ޟުހާނަމާދުގެ މުހިންމުކަމާ ކުރާނެ ވަތުގާއި ސުންނަތް ނަމާދު ޤަޟާކުރުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 16މ 13ސ
ޟުހާނަމާދުގެ މުހިންމުކަމާ ކުރާނެ ވަތުގާއި ސުންނަތް ނަމާދު ޤަޟާކުރުން-

ޟުޙާ ނަމާދަކީ ގަދަވެގެންވާ ސުންނަތެކެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުރެއްވިކަމަށް ޘާބިތުވާ ނަމާދެކެވެ. ޢާއިޝާ-ރަޟިޔަﷲ ޢަންހާ- ގެ ކިބައިން ރިވާ ވެގެންވެއެވެ. (كَانَرَسُولُاللَّهِصَلَّىاللَّهُعَلَيْهِوَسَلَّمَيُصَلِّيالضُّحَىأَرْبَعًا ، وَيَزِيدُمَاشَاءَاللَّهُ)

މާނައަކީ: " ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޟުޙާ ނަމާދުގެ ހަތަރު ރަކްޢަތް ކުރައްވައެވެ. އަދި ބައެއްފަހަރު އިތުރުވެސް ކުރައްވައެވެ". 

ޟުޙާ ނަމާދުގެ މާތް ކަމާއި ބެހޭގޮތުން ވަރަށްބައިވަރު ޙަދީޘް ތައް އައިސްފައިވެއެވެ. އޭގެ ތެރޭގައި: 

1.         ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ-ޙަދީޘް ކުރެއްވިއެވެ.

(يُصْبِحُعَلَىكُلِّسُلَامَىمِنْأَحَدِكُمْصَدَقَةٌ ، فَكُلُّتَسْبِيحَةٍصَدَقَةٌ ، وَكُلُّتَحْمِيدَةٍصَدَقَةٌ ، وَكُلُّتَهْلِيلَةٍصَدَقَةٌ ، وَكُلُّتَكْبِيرَةٍصَدَقَةٌوَأَمْرٌبِالْمَعْرُوفِصَدَقَةٌ ، وَنَهْيٌعَنْالْمُنْكَرِصَدَقَةٌ ، وَيُجْزِئُمِنْذَلِكَرَكْعَتَانِيَرْكَعُهُمَامِنْالضُّحَى) 

މާނައަކީ: "އިންސާނާގެ ކޮންމެ ހުޅަކަށް ކޮންމެ ދުވަހަކުވެސް ޞަދަގާތެއްވެއެވެ. (ބުނެވޭ ގޮތުގައި އިންސާނާގެ 360 ހުޅު ހުރެއެވެ. އެއިން ކޮންމެ ހުޅަކަށް ޞަދަގާތެއްވެއެވެ، އެހެންކަމުން، ކޮންމެ އިންސާނެއްގެ މައްޗަށް ދުވާލަކަށް 360 ޞަދަގާތް ވާޖިބުވެފައި އޮވެއެވެ)، ކޮންމެ ތަސްބީޙަ (ސުބްޙާނަﷲ ކިޔުން) އަކީ ޞަދަގާތެކެވެ. ކޮންމެ ތަޙްމީދަކީ (އަލްޙަމްދު للهކިޔުން) އެއީ ޞަދަގާތެކެވެ. ކޮންމެ ތަހްލިލަކީ (لا إله إلا الله) ޞަދަގާތެކެވެ. ކޮންމެ ތަކްބީރަކީ (الله أكبرކިޔުން) އަކީ ޞަދަގާތެކެވެ. ހެޔޮކަންތަކަށް އަމުރު ކުރުމަކީ ޞަދަގާތެކެވެ. ނުބައިކަންތައް ނަހީ ކުރުމަކީ ޞަދަގާތެކެވެ. ޟުޙާ ނަމާދުގެ ދެރަކްޢަތް ކުރުމުން މިހުރިހާ ކަމެއް ފުދިގެން ދެއެވެ". 

އިމާމް ނަވަވީ- ރަޙިމަހު ﷲ ވިދާޅުވިއެވެ. މިއިން ދޭހަކޮށްދެނީ ޟުޙާ ނަމާދުގެ މާތްކަމާއި އެއަށް ދެވިފައިވާ މަތިވެރި ދަރަަޖަ އެވެ. އަދި ދެ ރަކްޢަތް ކުރުމުން ފުދޭކަމެވެ. 

2.         އަބޫހުރައިރާ- ރަޟިޔަﷲ ޢަންހު- ގެ ކިބައިން ރިވާ ވެގެންވެއެވެ.

(أَوْصَانِيخَلِيلِيبِثَلَاثٍلاأَدَعُهُنَّحَتَّىأَمُوتَ : صَوْمِثَلاثَةِأَيَّامٍمِنْكُلِّشَهْرٍ ، وَصَلاةِالضُّحَى ، وَنَوْمٍعَلَىوِتْرٍ) 

މާނައަކީ: "ތިމަންކަލޭގެ ފާނުގެ ޚަލީލު (ގާތް ރަޙްމަތްތެރިޔާ) ތިމަންކަލޭގެފާނު އަވަހާރަވުމަށް ދާންދެން ތިންކަމެއް ދޫނުކޮށް ހިފެހެއްޓުމަށް ވަޞިއްޔަތް ކުރެއްވިއެވެ. ކޮންމެ މަހަކު ތިން ދުވަހު ރޯދަހިފުމަށާއި، ޟުޙާ ނަމާދު ކުރުމަށާއި، ވިތުރިމަތީގައި ނިދުމަށެވެ". 

އަބުއްދަރްދާ- ރަޟިޔަﷲ ޢަންހު- ވިދާޅުވިއެވެ.

(أَوْصَانِيحَبِيبِيصَلَّىاللَّهُعَلَيْهِوَسَلَّمَبِثَلَاثٍلَنْأَدَعَهُنَّمَاعِشْتُ : بِصِيَامِثَلَاثَةِأَيَّامٍمِنْكُلِّشَهْرٍ ، وَصَلَاةِالضُّحَى ، وَبِأَنْلَاأَنَامَحَتَّىأُوتِرَ) 

މާނައަކީ: "ތިމަންކަލޭގެފާނުގެ ޙަބީބު (ލޯބިވާމީހާ)، ދުނިޔޭގައި ހުރިހާ ހިނދަކު ތިންކަމެއް ދޫނުކުރުމަށް ވަޞިއްޔަތް ކުރެއްވިއެވެ. ކޮންމެ މަހަކު ތިން ދުވަހު ރޯދަހިފުމަށާއި، ޟުޙާ ނަމާދު ކުރުމަށާއި، ވިތުރިކޮށްފައި ނޫނީ ނުނިދުމަށެވެ". 

އަލްގުރްޠުބީ- ރަޙިމަހުﷲ- ވިދާޅުވިއެވެ. "އަބޫހުރައިރާ އަށާއި އަބުއްދަރްދާ އަށް ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ކުރައްވާފައިވާ ވަޞިއްޔަތްޕުޅުން ދޭހަވަނީ ޟުޙާ ނަމާދުގެ މާތް ކަމެވެ. އަދި އެއިން ލިބޭނެ ޘަވާބާއި ދަރުމައިގެ ބޮޑުކަމުގެ ވާހަކައެވެ. އެހެންކަމުން ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ސުވަރުގެ ވަޑައިގަތުމަށް ދާންދެން ޟުޙާ ނަމާދު ދުލެއް ނުކުރައްވައެވެ".  

3.         އަބޫހުރައިރާ-ރަޟިޔަ ﷲ ޢަންހު- ގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޡް ކުރެއްވިއެވެ. (لَايُحَافِظُعَلَىصَلَاةِالضُّحَىإِلَّاأَوَّابٌ، وَهِيَصَلَاةُالْأَوَّابِيْنَ) 

މާނައަކީ: "އައްވާބަކު (ގިނަގިނައިން ތައުބާވާމީހާ) މެނުވީ ޟުޙާ ނަމާދަށް ރައްކާތެރި ނުވާނެއެވެ. އެއީ ގިނަގިނައިން ތައުބާވާމީހުން ގެ ނަމާދެވެ".  

4.         އަނަސް ބިން މާލިކް- ރަޙިމަހު ﷲ- ގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ.

(مَنْصَلَّىالْغَدَاةَفِيجَمَاعَةٍ ، ثُمَّقَعَدَيَذْكُرُاللَّهَحَتَّىتَطْلُعَالشَّمْسُ ، ثُمَّصَلَّىرَكْعَتَيْنِ ، كَانَتْلَهُكَأَجْرِحَجَّةٍ ، وَعُمْرَةٍ ، تَامَّةٍ ، تَامَّةٍ ، تَامَّةٍ) 

މާނައަކީ: "ޖަމާޢަތުގައި ފަތިސްނަމާދުކޮށް އަވަދިވެގެން، އިރުއަރަންދެން ﷲ ޛިކުރު ކުރުންމަތީ ދެމިހުރެ، ދެރަކްޢަތް ނަމާދެއްކޮށްފިމީހާ އަށް ޙައްޖަކާއި ޢުމްރާ އެއް ކުރުމުގެ ޘަވާބު ލިބޭނެއެވެ. ފުރިހަމަ އަށެވެ. ފުރިހަމަ އަށެވެ. ފުރިހަމަ އަށެވެ".  

ފަތިހު އިރު އެރުމަށްފަހުގައި ނަމާދު ކުރަންވާނީ އިރުއަރާތާ ގަތްގަޑަކަށް ފަނަރަވަރަކަށް ނުވަތަ ވިހިވަރަކަށް މިނިޓް ފަހުންނެވެ. އެހިސާބުން ފެށިގެން ޟުޙާ ނަމާދުގެ ވަގުތު ފެށުނީއެވެ. މިވަގުތު މެންދުރުވުމާއި ގާތަށް ދާންދެން ދެމިގެން ވެއެވެ. ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މެންދުރު ވަގުތު ވަންދެން މިވަގުތު ދެމިގެންވެ އެވެ. 

ޟުޙާ ނަމާދުގެ ވަގުތު ފާއިތު ވެއްޖެނަމަ ގަޟާ ކުރެވޭނެތޯ؟ 

ޟުޙާ ނަމާދުގެ ވަގުތު ފާއިތުވެއްޖެނަމަ ގަޟާކުރެވޭނެތޯ ނުވަތަ ނޫންތޯ، މިމައްސަލާގައި ޢިލްމުވެރިންގެ މެދުގައި ޚިލާފެއް ހުއްޓެވެ. ޙަންބަލީންނާއި ޝާފިޢީންގެ ފަހުގެ ބަހުގައި ވާ ގޮތުން ގަޟާ ކުރެވޭނެއެވެ. ޙަނަފީންނާއި މާލިކީން އަދި ޝާފިޢީންގެ ކުރީގެ ގައުލަކީ ޟުޙާ ނަމާދު ގަޟާ ނުކުރެވޭނެކަމަށެވެ. 

އަލްއިމާމް ނަވަވީ- ރަޙިމަހު ﷲ- އެކަލޭގެފާނުންގެ "އަލްމަޖްމޫޢޫ" އޭ ކިޔުނު ފޮތުގެ 3/532 ގައި ވިދާޅުވެފައިވެއެވެ. " ސުންނަތް ނަމާދުތައް ދެބަޔަކަށް ބެހިގެންވެއެވެ. އެއީ ވަގުތު ކަނޑައެޅިފައިނުވާ ނަމާދުތައް. މިޘާލަކަށް ކޭތަނަމާދު، އިސްތިސްގާ ނަމާދު، ތަޙިއްޔަތުލް މަސްޖިދް ފަދަ ސަބަބެއް މެދުވެރިވެގެން ކުރެވޭނަމާދު ތައް، މިފަދަ ނަމާދު ތަކުގެ ވަގުތު ފާއިތުވެއްޖެނަމަ ގަޟާ އެއް ނުކުރެވޭނެއެވެ. 

ސުންނަތް ނަމާދުގެ ދެވަނަ ވައްތަރަކީ: ވަގުތު ކަނޑައެޅިފައިވާ ނަމާދު ތަކެވެ. މިޘާލަކަށް ޢީދުނަމާދު، ޟުޙާ ނަމާދު، ފަރްޟު ނަމާދު ތަކުގެ އިހުގައްޔާއި ފަހުގައި ކުރެވޭ ރަވާތިބު ސުންނަތްތައް، މިފަދަ ނަމާދުތައް ވަގުތު ފާއިތުވުމުން ގަޟާ ކުރުމާއި މެދު ތިންގޮތަކަށް ވާހަކަ ދެކެވިފައިވެއެވެ. އެއީ: 

1.   ގަޟާ ކުރުމަކީ އެދެވިގެންވާ ކަމެއް ކަމުގައި ވިދާޅުވާ ބޭކަލުން. އަލްގާޟީ އަބުއްޠައްޔިބު-ރަޙިމަހު ﷲ- ވިދާޅުވިއެވެ. "މިއީ މަޛްހަބުގެ (ޝާފިޢީ މަޛްހަބުގެ) އެންމެފަހުގެ ގޮތެވެ.

2.    ގަޟާ ނުކުރެވޭނެކަން، މިއީ ޝާފިޢީންގެ ކުރީގެ ގައުލެވެ. އަދި ޙަނަފީންގެވެސް ގައުލެވެ.

3.    ޢީދު ނަމާދާއި ޟުޙާ ނަމާދު ފަދަ އެހެންނަމާދަކާއި ނުވަތަ އަޅުކަމަކާއި ގުޅިފައިނުވާ ސުންނަތްތައް ގަޟާ ކުރެވޭނެކަމަށާއި، އެހެންއަޅުކަމަކާއި ގުޅިފައިވާ ސުންނަތްތައް، މިޘާލަކަށް ރަވާތިބު ސުންނަތްތައް، ގަޟާ ނުކުރެވޭނެކަމަށް ބުނާ ބުނުން. 

މީގެ ތެރެއިން އިމާމް ނަވަވީ- ރަޙިމަހު ﷲ - ބުރަވެވަޑައިގަންނަވަނީ ހުރިހާ ސުންނަތް ނަމާދަކީ ވެސް ގަޟާ ކުރެވޭ ނަމާދު ތަކެއް ކަމަށެވެ. 

ސުންނަތް ނަމާދު ގަޟާ ކުރެވޭނެ ކަމުގެ ދަލީލުތައް: 

1.    ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (مَنْنَامَعَنْصَلَاةٍأَوْنَسِيَهَافَلْيُصَلِّهَاإِذَاذَكَرَهَا) މާނައަކީ: "ނިދިގެން ނުވަތަ ހަނދާންނެތިގެން ނަމާދެއް ދޫކޮށްލެވިއްޖެމީހާ ހަނދާންވިއިރަކުން ކުރާށެވެ"، 

2.    އަބޫ ގަތާދާ-ރަޟިޔަﷲ ޢަންހު- ރިވާ ކުރެއްވި ޙަދީޘެއްގައިވެއެވެ. 

(أَنَّالنَّبِيَّصَلَّىاللهُعَلَيْهِوَسَلَّمَفَاتَهُالصُّبْحَفِيْالسَّفَرِحَتَّىطَلَعَتِالشَّمْسُفَتَوَضَّأَثُمَّصَلَّىسَجْدَتَيْنِثُمَّأُقِيْمَتِالصَّلَاةُفَصَلَّىالْغَدَاةَ) 

މާނައަކީ: "ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ފަތިސްނަމާދަށް ހޭފުޅުނުލެއްވި އިރުއަރަންދެއް އެއް ދުވަހަކު އޮވެވުނެވެ. އެކަލޭގެފާނަށް ހޭފުޅުލެއްވުމުން ތެދުވެވަޑައިގެން ވުޟޫ ކުރައްވާ، ފަތިސް ނަމާދުގެ އިހުސުންނަތް ކުރެއްވިއެވެ. އެއަށްފަހު ފަތިސްނަމާދަށް ގަމަތް ދެވުނެވެ. އަދި ފަތިސްނަމާދު ކުރެއްވިއެވެ". 

3.    އުންމު ސަލަމާ-ރަޟިޔަﷲ ޢަންހާ- ގެ ކިބައިން ރިވާވެގެންވެއެވެ.

 (أَنَّالنَّبِيَّصَلَّىاللهُعَلَيْهِوَسَلَّمَصَلَّىرَكْعَتَيْنِبَعْدَالْعَصْرِفَسَأَلَتْهُعَنْذَلِكَفَقَالَ : ( إِنَّهُأَتَانِيْنَاسٌمِّنْعَبْدِالْقَيْسِبِالْإِسْلَامِمِنْقَوْمِهِمْفَشَغَلُوْنِيْعَنْالرَّكْعَتَيْنِاللَّتَيْنِبَعْدَالظُّهْرِفَهُمَاهَاتَانِالرَّكْعَتَانِبَعْدَالْعَصْرِ) 

މާނައަކީ: "ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޢަޞްރުފަހުން ދެރަކްޢަތް ކުރައްވާތީ ފެނިވަޑައިގެން އުންމު ސަލަމާ ސުވާލުކުރެއްވުމުން ޙަދީޘް ކުރެއްވިއެވެ. "ޢަބްދުގައިސް ގެ ގައުމުގެ މީހުން އިސްލާމްދީނާއިގެން ތިމަންކަލޭގެފާނު ގާތަށް އައުމުން މެންދުރުނަމާދު ފަހުގެ ދެރަކްޢަތަށް މަޝްޣޫލުވެވުނީއެވެ. އެހެންކަމުން ޢަޞްރުފަހުން އެދެރަކްޢަތް ކުރީއެވެ".

4.    އަބޫހުރައިރާ- ރަޟިޔަﷲ ޢަންހު- ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. 

(مَنْلَّمْيُصَلِّرَكْعَتَيْالْفَجْرِحَتَّىتَطْلُعَالشَّمْسُفَلْيُصَلِّهِمَا) 

މާނައަކީ: "ފަތިހުގެ ސުންނަތުގެ ދެރަކްޢަތް ނުކޮށް ހުއްޓާ އިރުއެރިނަމަވެސް އެދެރަކްޢަތް ކުރާށެވެ".   

5.    އަބޫސަޢީދުލް ޚުދްރީ-ރަޟިޔަﷲ ޢަންހު- ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (مَنْنَامَعَنْوِتْرِهِأَوْنَسِيَهُفَلْيُصَلِّإِذَاذَكَرَهُ) 

މާނައަކީ: "ނިދިގެން ނުވަތަ ހަނދާން ނެތިގެން ވިތްރި ނުކުރެވިއްޖެނަމަ ހަނދާންވި އިރަކުން ކުރާހުށިކަމެވެ". 

6.    ޢާއިޝާ- ރަޟިޔަﷲ ޢަންހާ- ގެ ކިބައިން ރިވާވެގެންވެއެވެ. (أنالنبيصلىاللهعليهوسلم  كانإذافاتتهالصلاةمنالليلمنوجعأوغيرهصلىمنالنهارثنتيعشرةركعة) 

މާނައަކީ: "ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އާލާސްވެގެން ނުވަތަ އެނޫންވެސް ގޮތަކުން ރޭގަޑުގެ ނަމާދުތައް ނުކުރެވިއްޖެނަމަ، ދުވާލުގަޑީގައި ބާރަ ރަކްޢަތް ކުރައްވައެވެ". والله أعلم. 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

މިއަދު އޮންލައިން