ޢާއިޝަތުގެފާނުގެ ސީރަތު 34: ޢުމަރުގެފާނު ޝަހީދުކޮށްލުން، އެކަލޭގެފާނު ފަސްދާނުވެޑުވުނީ ޢާއިޝަތުގެފާނުގެ ކޮޓަރިކޮޅުގައި-

ކިޔުމަށް ހޭދަވާނީ 3މ 39ސ
ޢާއިޝަތުގެފާނުގެ ސީރަތު 34: ޢުމަރުގެފާނު ޝަހީދުކޮށްލުން، އެކަލޭގެފާނު ފަސްދާނުވެޑުވުނީ ޢާއިޝަތުގެފާނުގެ ކޮޓަރިކޮޅުގައި-

ޢަލީ އިޙްޞާން ފިރާޤް

 

ޢުމަރުގެފާނު ޝަހީދުކޮށްލުން: 

ހިޖުރައިން 23 ވަނަ އަހަރުގެ ތެރޭގައި އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހު ފަތިސް ނަމާދުފުޅަށް ހުންނަވަނިކޮށް އެކަލޭގެފާނުގެ ހަށިކޮޅަށް އަބޫ ލުއުލުއު އޭ ކިޔުނު މަޖޫސީއަކު ޚަންޖަރެއް ހަރައި ވަރަށް ބޮޑަށް ޒަޚަމްކޮށްލިއެވެ. އެކަލޭގެފާނު ގެކޮޅަށް ގެންދަވައި، ކިރުފޮދެއް ހިއްޕެވުމަށް އެރުވުމުން އެތަކެތިވެސް އެ ޒަޚަމުގެ ތެރެއިން ލައިފައި ބޭރަށް ފޭބިއެވެ. އެކަލޭގެފާނު ގަދަވެވަޑައި ނުގަންނަވާނެކަން އެނގިވަޑައިގެންނެވުމުން ދަރިކަލުން ޢަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ ޢަންހަށް ވިދާޅުވިއެވެ. 

[ދަރިފުޅު އުއްމުލް މުއުމިނީން ޢާއިޝާގެ އަރިހަށް ގޮސް ދަންނަވާށެވެ. ޢުމަރު ކަމަނާއަށް ސަލާމް ދެންނެވިއެވެ. އަމީރުލް މުއުމިނީން އޭ ނުދަންނަވާށެވެ. އެހެނީ މިއަދަށްފަހު އަހަރެންނަކީ މުއުމިނުންތަކުންގެ އަމީރެއް ނޫނެވެ. އެއަށްފަހު ދަންނަވާށެވެ. ޢުމަރު ބުނުލް ޚައްޠާބު އެދިވަޑައިގަންނަވަނީ އެކަލޭގެފާނުގެ ދެ އެކުވެރިންނާއެކު ކަމަނާގެ ކޮޓަރިކޮޅުގައި ފަސްދާނުވެޑުވުމަށެވެ.] 

ޢަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ ޢަންހު، އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާގެ އަރިހަށް ވަޑައިގެން އެކަމަނާއަށް ސަލާމް ވިދާޅުވެ އެތެރެއަށް ވަދެވަޑައިގެންނެވުމުގެ ހުއްދައަކަށް އެދިލެއްވިއެވެ. އޭރު އެކަމަނާ އިންނެވީ ކީރިތި ކުރައްވާށެވެ. އެކަލޭގެފާނު ވަޑައިގެން ވިދާޅުވިއެވެ. 

[ޢުމަރު ބުނުލް ޚައްޠާބު ކަމަނާއަށް ސަލާމް ދެންނެވިއެވެ. އެކަލޭގެފާނު އެދިވަޑައިގަންނަވަނީ އެކަލޭގެފާނު އަވަހާރަވުމުން އެކަލޭގެފާނުގެ ދެ އެކުވެރިންނާއެކު ފަސްދާނުލުމަށެވެ. އެކަމުގެ އިޒުނަ ދެއްވާތޯ އައީމެވެ.] 

އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. [އެތަންކޮޅަކީ ތިމަންކަމަނާގެ އަމިއްލަށް ނަފުސަށްޓަކައި އިންތިޚާބު ކޮށްފައިވާ ތަންކޮޅެކެވެ. ނަމަވެސް މިއަދު އެތަންކޮޅު އެކަލޭގެފާނަށް ދެއްވައިފީމެވެ.] 

ޢަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ ޢަންހު އެނބުރި ވަޑައިގެންނެވުމުން އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ވިދާޅުވިއެވެ. [ޚަބަރަކީ ކޮބައި ހެއްޔެވެ؟] އިބްނު ޢުމަރު ޖަވާބު އެރުވިއެވެ. [ކަންވީ ކަލޭގެފާނު ބޭނުންފުޅުވެވަޑައިގެންނެވި ގޮތަށެވެ. ކަލޭގެފާނު އެ ކޮޓަރިކޮޅުގައި ފަސްދާނު ވެޑުވުމަށް އެކަމަނާ ހުއްދަ ދެއްވައިފިއެވެ.] ޢުމަރުގެފާނު ވިދާޅުވިއެވެ. [ޙަމްދު ހުރީ މާތްﷲ ޞުބްޙާނަހޫ ވަތަޢާލާއަށެވެ. އެކަންތަކަށް ވުރެ ބޮޑަށް ތިމަންކަލޭގެފާނު ކަންބޮޑުވި އެއްވެސް ކަމެއްނެތެވެ. ތިމަންކަލޭގެފާނު ނިޔާވުމުން އެ ކޮޓަރިކޮޅުގައި ކައިރިއަށް ގެންދިޔުމަށްފަހު އަދި އެއްފަހަރު އެކަމަނާގެ އަރިހުން އިޒުނަ އެދިވަޑައިގަންނަވާށެވެ. އެކަމަނާ އިޒުނަ ދެއްވައިފިނަމަ އެތަނުގައި ވަޅުލާށެވެ. އިޒުނަ ނުދެއްވައިފިނަމަ، މުސްލިމުން ވަޅުލާ ޤަބުރުސްތާނަށް ގެންގޮސް ވަޅުލާށެވެ.] 

ދެން އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހު ޝަހީދުވުމުން އެކަލޭގެފާނު ހަށިކޮޅު ފަސްދާނު ލެއްވުމަށްޓަކައި އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކޮޓަރިކޮޅުގެ ކައިރިއަށް ގެންދެވުނެވެ. އެއަށްފަހު ދެވަނަ ފަހަރަށް އެކަމަނާގެ އަރިހުން ހުއްދަ އެދެވުނެވެ. އެކަމަނާ ވިދާޅުވިއެވެ. [އެކަލޭގެފާނުގެ ހަށިކޮޅު އެތެރެއަށް ވައްދަވައި ފަސްދާނު ވަޑުވާށެވެ.] އެއަށްފަހު އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހު އެކަލޭގެފާނުގެ ދެ އެކުވެރިންނާއެކު ފަސްދާނުވެޑުވުނެވެ.

{ޑރ. ޢަލީ މުޙައްމަދު އައްޞައްލާބީ، ބަޔޮގްރަފީ އޮފް ޢުމަރު ބުނުލް ޚައްޠާބު، ޞަފްޙާ 382-383} 

އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވެފައިވެއެވެ. [މާތް ރަސޫލާ އާއި އަބޫބަކުރުގެފާނު ފަސްދާނުވެޑުވިފައިވާ ތަނަށް އަހަރެން އެއްވެސް ފަރުދާއަކާ ނުލައި ވަދެ އުޅެމެވެ. ނަމަވެސް ޢުމަރުގެފާނު އެތަނުގައި ފަސްދާނުވެޑުވުމުން އަހަރެން އެތަނަށް ވަންނަނީ ރަނގަޅަށް ނިވާކޮށްގެންނެވެ. އެއީ ޢުމަރުގެފާނު ދެކެ ގަންނަ ލަދެއްގެ ބޮޑުކަމުންނެވެ.] 

އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ވަރަށް ގިނައިން އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހަށް ތާރީފު ކުރައްވައި ހައްދަވައެވެ. އެއްފަހަރު އެކަމަނާ ވިދާޅުވެފައިވެއެވެ. 

[ޢުމަރުގެފާނު ދެކެފި ކޮންމެ މީހަކަށްވެސް އެކަލޭގެފާނު ހައްދަވައިފައިވަނީ އިސްލާމްދީނަށް ނަޞްރުދިނުމަށްޓަކައިކަން އެނގޭނެއެވެ. މާތްﷲ ގަންދީ ބުނަމެވެ. އެކަލޭގެފާނަކީ ބުއްދިވެރި، ޙިކުމަތްތެރި، ތަފާތު ޝަޚްޞިއްޔަތެކެވެ.] 

އެހެން ފަހަރަކު އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވެފައިވެއެވެ. [މަޖިލިސެއްގައި ޢުމަރުގެފާނުގެ ނަންފުޅު ގަނެވިއްޖެނަމަ، އެ މަޖިލިސަކަށް އުފާވެރިކަން ގެނެސްދެއެވެ.]

{ޑރ. ޢަލީ މުޙައްމަދު އައްޞައްލާބީ، ބަޔޮގްރަފީ އޮފް ޢުމަރު ބުނުލް ޚައްޠާބު، ޞަފްޙާ 412-413}

މިއަދު އޮންލައިން