެދިއްކުރަނީ ނަރަކައިގެ އަލިފާންކަމާއި އޭގައި ހިފައިފިނަމަ ފިހޭނެކަން ޤަބޫލުކުރާށެވެ! 

ބައެއްގެ ހިތްތަކުން ﷲ ތައާލާ އާއިމެދު ބިރުވެރިކަން ނެތިގެން ދިއުމުން މިތުރުންނަކީ ކާފިރުންކަމުގައި ބަލައިގަންނާނެއެވެ. އެމީހުން ދިއްކުރަންދެން ނުތިބެ އަމިއްލައަށް ގޮސް އަލިފާން އެމީހުންގެ އަތުން ހޯދާނެއެވެ. އެއީ މިދުނިޔޭގައި ވަޤުތުން އެމީހާގެ އަތަށް ހޫނުވެ އަނދައިގެން ނުދާތީއެވެ. އާޚިރަތް ދުވަހަކީ އަންނާނެ ދުވަހެއްކަން ޔަޤީންނުކުރެވޭތީއެވެ. ޔަޤީންކުރެވުނަސް ޢާޚިރަތުގެ ޢަޛާބަށް ބިރުނަގެނެވޭތީއެވެ. ދުނިޔޭގެ އެދުން ބޮޑުވެގެންދިއުމުންނެވެ. 

ދެން މިއޮތީ ކާފިރުންގެ މަޅިތަކުގައި ނުޖެހި ސަލާމަތްވުމުން، ﷲ ތަޢާލާއަށް އިޙްޞާންތެރިވުމުން އެމީހަކަށް ދެއްވަވާނެ ބޮޑު ނިޢްމަތުގެ ވާހަކައެވެ. 

"ދެންފަހެ، ދުނިޔޭގެ ޘަވާބާއި، އާޚިރަތުގެ ރިވެތި ޘަވާބް އެއުރެންނަށް ﷲ ދެއްވިއެވެ. އިޙްސާން ތެރިންދެކެ ﷲ ލޯބިވެވޮޑިގެންވެތެވެ." (އާލް އިމްރާން: 148) 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން