ލޫޠުގެފާނު ފޮނުއްވުނީ ސަދޫމް އޭ ކިޔުނު ސަހަރުގެ މީހުންގެ ގާތަށެވެ. އެމީހުންނަކީ އެއްޖިންސުންގުޅުން ހިންގުމާއި އެނޫންވެސް އެތައް ފާޙިޝް ޢަމަލުތަކާއި ފާފަތައްކުރުމުގައި ހައްދުފަހަނައަޅާ ގޮސްފައިވާ ބައެކެވެ. މިމީހުންގެ ވާހަކަ ކީރިތި ޤުރުޢާނުގައިވެސް އެތައްފަހަރަކު އައިސްފައިވެއެވެ. އެއީ އެކަމުން އަހަރެމެން ޢިބުރަތް ލިބިގަތުމަށެވެ.
އެއްމެ ފުރަތަމަ އެއްޖިންސުން ގުޅުން ހިންގަންފެށީވެސް ސަދޫމްގެ މީހުންކަމުގައި ބެލެވެއެވެ. އޭގެ އެއް ހެއްކަކީ، އިނގިރޭސި ބަހުން އެއްޖިންސުންގުޅުން ހިންގުމަށް ކިޔާ ބަހެއްކަމުގައިވާ "ސޮޑޮމީ" ގެ އުފެދިގެން އައިސްފައިވަނީ ސަދޫމްގެ ނަމުންނެވެ.
ލޫޠުގެފާނުގެ ޤައުމުގެ މީހުންގެ ވާހަކައިން ލިބޭ ބައެއް ޢިބުރަތްތައް:
· މާތްﷲ ޞުބްޙާނަހޫ ވަޠަޢާލާ އަށާއި ޤިޔާމަތްދުވަހަށް ބިރުވެތިވުމުގެ މުހިއްމުކަން
· ހިކުމަތްތެރިކަމާއި، ބުއްދިވެރިކަމާއި، އަދި އިޚްތިރާމާއިއެކު ދީނަށް ގޮވާލުމުގެ މަސައްކަތްކުރުން
· މުނާފިޤުންނާމެދު ސަމާލުވުމުގެ މުހިއްމުކަން
· މާތްﷲ ނަހީކުރައްވާފައިވާ ޢަމަލުތަކުގެ ނުބައިކަން ދެނެގަނެ، ޤަބޫލުކުރުމުގެ މުހިއްމުކަން
· ކިތަންމެ ގިނަބަޔަކު ކުރިކަމުގައިވިޔަސް ފާފައެއް ވާނީ ފާފައަކަށްކަން
· އެއްޖިންސުންގުޅުން ހިންގުމަކީ އެކަލާނގެ ނަހީކުރައްވާފައިވާކަމެއްކަން
"ލޫޠުގެފާނު، އެކަލޭގެފާނުގެ ޤައުމުގެމީހުންނަށް ވިދާޅުވިހިނދު ހަނދުމަކުރާށެވެ! ތިޔަބައިމީހުން ދެކެދެނެތިބި ޙާލު ފާޙިޝް ޢަމަލުތައްކުރަނީހެއްޔެވެ؟ ހަމަކަށަވަރުން، ތިޔަބައިމީހުން ޝަހުވާނީ އެދުން ފުއްދުމަށްޓަކައި އަންހެނުން ފިޔަވައި ފިރިހެނުންނާ ގާތްވަނީހެއްޔެވެ؟ އަދި ކިއެއްތަ! ތިޔަބައިމީހުންނަކީ ތަންދޮރުނޭނގޭ ޖާހިލު ބަޔަކީމުއެވެ. ފަހެ، ކަލޭގެފާނުގެ ޤައުމުގެ މީހުންގެ ޖަވާބުކަމުގައި އެއުރެންގެ މިބުނުންނޫނީނުވެއެވެ. 'ތިޔަބައިމީހުން ލޫޠުގެފާނާއި އެކަލޭގެފާނަށް ޠަބަޢަވެގެންތިބި މީހުން ތިޔަބައިމީހުންގެ ރަށުން ބޭރުކޮށްލާށެވެ! ހަމަކަށަވަރުން އެއުރެންނީ ޠާހިރުވެ ތިބޭ ބަޔެކެވެ.' ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނާއި އެކަލޭގެފާނުގެ އަހުލުވެރިން ސަލާމަތްކުރެއްވީމެވެ. އެކަލޭގެފާނުގެ އަނބިކަނބަލުން މެނުވީއެވެ. ޢަޛާބުގައި ތިބޭމީހުންގެ ތެރެއިން އެކަނބުލޭގެ ހިމެނުއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ހިލައިގެ ވާރެއެއް ވެއްސެވީމެވެ. ފަހެ، އިންޒާރުވެވުނު މީހުންގެ މައްޗަށް ވެހުނު ވާރޭގެ ނުބައިކަމާއެވެ!" (سورة النّمل: 54-58)
https://www.theislamicquotes.com/lessons-from-the-story-of-prophet-lut/