މިޘާލަކަށް ބުނާނަމަ ތަނަވަސްކަން އިތުރުކުރަން ވައްކަންކުރުން، އެކުވެރިޔާގެ ކިބައިން ނާޖާއިޒު ފައިދާ ހޯދަން ދެބައުޑުވުން، ފަސޭހައިން ކައިވެނިކުރެވެން އޮތުމުން އެދެމަފިރިންގެ މެދަށްވަދެ ދިރިއުޅުން ބަނގުރޫޓުކޮށްލުވުން ފަދަ ކަންކަން ކުރެވިދާނެއެވެ. އެހެނަސް އާޚިރުގައި އެއްވެސް އުފާވެރިކަމެއް ނުލިބޭނެއެވެ. ދާދި އަވަހަށް ޖެހޭނީ ކަރުނަ އަޅައި ރޮމުން ދުވާށެވެ! ހަމަނިދިވެސް ނުލިބިގެން ހޭލައި އޮންނާށެވެ!
ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި ސާބިތުވެ ހުރެއްޖެ މީހަކަށް އެމީހަކަށް ހީވެސް ނުކުރެވޭހައި ގިނަ ގޮތްގޮތުން ރަޙްމަތް ލައްވަވާނެތެވެ! އިން ޝާ ﷲ. ވީމާ ﷲ ތަޢާލާ އަންގަވާފައިވާ މަގުގައި ސާބިތުވެ އެކަލާނގެއާ ކުއްތަންވާން ކުރާ މަސައްކަތް އިތުރުކުރާށެވެ! ނަޞްރު ދެއްވަވާނެކަން ޔަޤީނެވެ! އިން ޝާ ﷲ
ތިމާ ޙާޞިލުކުރަން ބޭނުންވާކަމެއް ޙާޞިލުކުރަން ކިތަންމެ ގިނަ، ކިތަންމެ ބޮޑެތި ގޮންޖެހުންތަކެއް ހުރިނަމަވެސް ޤުރްއާނުގައިވާ ﷲ ތަޢާލާގެ މަގު ދޫކޮށްނުލާށެވެ! އެމަގުން ކައްސާލައިގެން ހޯދާ ކުރިއެރުމުގެ ހިތިކަން މާބޮޑުވާނެއެވެ. ޙަޤީޤީ އުފަލެއް ލިބެން އޮތީ ހަމަ ކީރިތި ޤުރްއާނުގެ މަގުގަ ޘާބިތުވުމުންނެވެ!
ނަމަވެސް މިކަންކަން ބައެއް މީހުންނަށް ޤަބޫލެއް ނުކުރެވެއެވެ. މަގު ކުރުކޮށްލަން ނުބައިމަގު އެބަ އިޚްތިޔާރުކުރެއެވެ. އެކަމުގެ ނަތީޖާ ހިތިވާނެކަން ޔަޤީންކުރެވޭއިރުވެސް ބިރުވެތިވުމެއް ނެތިއެވެ.
--މުފްތީ މެންކުގެ ދަރުސަކުން