ޢަލީ އިޙްޞާން ފިރާޤް
އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހު ގެ ޚިލާފަތުގައި ޞަޙާބީންގެ ތެރޭގައި ތިއްބެވި ޢިލްމުވެރި ބޭކަލުންނަށް ޚާއްޞަ ގާތްކަމެއް އެކަލޭގެފާނު ބެހެއްޓެވިއެވެ. އެކަލޭގެފާނު އަބަދުވެސް ކަންތައްތަކުގައި ގޮތް ނިންމަވާއިރު އެބޭކައުކަނބަލުންގެ ޚިޔާލުފުޅުތައް ހޯއްދަވައި ހައްދައެވެ. ޢުމަރުގެފާނުގެ ޚިލާފަތުގައި ފަތުވާ ދެއްވައި އުޅުއްވުމުގައި އެންމެ މަޝްހޫރު ހަތް ބޭފުޅުންގެ ތެރޭގައި އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ ހިމެނިވަޑައިގަންނަވައެވެ. އެ ހަތްބޭފުޅުންނަކީ،
1. އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހު
2. އަމީރުލް މުއުމިނީން ޢަލީ ބިން އަބީ ޠާލިބު ރަޟިޔަﷲ ޢަންހު
3. ޢަބްދުﷲ ބިން މަސްޢޫދު ރަޟިޔަﷲ ޢަންހު
4. އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ
5. ޒައިދު ބިން ޘާބިތު ރަޟިޔަﷲ ޢަންހު
6. ޢަބްދުﷲ ބިން ޢައްބާސް ރަޟިޔަﷲ ޢަންހު
7. ޢަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ ޢަންހު
ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، މިދެންނެވި ބޭކައުކަނބަލުންގެ ތެރެއިން ކޮންމެ ބޭފުޅެއްގެ ފަތުވާތައް ވަކިވަކީން އެއްކޮށްފިނަމަ، ބޮޑު ފޮތެއް ތައްޔާރު ކުރެވިދާނެއެވެ. {ޑރ. ޢަލީ މުޙައްމަދު އައްޞައްލާބީ، ބަޔޮގްރަފީ އޮފް ޢުމަރު ބުނުލް ޚައްޠާބު، ޞަފްޙާ 341}
އަދިވެސް ޑރ. ޢަލީ މުޙައްމަދު އައްޞައްލާބީ ލިޔުއްވައިފައިވެއެވެ. ޚުލަފާއު ރާޝިދޫންގެ ދައުރުގައި އަންހެނުންގެ ކުރިއެރުމަށްޓަކައި މަގުތައް ފަހިކޮށްދެއްވައިފައިވެއެވެ. ޚަލީފާއިންގެ ދައުރުގައި މުސްލިމުން ކަނބަލުން ތަފާތު ދާއިރާތަކަކުން ކުރިއަށް ވަޑައިގެންފައިވެއެވެ. އެގޮތުން ޙަދީޘާއި ފިޤުހާއި އަދަބިއްޔާތުގައި އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ އާއި އުއްމުލް މުއުމިނީން އުއްމު ސަލަމާ ރަޟިޔަﷲ ޢަންހާ އާއި ޙަބީބާ ބިންތު އުއްމު ޙަބީބާ އާއި އަރްވާ ބިންތު ކުރައިޒު އާއި އަސްމާ ޚާއްޞަ ގޮތެއްގައި ފާހަގަ ކުރެވިފައިވެއެވެ.
އަންހެން ބޭފުޅުންގެ ތެރެއިން ޅެންވެރިކަމުގައި ފާހަގަކޮށްލެވޭ ބޭކަނބަލުންގެ ތެރޭގައި ޚަންސާއު ރަޟިޔަﷲ ޢަންހާ އާއި ހިންދު ބިންތު ޢުތުބާ ރަޟިޔަﷲ ޢަންހާ ފާހަގަކުރެވިފައިވެއެވެ. ފިރިހެން ބޭފުޅުންނާ މަޝްވަރާކުރައްވައި ޚިޔާލުފުޅު ހޯއްދަވާހެން އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހު އަންހެން ބޭފުޅުންނާ މަޝްވަރާ ކުރައްވައި އެބޭކަނބަލުންގެ ޚިޔާލުފުޅު ހޯއްދަވައެވެ. {ޑރ. ޢަލީ މުޙައްމަދު އައްޞައްލާބީ، ބަޔޮގްރަފީ އޮފް ޢުމަރު ބުނުލް ޚައްޠާބު، ޞަފްޙާ 271}