ޢާއިޝަތުގެފާނުގެ ސީރަތު 33: ސައުދަތުގެފާނާއި ޒައިނަބުގެފާނު އަވަހާރަވުމުގެ ހިތާމަ-

ކިޔުމަށް ހޭދަވާނީ 3މ 6ސ
ޢާއިޝަތުގެފާނުގެ ސީރަތު 33: ސައުދަތުގެފާނާއި ޒައިނަބުގެފާނު އަވަހާރަވުމުގެ ހިތާމަ-

ޢަލީ އިޙްޞާން ފިރާޤް 

 

ސައުދަތުގެފާނު އަވަހާރަވުން: 

ޢުމަރުގެފާނުގެ ޚިލާފަތުގައި މާތް ރަސޫލާ صلّى اللّـه عليه وسلّم  ގެ އަނބިކަނބަލުން އުއްމުލް މުއުމިނީން އައްސައްޔިދާ ސައުދާ ރަޟިޔަﷲ ޢަންހާ އަވަހާރަވިއެވެ. އެކަމަނާއަކީ އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާއާ ވަރަށް ޚާއްޞަ ގުޅުމެއް އޮތް ބޭކަނބަލެކެވެ. އެކަމަނާ މުސްކުޅިފުޅުވުމުން އެކަމަނާ ގާތުގައި މާތް ރަސޫލާ صلّى اللّـه عليه وسلّم ރޭ ކުރައްވަން ހަމަޖައްސަވައިފައިވާ ރޭތައް ޢާއިޝަތުގެފާނަށް ދެއްވިއެވެ. 

އުއްމުލް މުއުމިނީން އައްސައްޔިދާ ސައުދާ ރަޟިޔަﷲ ޢަންހާއާ ބެހޭ ގޮތުން އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވެފައިވެއެވެ. [ސައުދާއަށްވުރެ ތިމަންކަމަނާ ލޯބިފުޅުވާ އެހެން އަންހެނަކުނުވެއެވެ.]

{މަޙްމޫދު އަޙްމަދު ޣަޡަންފަރު،ގްރޭޓް ވިމެން އޮފް އިސްލާމް} 

ابن سعد އޭނާގެ الطبقات الكبرى ގައި ބަޔާން ކުރައްވައިފައިވެއެވެ. سودة بنت زمعة އެކަމަނާ އަވަހާރަވުމުގެ ކުރިންވަނީ އެކަމަނާގެ ކޮޓަރިކޮޅު ޢާއިޝަތުގެފާނަށް ދެއްވުމަށް ވަޞިއްޔަތް ކުރައްވައިފައެވެ. 

ހިޖްރައިން 20 ވަނަ އަހަރުގެ ތެރޭގައި އުއްމުލް މުއުމިނީން ޒައިނަބު ބިންތި ޖަޙުޝް ރަޟިޔަﷲ ޢަންހާވެސް އަވަހާރަވިއެވެ. އޭރު އެކަމަނާގެ އުމުރުފުޅަކީ 53 އަހަރުފުޅެވެ. ކީރިތި ރަސޫލާ މުޙައްމަދު صلّى اللّـه عليه وسلّم  ގެ ހުވަފަތް އަނބިއަނބިކަނބަލުންގެ ތެރެއިން އެންމެ ފުރަތަމަ މި ފަނާވަނިވި ދުނިޔެ ދޫކުރެއްވި ބޭކަނބަލަކީ އުއްމުލް މުއުމިނީން ޒައިނަބު ބިންތި ޖަޙުޝް ރަޟިޔަﷲ ޢަންހާއެވެ. 

އެކަމަނާގެ މައްޗަށް އިމާމުވެވަޑައިގެން ކަށުނަމާދު ކުރެއްވީ ޢުމަރުގެފާނެވެ. އެކަމަނާ ނާނޭފުޅު ފިއްލަވައި ކަފުންކޮޅު ތުރުކޮށްދެއްވީ ކީރިތި ރަސޫލާ صلّى اللّـه عليه وسلّم   ގެ އަނބިއަނބިކަނބަލުންގެ ތެރެއިން އެއިރު ދުނިޔޭގައި ތިއްބެވި 8 ބޭކަނބަލުންނެވެ. ޒައިނަބުގެފާނުގެ ޖަނާޒާގެ ކަންތައްތައް ޢުމަރުގެފާނު ކުރިއަށް ގެންދެވީ ކީރިތި ރަސޫލާ صلّى اللّـه عليه وسلّم   ގެ އަނބިއަނބިކަނބަލުން މަޝްވަރާ ދެއްވި ގޮތުގެ މަތީންނެވެ. އެކަމަނާ ފަސްދާނު ވެޑުވިފައިވަނީ، މަދީނަތުލް މުނައްވަރާގެ ޖަންނަތުލް ބަޤީޢުގައެވެ.

އުއްމުލް މުއުމިނީން ޒައިނަބު ބިންތި ޖަޙުޝް ރަޟިޔަﷲ ޢަންހާ އަކީ، އަތްތެރި މަސައްކަތުގައި ވަރަށް ފާހަގަކޮށްލެވޭ ޝަޚްޞިއްޔަތެކެވެ. އެކަމަނާ ހަން ދިބާޢުކުރައްވައިގެން ތަކެއްތި ހައްދަވައި، އެތަކެތީން ލިބިވަޑައިގަންނަވައި، އެންމެހައި އާމްދަނީއެއް މިސްކީނުންނާއި، ފަޤީރުންނަށް ހޭދަކުރައްވައި ހައްދަވައެވެ.  

ޢަމްރާ ބިންތި ޢަބްދުއްރަޙްމާން ވިދާޅުވެފައިވެއެވެ. ޒައިނަބުގެފާނު އަވަހާރަވުމުން ޢާއިޝަތުގެފާނު ވިދާޅުވެފައިވެއެވެ. [ޒައިނަބުގެފާނަކީ ތާރީފު ކުރެވޭފަދަ ޝަޚްޞިއްޔަތެއްގެ ވެރި ބޭކަނބަލެކެވެ. އެކަމަނާ އަވަހާރަވެދިޔުމަކީ މިސްކީނުންނާއި ހުވަފަތް އަންހެނުންނަށް ލިބުނު ވަރަށް ބޮޑު ދެރައެކެވެ.] 

ޢުރުވަތު ބިން ޒުބައިރު ވިދާޅުވެފައިވެއެވެ. ޒައިނަބުގެފާނު އަވަހާރަވުމުން ޢާއިޝަތުގެފާނު ހިތާމަފުޅު ކުރައްވާ ކީރިތި ކުރައްވާ އުޅުއްވިއެވެ. ޒައިނަބުގެފާނަށް ރަޙްމަތްލެއްވުން އެދިވަޑައިގެން ދުޢާފުޅު ކުރައްވާ އުޅުއްވިއެވެ.

{އިބްނު ސަޢުދު، ޠަބަޤާތު، ވިމެން އޮފް މަދީނާ، ތަރުޖަމާ ޑރ ޢާއިޝާ ބިވްލީ، ޞަފްޙާ 81} 

 

މިއަދު އޮންލައިން