ރަސޫލް ﷺ ގެ ކޮންމެ ވަޞިއްޔަތްފުޅަކީވެސް އަގުހުރި ވަޞިއްޔަތްފުޅެކެވެ. އެހެންކަމާއިއެކުވެސް އަހަރެން ޤަބޫލުކުރާ ގޮތުގައި އެންމެ އަގުހުރި ވަޞިއްޔަތްފުޅަކީ ފާފައެއް ކުރެވިއްޖެނަމަ ވަގުތުން ތައުބާވުމަށް ކުރެއްވެވި ވަޞިއްޔަތްފުޅެވެ.
އެހެނީ އާޚިރަތް ދުވަހު އެންމެ ބޮޑަށް ފައިދާކުރާނީ ފާފަތަކަށް ތައުބާވެވިގެން ހުރެވިއްޖެނަމަ ކަމުގައިވާތީއެވެ. އެއްވެސް ފާފައެއް ނެތި، ހުރިހާ ފާފަތަކަށް ތައުބާ ވެގެންހުރި މީހެއްގެ ގޮތުގައި ﷲ ތަޢާލާގެ ޙަޟްރަތަށް ދެވިއްޖެނަމަ ކަމުގައިވާތީއެވެ.
ރަސޫލް ﷺ އަބޫޛައްރަށް ޥަޞިއްޔަތްފުޅު ކުރެއްވެވީ ކޮންމެ ގޮތަކަށް، ކޮންމެ ފާފައެއް ކުރެވުނު ނަމަވެސް ވަގުތުން ތައުބާވެ އަދި ވިއްދައިގެން ހެޔޮ ޢަމަލެއް ކުރުމަށެވެ. އެއީ ޤަޞްދުގައި ކުރެވުނު ފާފައެއް ނަމަވެސްމެއެވެ. އަދި ކިތަންމެ ބޮޑު ފާފައެއް ނަމަވެސްމެއެވެ.
މިއީ އަހަރެމެން އެންމެން ޢަމަލުކުރަން އޮތް ގޮތެވެ. ފާފައެއް ކުރެވެމުން ދަނިކޮށް ނަމަވެސް އެކަން ވިސްނިއްޖެނަމަ ތައުބާވުމަށް އަވަސްވެގަންނާށެވެ! ފާފަކޮށް ނިމިގެން ނޫނީ ހިނައި ޠޯހިރުވެގެން ތައުބާވާން މަޑުނުކުރާށެވެ! އެހެނީ އެންމެ ފުރިހަމަ ތައުބާއަކީ މިކުރެވެނީ ފާފައެއްކަން އެނގޭހިނދު ވަގުތުންވާ ތައުބާއެވެ. ފާފަކުރުން އެވަގުތުން ފެށިގެން ހުއްޓާލައި ﷲ ތަޢާލާއަށް ބިރުވެތިވުމަކީ ތަޤްވާވެރިކަމުގެ އެންމެ މަތިވެރި މިންވަރެވެ!
--ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން