އަހުރެމެންގެ ޚަލީފާއިންނާއި ޞަހާބީން ދޫކުރައްވަވާފައިވާ ކޮންމެ ބަސްފުޅަކީވެސް ވިސްނައި ޢިބްރަތްޙާޞިލުކޮށް ޢަމަލުކުރަން ޖެހޭނެ ބަސްފުޅެކެވެ. އެއަށްވުރެ ހެޔޮ ނަޞޭޙަތް ދެވޭނެ އެހެން ބައަކު ދުނިޔެއަށް އުފަންވެސް ނުވާނެތީއެވެ.
ރަސޫލް ﷺ ގެ އެންމެ ގާތް މިތުރު، މުއިންމަތުގެ ފުރަތަމަ ޚަލީފާ، އަބޫބަކުރު (ރޢ)ގެ ބަސްފުޅެއްގައިވެއެވެ. "ހެޔޮ އެއްވެސް ކަމެއް ކޮށްގެން ނަރަކައަށް ދާކަށް ނުޖެހޭނެ އެވެ. އަދި ނުބައި އެއްވެސް ކަމެއް ކޮށްގެން ސުވަރުގެއަށް ވެސް ނުވަދެވޭނެ އެވެ!"
މާނައަކީ ސުވަރުގެ ވަދެވޭނީ ހެޔޮ އަމަލުކޮށްގެން ކަމެވެ. ނުބައި އަމަލުތައް ކުރާނަމަ ދާންޖެހޭނީ ނަރަކައަށް ކަމެވެ. ވީމާ އިސްލާމް ދީނުގައި ހުއްދަ ކަންކަމާއި ޙަރާމްކަންކަން އެނގުމުގެ މުހިންމުކަން އަބޫބަކުރުގެފާނުގެ ބަސްފުޅުންވެސް އެނގިގެން ދެއެވެ.
"ދުނިޔޭގެ ކަންކަމަށް ބަލަންޖެހޭނީ އާޚިރަތް ދުވަހުގެ ދުރުމިންނެވެ. މާނައަކީ ދުނިޔަވީ ކޮންމެ ކަމެއް ކުރުމުގެ ކުރިން އެކަމެއް ކުރުމުގެ ސަބަބުން އާޚިރަތުގައި ކުރިމަތިވާނެ މައްސަލަތަކަށް ވިސްނަން ޖެހޭނެއެވެ. ހަމަ އެކަނި ދުނިޔަވީ ފައިދާއަށް ބަލައިގެން ކަންކަން ކުރާނަމަ އާޚިރަތް ދުވަހު ސަލާމަތް ނުވެވޭނެ އެވެ!"
ތަޢްވާވެރިކަން އިތުރުކުރަން ކުރަންޖެހޭ ފުރަތަމަ ކަމަކީ ﷲ ތަޢާލާ ދެނެގަތުމެވެ. އެއިގެ ތެރޭގައި ތިމާ އުފައްދަވައި ތިމާއަށް ހުރިހާ ނިޢްމަތްތައް މިންވަރުފުޅު ކުރައްވަނީ، ރިޒްޤް ދެއަވަވަނީ ﷲ ތަޢާލާކަން ޤަބޫލުކުރުން ހިމެނެއެވެ. ހަމައެއާއިއެކު ތިމާ އެނބުރި ދާން ޖެހޭނީ ﷲ ތަޢާލާގެ ޙަޟްރަތަށްކަމާއި ޖަވާބުދާރީވާން ޖެހޭނެކަން ހިތުގެ އަޑިން ޤަބޫލުކުރުން އެއީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ.
ތަޤްވާވެރިވުމަށް އެދޭނަމަ ފުރަތަމަ ކަމެއްގެ ގޮތުން ތިމާ އުފައްދަވައި ތިމާއަށް ދެއްވެވި ނިޢްމަތްތަކަށްޓަކައި ޝުކުރުވެރިވާންޖެހޭނެއެވެ. ހަމަ އެއާއިއެކު ދެންމެ ބުނިފަދައިން ތިމާ އެނބުރި ދާން ޖެހޭނީ ﷲ ތަޢާލާގެ ޙަޟްރަތަށްކަމާއި ޖަވާބުދާރީވާން ޖެހޭނެކަން ހިތުގެ އަޑިން ޤަބޫލުކުރުން އެއީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ.
މި ބަސް ތަކުރާރު މިކުރީ ވަރަށް ބޮޑު ބޭނުމަކުއެވެ. ތިމާ އެނބުރި ދާން ޖެހޭނީ ﷲ ތަޢާލާގެ ޙަޟްރަތަށްކަމާއި ޖަވާބުދާރީވާން ޖެހޭނެކަން ހިތުގެ އަޑިން ޤަބޫލުކުރުމުގެ މާނަ ގިނަ ފަހަރަށް އޮންނަނީ ވަރަށް ބޮޑަށް އޮޅިފައެވެ. ހީކުރަނީ ތިމަންނަ އެކަންކަން ޤަބޫލުކުރާ ކަމަށް ދުލުކުރިން ބުނުމުން ފުދޭނެ ކަމަށެވެ. ނޫނެކެވެ. އެކަން އެހެނެއް ނުވާނެއެވެ. އެކަންކަން ޤަބޫލުކުރާކަން ދައްކަން ޖެހޭނީ ތިމާގެ އަމަލުތަކުންނެވެ. އެކަން ކުރެވޭނީ ތިމާގެ ހިތުގައި އާޚިރަތް ދުވަހަށް ބިރުވެތިކަން އޮވެގެންނެވެ.
އާޚިރަތް ދުވަހަށް ބިރުވެތިވާ މީހާގެ ކިބައިން ފެންނާނެ ކަންތައްތަކެއް އެބަހުއްޓެވެ. ފުރަތަމަ ކަމަކީ ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ބިރުވެތިވުމެވެ. ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ބިރުވެތިވާނަމަ ފަރުޟުތައް ފުރިހަމައަށް އަދާކުރާނެއެވެ. އަދި ނަހީ ކުރެއްވެވި އެއްވެސް ކަމަކަށް އަރައެއް ނުގަންނާނެއެވެ. ނަހީ ކުރެއްވެވި އެންމެހައި ކަންކަމުން ދުރުހެލިވާނެއެވެ.
މިފަދައިން ހުންނަ މީހާ އާއި ﷲ ތަޢާލާ އާއި ދެމެދު އޮންނަ ގުޅުން ދާނީ އިތުރުވަމުންނެވެ. އެފަދަ މީހުންގެ ތަޤްވާވެރިކަން ދާނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.
ތަޤްވާވެރިކަން އިތުރުކުރުމަށްޓަކައި ދެވަނައަށް ކުރަންޖެހޭ ކަމަކީ އިސްލާމް ދީނުގެ ޙުކުމްފުޅުތައް ދެނެގަތުމެވެ. ޙަރާމް ކަންކަމާއި ހުއްދަ ކަންކަން ދެނެގަތުމެވެ. އެކަންކަން ރަނގަޅަށް ނުއެނގޭ ނަމަ ޙަރާމް ކަންކަމަށް އަރައިގަނެވޭނެތީއެވެ. މިސާލެއްގެ ގޮތުން ރިބާއަކީ ކޮބައިކަން ނުއެނގޭނަމަ ރިބާއަށް އަރައިގަނެވިދާނެއެވެ. ﷲ ތަޢާލާ ނަހީ ކުރައްވަވާފައިވާ ކަމަކަށް އަރައިގަނެވޭނަމަ ތަޤްވާވެރިކަން ދާނީ ކުޑަވަމުންނެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން