އިންސާނުން އެންމެ ފަސޭހައިން ހަލާކުގެ ތެރެއަށް ވެއްޓިގެންދަނީ އެމީހުންގެ ދުލުގެ ނުބައިކަމުންނެވެ. އެއިގެ ތެރެއިންވެސް އެންމެ ނުބައިކަންބޮޑު އެއް ޢަމަލަކީ ރުޅިއަންނަހިނދު ދުލުން ނުބައި ބަސްތައް ބުނެވޭކަމެވެ.
ބައެއް މީހުން މީހަކު ދެކެ ރުޅިއައުމުން އެމީހަކަށް ލަޢްނަތް ލެއްވެވުމަށް އެދެއެވެ. އެމީހަކަށް ދެރަ ގޮތްތައް މެދުވެރިވުމަށް އެދެއެވެ. މިއީ ވަރަށް ނުރައްކާތެރިކަމެކެވެ. އެހެނީ އެފަދަ ބަސްތައް ބުނާ މީހުން ބުނާ ބަސް އެމީހުންނަށް އެނބުރި އައުމަކީ ވަރަށް ގާތްކަމެކެވެ. އެބަސްތައް އެމީހަކަށް އެނބުރި އަންނާނެއެވެ.
އެންމެ ބޮޑު އެއް ހިތާމައަކީ ދަރިން ދެކެ ރުޅި އާދެވޭ ވަގުތު ބައެއް މައިންބަފައިންނަށް ވެސް މިފަދަ ބަސްތައް ބުނެވޭ ކަމެވެ. ކިތަންމެ ގަދައަށް ރުޅި އައި ނަމަވެސް ދަރިންނަށް ނިޞްބަތްކޮށް އެފަދަ ބަހެއް ނުބުނާށެވެ!
އެއްވެސް މީހަކަށް ލަޢްނަތް ލެއްވެވުން އެދުމުގެ ނުވަތަ ދެއެއް ލިބުމަށް އެދުމުގެ ޙައްޤު އެއްވެސް މީހަކަށް ދެއްވަވާފައެއް ނުވެއެވެ. ލައްނަތް ޙައްޤުވާ މީހުން ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވެއެވެ. މިވެނި މީހަކަށް ލަޢްނަތް ލައްވަވަން އެދި ދަންނަވަން ތިބާއަކީ ކާކު ހެއްޔެވެ؟
އަހަރެންގެ ތަޖުރިބާއަށް ބަލައި ބުނަމެވެ! މީސްތަކުންނަށް ނުބައި ބަސްތައް ބުނެ ލަޢްނަތް ލެއްވެވުމަށް އެދޭ މީހުން ދުނިޔޭގައި އުޅެމުންދަނީ ހިތާމައިގައެވެ. ހިތާމައާއި ހިތްދަތިކަމުގައެވެ. އެމީހުންނަށް އެކަން ޤަބޫލުނުކުރެވުނު ނަމަވެސް އެކަން އެގޮތަށް މެދުވެރިވަނީ އެމީހުންގެ ދުލުން ބުނާ ނުބައި ބަސްތަކުގެ ސަބަބުންކަމަށްވުން ގާތެވެ!
އެހެނީ މީސްތަކުންނަށް ނުބައިބަސްބުނާ މީހުން ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގެނެއް ނުވެއެވެ.
--މުފްތީ މެންކުގެ ދަރުސަކުން