ސުވަރުގެ ޙާޞިލްކުރަން ވަރަށް ފަސޭހަކަމާއެކު ކުރެވިދާނެ 6 ކަމެއް-!- ޙަދީޘްފުޅުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 3ސ
ސުވަރުގެ ޙާޞިލްކުރަން ވަރަށް ފަސޭހަކަމާއެކު ކުރެވިދާނެ 6 ކަމެއް-!- ޙަދީޘްފުޅުން-

އަހުރެމެން ކޮންމެ މުސްލިމަކުވެސް އެންމެ ބޮޑަށް އެދިގެން މަސައްކަތް މިކުރަނީ ސުވަރުގެ ލިބުމަށެވެ. ސުވަރުގެ ހޯދަން މަސައްކަތްކުރާ މީހާއަށް ކުރެވިދާނެ ކަންކަން ވަރަށް ގިނައެވެ. އެހެންކަމާއިއެކުވެސް މިބަޔާން ކުރަނީ ކޮންމެ މީހަކަށްވެސް ސުވަރުގެ ހޯދަން ނުހަނު ފަސޭހައިން ކުރެވިދާނެ 4 ކަމެކެވެ. ތިރުމިޛީގައިވާ ޙަދީޘްފުޅަކުންނެވެ. 

1 މީސްތަކުންގެ ތެރޭގައި ސަލާމްކުރުން ފަތުރާށެވެ! 2 ހައިހޫނުކަމުގައި ތިބޭ މީހުންނަށް ކާންދޭށެވެ. 3 ރަޙިމުގެ ގުޅުން ދަމަހައްޓާށެވެ! 4 ރޭ އަޅުކަންކުރާ މީހަކަށްވާށެވެ! 

ސަލާމްކުރުން ފެތުރުމަކީ ބައްދަލުވާ ކޮންމެ މީހަކާއި ސަލާމްކުރުމެވެ. އެނާއަކީ ތިމާގެ ރައްޓެސެއްކަން ނުވަތަ ދަންނަ މީހެއްކަން ބެލުމެއް ނެތި އެންމެންނާއި ސަލާމްކުރުމެވެ. 

ހައިހޫނުކަމުގައިވާ މީހުންނަށް ކާންދޭށެވެ! އަދި ހައިހޫނުކަމުގައި ނުވިނަމަވެސް ޢާއިލާގެ މީހުންނަށާއި ރައްޓެހިންނަށް ކާންދޭށެވެ! ގޭގައި ކައްކާތަނުން އެއްވެސް މިންވަރެއް ބާކީކޮށް އުކައިނުލާށެވެ! ބަންދުކޮށްލައިގެން ގެންގޮސް ބޭނުން ޖެހިފައިވާ މީހަކަށް ކާންދޭށެވެ. އަދި ކީއްހެއްޔެވެ؟ އިތުރުވާވަރަށް ނެތްނަމަ މަދުން ކައިފައިވެސް ފަޤީރުންނަށް ބައެއް ބަހާށެވެ! 

އަދި ކީއްހެއްޔެވެ؟ ކާންދޭނެ ފަޤީރަކު ހޯދުމަކީވެސް އަޅުކަމެކެވެ. ވީމާ ކާނެ އެތިކޮޅެއް ދިއްކޮށްލުމަކީ ވެސް އަޅުކަމަކަށްވާ ފަދައިން ކާނެ އެތިކޮޅެއް ދިއްކޮށްލާނެ މީހަކު ހޯދަން މަސައްކަތްކުރަންވެސް ފަސްނުޖެހޭށެވެ! 

ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ އަނެކާ ތިމާ އާއިމެދު ކަންތައްތައް ކުރާ ގޮތަށް ބަލަހައްޓައިގެން ގުޅުން ބޭއްވުމެއް ނޫނެވެ. އަނެކާ ތިމާ އާއިމެދު ކޮންމެ ގޮތަކަށް އަމަލުކުރިނަމަވެސް ޢާއިލީ ގުޅުން ދެމެހެއްޓުމެވެ. ﷲ ތަޢާލާގެ އަމުރުފުލަށް ތިމާ ކިޔަމަންތެރިވުމުން ތިމާއަށް ރަހްމަތް ލައްވަވާނެތެވެ! އިން ޝާ ﷲ 

ރޭއަޅުކަން ކުރަންވީ ބޮޑުކަމެއް ކުރިމަތިވުމަކުން ނޫނެވެ! ރޭއަޅުކަންކުރަންވީ ﷲ ތަޢާލާއަށް ލޯބިންނެވެ. ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން އެދިގެންނެވެ. ވީމާ ނިދީން ހޭލައި ދަމުނަމާދުކޮށް ދުޢާކުރަންވީ ކަންތައްތަކަކަށް ދަތިވުމަކުން ނޫނެވެ. 

ސުވަރުގެ ލިބިގަނެވެން އޮތް އިތުރުދެކަމެއްވެސް އެހެން ޙަދީޘްފުޅަކުން ބުނެލާނަމެވެ. އެއްކަމަކީ ބަލިހާލުގައިވާ މީހުންނަށް ޒިޔާރަތްކުރުމެވެ. ވީމާ ބަލިޙާލުގައިވާ މީހުންނަށް ޒިޔާރަތްކޮށް އެމީހުންނަށްޓަކައި އެންމެ ކުޑަމިނުން ހެޔޮ ދުޢާކުރާށެވެ! ދެވަނަ ކަމަކީ ޖަނާޒާގައި ބައިވެރިވުމެވެ. 

މިހިރީ ސުވަރުގެ ލިބިގަންނަން ނުހަނު ފަސޭހައިން ކުރެވެންހުރި ކަންކަމެވެ. މިބަޔާންކުރި ކަންކަން ކުރުމުގައި ސާބިތުވެއްޖެނަމަ އެމީހަކަށް ސުވަރުގެ ދެއްވަވާނެކަން އެތައް ޙަދީޘްފުޅުތަކަކުން އެނގެން އެބައޮތެވެ. 

- މުފްތީ މެންކުގެ ދަރުސަކުން   

މިއަދު އޮންލައިން