ގިނަބައަކަށް އަޅުކަންކުރުމަކީ އުނދަގޫކަމެއް ނޫނެވެ. އުނދަގޫވަނީ އަޅުކަމުގައި ޘާބިތުވުމެވެ. މިބަހުގައި 2 ކަމެއް ވެއެވެ. އެއީ އަބަދުވެސް އަޅުކަންކުރުން މަތީގައި ދެމެހިރުމާއި އަދި އަޅުކަމުގައި ދެންނެވި ފަދައިން ޢަމަލުކުރުންމަތީގައި ދެމިހުރުމެވެ. ތަޤްވާވެރިކަންމަތީގައި ޢަމަލުތައް ބެހެއްޓުމެވެ.
މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް ނިމިގެންދިއައީއެވެ. 6 ރޯދަވެސް ހިފައި ނިމެނީއެވެ. ގިނަ ބައަކު އަޅުކަންކުރުމުގައި ވަރަށް ބޮޑަށް ހީވާގިވެ ވަރަށް ބުރަކޮށް މަސައްކަތްކޮށްފިއެވެ. އެއެންމެން އެކުރި މަސައްކަތަށްޓަކައި އެމީހުންނަށް ހެޔޮ ރަޙްމަތް ލެއްވެވުން އެދި ދުޢާކުރާ ޙާލުގައި ބުނެލަމެވެ.
މުހިންމީ ކުރިއަށް ހުރި ދުވަސްތަކުގައިވެސް ސާބިތުވެތިބުމެވެ. ކުރި ހުރިހާ އަޅުކަން ގެއްލިގެން ހިނގައިދާނެ އެއްވެސް ކަމެއް ނުކުރުމެވެ. ޝަރީކުކުރުމުގެ ތެރެއަށް ވެއްޓިނުގަތުމެވެ.
މިސާލަކަށް ތިބާ ފާލުބަލާ މީހެއްގެ ގާތަށް ގޮސް ކަމެއް ބެލީއެވެ. އެދުވަހުން ފެށިގެން 40 ދުވަސްވަންދެން ތިބާ ކުރާ ނަމާދު ﷲ ތަޢާލާ ޤަބޫލުފުޅެއް ނުކުރައްވަވާނެއެވެ. "އަހަރެން ހަމަ ގޮސްލީއެވެ. އޭނާ ދެއްކި އެއްވެސް ވާހަކައެއް އަހަރެން ޤަބޫލެއް ނުކުރަމެވެ. އެއީ ހަމަ މަޖަލަކަށް ކޮށްލި ކަމެކެވެ." މިފަދަ ބަހަނާތައް ދެއްކުމަކުން މައްސަލަ ހައްލެއް ނުވާނެއެވެ.
ޤަބޫލުކުރި ނަމަވެސް ނުކުރި ނަމަވެސް، އަދި މަޖަލަކަށް ނަމަވެސް ފާލުބަލާ މީހެއްގެ ގާތުން އެއްވެސް ކަމެއް އޮޅުންފިލުވައިފިނަމަ އެމީހަކު ކުރާ ނަމާދު ޤަބޫޅުފުޅު ނުކުރައްވަވާނެކަމަށް ރަސޫލް (ﷺ) ވަނީ ހަދީޘް ކުރައްވަވައިފައެވެ. އެހެންކަމަށްވާއިރު މިކަމުގައި ދެއްކޭނީ ކޮން އިތުރު ބަހަނާއެއް ހެއްޔެވެ؟
ފާލުބަލާ ރަމަލުބަލާ މީހުންގެ ގާތަށް ގޮސް ކަންކަން އޮޅުންފިލުވުމަކީ މުސްލިމުންނަށް ހުއްދަ ކަމެއް ނޫނެވެ. އެއީ އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ކަމަށްވީ ނަމަވެސްމެއެވެ. މިކަމާއި ރަމަޟާން މަހާއި ގުޅުވައި މިލީ މިކަމަކީ ނަހީ ކުރައްވަވާފައިވާ ކަމެއް ނަމަވެސް ގިނަ ބައަކު ކުރާ ކަމަކަށްވާތީއެވެ. ރަމަޟާން މަސް ނިމުމުން ކުރަންހުރި ކަންކަމުގެ ލިސްޓަށް ފާލަބެލުން ފަދަ ކަންކަން ލެވިއްޖެނަމަ ދެންވާނެ ގޮތް ހިތަށް ގެންނާށެވެ! އެފަދަ ކަމެއް ކުރެވިއްޖެނަމަ ރަމަޟާން މަހު ކުރެވުނުހައި މަސައްކަތެއް ނެތިވެގެން ހިނގައިދާނެކަމަށް ބިރުވެތިވާށެވެ!
މީސްތަކުންނޭވެ! ޣައިބުގައިވާ ކަންކަން ރަސޫލް (ﷺ) އަށްވެސް އެނގިވަޑައިގަންނަވަމުން ދިއައީ ﷲ ތަޢާލާ ވަހީ ކުރެއްވެވުމުންނެވެ. ވީއިރު ފާލެއް ނޫން ކޮންމެ އެއްޗެއް ބެލިއްޔާ ފާލަބަލާ މީހުންނަށް ޣައިބުން އެނގޭނީ ކޮން އެއްޗެއް ހެއްޔެވެ؟ ހަމަ އެކައްޗެއްވެސް ނުއެނގޭނެއެވެ. ވީމާ ކަނޑައެޅިގެން މިކަންކަން އެނގެން ހުރިއިރު ހަލާކުގެ ތެރެއަށް ވެއްޓި ގަންނާނީ ބޮޑެތި މޮޔައިން ނޫން ހެއްޔެވެ؟
ހަމަ އެފަދައިން ބަނގުރާނަމަވެސް، އަދި އެހެން މަސްތުވާއެއްޗެއް ނަމަވެސް ބޭނުންކޮށްފި މީހާގެ ނަމާދު 40 ދުވަސްވަންދެން ﷲ ތަޢާލާ ޤަބޫލުފުޅެއް ނުކުރައްވަވާނެއެވެ. ވީއިރު ރަމަޟާން މަސް ނިމުމުންވެސް އެފަދަ ކަމެއް ކުރަންފެށިއްޖެނަމަ ރަމަޟާން މަހުން ލިބިގަނެވުނު ކުރިއެރުން ދާނީ ފަހަތަށް ނޫންހެއްޔެވެ؟
އަދިވެސް އިތުރަށް ވިސްނައިލާށެވެ. މިބާވަތުގެ އެއްޗެއް ޢާންމުކޮށް ބޭނުންކުރާ ނަމަ އެމީހަކަށް އަބަދުވެސް ހުންނަން ޖެހޭނީ ނަމާދު ޤަބޫލުފުޅު ނުކުރައްވަވާނެ ޙާލަތުގައެވެ. ނަމާދު ނުކުރެވުން ކަމަށް މިބުނަނީ ނަމާދު ކުރި ނަމަވެސް އެކަން ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވަވާނެކަމުގެ ބިރު އޮތުމުންނެވެ. އެކަމުން ލިބެންޖެހޭ ސަވާބު ނުލިބިދާނެތީއެވެ. އެފަދަ ޙާލަތުގައި ތިބާ ހުއްޓައި މަރުގެ މަލާއިކަތާ ތިބާޗ އާ ބައްދަލުކުރައްވައިފިނަމަ ވާނީ ކިހިނަކުންހެއްޔެވެ؟
--މުފްތީ މެންކުގެ ދަރުސަކުން