ﷲ ތަޢާލާ އާ ޗެލެންޖްކުރާ މީހުން ވަރަށް ގިނަ! ތިބާއަކީ ﷲ ތަޢާލާ އާއި ޗެލެންޖްކުރާ މީހަކަށް ވެވޭގޮތް އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 15ސ
ﷲ ތަޢާލާ އާ ޗެލެންޖްކުރާ މީހުން ވަރަށް ގިނަ! ތިބާއަކީ ﷲ ތަޢާލާ އާއި ޗެލެންޖްކުރާ މީހަކަށް ވެވޭގޮތް އެނގޭތަ؟

އެއްވެސް މީހަކީ އެއްވެސް ފާފައެއް ނުކޮށް މުޅި ޢުމުރު ހޭދަކޮށްލެވޭނެ މީހެއްކަމަށް ބުނަނީއެއް ނޫނެވެ. ނަމަވެސް ވިސްނައިލަންޖެހޭ ކަންކަން އެބަހުއްއްޓެވެ. އެގޮތުން ދެކަމެއް ފާހަގަކޮށްލާނަމެވެ. 

ފުރަތަމަ ކަމަކީ ކުޑަ ފާފައެއް ކަމަށް ބަލައިގެން ފާފައެއް ކުރުމުގައި އެތައް އަހަރެއް ވަންދެން ދެމިހުންނަ މީހާގެ މައްސަލައެވެ. ނިކަން ޚިޔާލަށް ގެނެސްބަލާށެވެ. މީހަކު ކުޑަފާފައެއް ކަމަސް ދެކެގެން އެއްވެސް ބިރެއް ނެތި އެފާފައެއް ކުރުންމަތީގައި އެންމެ އަހަރު ދުވަހު ހުރެއްޖެނަމަ އެމީހަކަށް ކިތައް ފާފަ ކުރެވިފައިވާނެ ހެއްޔެވެ؟ 4.5 އަހަރު ހުރެއްޖެނަމަ ކިތައް ފަރުބަދަހައި ގިނަ ފާފަތައް ކުރެވިފައިވާނެ ހެއްޔެވެ؟ 

ދެން އެއީ ކުޑަކުޑަ ފާފައަކަށްވާނީ ކިހިނަކުން ހެއްޔެވެ؟ ކިތަންމެ ކުޑަފާފައެއްވެސް ނުކުރުމަށާއި ފާފަކުރުންމަތީގައި ނުހުރުމަށާއި ހުރެއްޖެނަމަ އެއީ ބޮޑުބޮޑު ފާފަތަކަކަށް، ފާފަތަކުގެ ބޮޑެތި ފުނިވަރުތަކަކަށް ވެގެން ހިނގައިދާނެކަމަށް ޢިލްމުވެރިން ބަޔާން ކުރައްވަވަނީ މި ސަބަބަށްޓަކައެވެ. 

އަދި އޭނާގެ ނުބައިކަން ހައްދަފަހަނައަޅައި ހިނގައިދާނެކަމަށް ބުނެވެނީވެސް އެހެންވެގެންނެވެ. މިޘާލަކަށް އޭނާއަށް ކުރެވޭ ކުޑަކުޑަ ފާފަ ކުރުން ހުއްޓައިނުލާނަމަ އޭނާއަށް އެ ޗެލެންޖް ކުރެވެނީ އެފާފަ ނުކުރަން އެންގެވި ﷲ ތަޢާލާއާއި ނޫން ހެއްޔެވެ؟ އެކަން އެއީ ކުޑަކުޑަ ފާފައަކަށްވާނީ ކިހިނަކުން ހެއްޔެވެ؟ 

ގިނަބައަކު އެއީ ކުޑަފާފައެއްކަމަށް ބަލައި ބިރުވެތިނުވާ އެއްފާފައަކީ ބެލުންތައް ތިރިނުކުރުމެވ. ބައެއް މީހުން ބެލުންތައް ތިރިނުކޮށް މުޅި ޢުމުރު އެބަ ހޭދަކޮށްލައެވެ. އެގޮތުގައި ޢުމުރު ނިމިގެންދާއިރު އޭނާއަށް ކުރެވިފައި ހުންނާނެ ފާފަތަކުގެ ޢަދަދާއިމެދު ނިކަން ވިސްނައިލަބަލާށެވެ! 

ހަމަ އެފަދައިން އަޢުރަ ނިވާނުކޮށް ޢުމުރު ހޭދަކޮށްލާ އަނހެނުންނަށް ކުރެވިފައި ހުންނާނެ ފާފަތަކުގެ ޢަދަދާއިމެދުވެސް ނިކަން ވިސްނައިލަބަލާށެވެ! މީސްތަކުންނޭވެ! ތިއަ ހީކުރާ ގޮތަކަށް ނުނިމޭނެއެވެ. އެއީ ކުޑަކުޑަ ފާފައެއް ނޫނެވެ. 

ދެން ވިސްނައިލަންވީ ނަމާދުކުރަން ދެކޮޅުހަދައި ނަމާދުނުކުރާ މީހުންނަށެވެ. ޒިނޭކުރުމާއި ފާޙިޝް ޢަމަލުތައްކުރާ މީހުންނަށެވެ. އެމީހުންނަކީވެސް ހމަ ﷲ ތަޢާލާއާއި ޗެލެންޖްކުރާ ބައަކަށް ނުވާނީ ކީއްވެގެންހެއްޔެވެ؟ 

މުސްލިމުންގެ ގޮތަކަށްވާންޖެހޭނީ ކިތަންމެ ކުޑަނަމަވެސް އަދި ބޮޑުނަމަވެސް ފާފައެއް ކުރެވިއްޖެނަމަ ތައުބާވުމަށް އަވަސްވެގަތުމެވެ. ކުރެވުނު ފާފަ އާއިމެދު ދެރަވެ ހިތާމަކުރާ މީހަކު ކަމުގައިވުމެވެ. މިސްލިމުންގެ ކިބައިގައި ހުންނަންޖެހޭނީ އެސިފަކަމަށް ﷲ ތަޢާލާ ވަނީ ވަޙިކުރައްވަވައިފައެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިކަންކަމަށް މިބުނި މަގުން ސަމާލުކަން ނުދޭނަމަ އެމީހަކީ ޝައިޠޯނާގެ ފަޅީގައި ހުރި މީހެކެވެ. އެމީހަކަށް އެދެވެނީ ނަރަކައާއި ދިމާއަށެވެ. ވީމާ ކިތަންމެ ކުޑަ ނަމަވެސް ފާފައެއް ކުރުންމަތީގައި ދެމިނުހުންނާށެވެ! ﷲ ތަޢާލާ އާއި ޗެލެންޖްކުރާ މީހަކަށް ވެވިއްޖެނަމަ އެމީހަކަށް ޤިޔާމަތް ދުވަހު ކަންކަން މެދުވެދާނެ ގޮތަކާއިމެދު ވިސްނައި ބިރުވެތިވާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން