ނަމާދާ ބެހޭ ގޮތުން އެނގުން މުހިންމު 3 ކަމެއް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 44ސ
ނަމާދާ ބެހޭ ގޮތުން އެނގުން މުހިންމު 3 ކަމެއް-

ޢަސްރު ނަމާދަށްފަހު ކުރާނެ ސުއްނަތް ނަމާދެއް އޮވޭތޯ؟  ނުވަތަ ޢަބްރް ނަމާދަށްފަހު ސުންނަތް ނަމާދުކުރުން ހުއްދަތޯ؟

މިއީ ބައެއް ކިޔުންތެރިންގެ ކިބައިން ލިބެމުން އަންނަ ސުވާލަކަށްވާތީ މިގެނެސްދެނީ މިކަމުގައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާލުވެފައިވާ ބަސްފުޅެކެވެ.

ޢަޞްރު ނަމާދަށްފަހު ސުންނަތް ނަމާދެއް ނުވެއެވެ. ނަމަވެސް ސަބަބެއް މެދުވެރިވެގެން، މީޘާލަކަށް ޖަނާޒާ އެއް ކުރަން ޖެހިއްޖެނަމަ، ނުވަތަ ޢަޞްރުފަހުން މީހަކު ގުރްއާން ކިޔަވާލަން ނުވަތަ އެނޫންވެސް ކަމަކު މިސްކިތަށް ވަދެއްޖެނަމަ ތަޙިއްޔަތުލް މަސްޖިދި ކުރުން ފަދަ ކަންތައް ހުއްދަވެގެން ވެއެވެ.

މީގެ އިތުރުން އެމީހަކަށް ރަވާތިބް ސުންނަތެއް ނުކުރެވި އޮތްނަމަ ޤަޟާކުރުންވެސް ހުއްދަވެގެންވެއެވެ. واللهأعلم

އިތުރު 2 ސުވާލެއް:

ނަމާދަށްފަހު ޛިކުރު ތަސްބީޙަ ކިޔައި ނިމިގެން ކިޔާނެ ވަކި ޚާއްޞަ ދުޢާ އެއްއޮވޭތޯ؟

ޛިކުރު ތަސްބީޙަ ކިޔާ ނިމިގެން ކިޔާނެ ވަކި ޚާއްޞަ ދުޢާ އެއް ވާރިދުވެފައެއް ނުވެއެވެ. އަމިއްލައަށް ދަސްވެފައިވާ ދުޢާ އެއް ކިޔުމަކުން މައްސަލައެއް ނެތެވެ. ނަމަވެސް އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމުގައި ދެކިގެންނެއް ނޫނެވެ. އަދި ފަރްޟު ނަމާދަށްފަހުގައި ދުޢާ ކުރާއިރު ދެއަތް އުފުލުމެއްވެސް ނުވެއެވެ. واللهأعلم

ޟުހާނަމާދު ނުކުރެވުނު ދުވަހަކު ކަންތައް ކުރާނީ ކިހިނެއްތޯ؟ މި ނަމާދަކީ ކުރާނަމަ ކޮންމެ ދުވަހަކުވެސް ކުރަންޖެހޭ ނަމާދެއްތޯއެވެ؟

ޟުޙާ ނަމާދަކީ ސުންނަތް ނަމާދެކެވެ. އެހެންކަމުން އެނަމާދު ނުކުރެވުމުން ވަކިކަމެއް ކުރާކަށް ނުޖެހޭނެއެވެ. ހެޔޮކަންތައް އެންމެ ހެޔޮކަން ބޮޑީ ދާއިމީ ގޮތެއްގައި ކުރެވޭ ކަންތަކެވެ. އެހެންކަމުން ކޮންމެ ދުވަހަކުވެސް ކުރެވޭތޯ ބަލަންވާނެއެވެ. ޢާދަވެގެން ކުރާ ހެޔޮކަމެއް ޢުޛުރެއް މެދުވެރިވެގެން ނުކުރެވުނު ކަމުގައިވީނަމަވެސް، މާތް ﷲ އެކަމެއް ކުރިކަމުގެ ޘަވާބާއި ދަރުމަ- އިންޝާ ﷲ- ދެއްވާނެއެވެ.واللهأعلم

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން