ބިރުވެތިވެ ރައްކާތެރިވޭ! ﷲ އެންމެ ފަހުން ބާވައިލެއްވެވި އާޔަތް- ވަރުގަދަ އިންޒާރެއް! ނަޞޭޙަތެއް! އިލްތިމާސެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 6ސ
ބިރުވެތިވެ ރައްކާތެރިވޭ! ﷲ އެންމެ ފަހުން ބާވައިލެއްވެވި އާޔަތް- ވަރުގަދަ އިންޒާރެއް! ނަޞޭޙަތެއް! އިލްތިމާސެއް!

އެންމެ ފަހުގެ ރަސޫލަކީ އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު އެވެ. އެންމެފަހުން ބާވައިލެއްވެވި ފޮތަކީ ކީރިތި ޤުރްއާނެވެ. ޤުރްއާނުން އެންމެ ފަހުން ބާވައިލެއްވެވި ޢާޔަތާއިމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފް އެބައޮތެވެ. އެހެނަސް އެންމެ ގިނަ ޢިލްމުވެރިން އެއްބަސްވެވަޑައިގަންނަވާ ގޮތުގައި އެންމެ ފަހުން ބާވައިލެއްވެވި އާޔަތަކީ އަލް ބަޤަރާ ސޫރަތުގެ 281 ވަނަ އާޔަތެވެ.  

"އެދުވަހެއްގައި، ﷲ ގެ ޙަޟްރަތަށް ތިޔަބައިމީހުން ރުޖޫޢަ ކުރައްވާނޭ ދުވަހަކަށް، ތިޔަބައިމީހުން ރައްކާތެރިވެ ބިރުވެތިވާށެވެ! ދެން، ކޮންމެ ނަފްސަކަށްމެ، އެ ނަފްސެއް ހޯދި ކަމެއްގެ ޖަޒާ (އެދުވަހުން) ލިބޭނެތެވެ. އަދި، އެއުރެންނަށް ބޭއިންސާފެއް ނުކުރައްވާ ހުށްޓެވެ."

(އަލް ބަޤަރާ: 281) 

މިއާޔަތާއިމެދު ތަންކޮޅެއް ފުންކޮށް ވިސްނައިލަބަލާށެވެ! "އެދުވަހެއްގައި، ﷲ ގެ ޙަޟްރަތަށް ތިޔަބައިމީހުން ރުޖޫޢަ ކުރައްވާނޭ ދުވަހަކަށް، ތިޔަބައިމީހުން ރައްކާތެރިވެ ބިރުވެތިވާށެވެ!" މިބަސްފުޅާއިމެދު ވިސްނައިފިނަމަ މިއީ ވަރަށް ވަރުގަދަ އިންޒާރެކެވެ. ނަޞީޙަތެކެވެ. އިލްތިމާސެކެވެ.

މިއާޔަތާއިމެދު ނިކަން މިގޮތަށް، މިބާވަތުގެ ވިސްނުމަކުން ވިސްނައިލަބަލާށެވެ! "ތިމަން ﷲ އަށް ބިރުވެތިނުވެ ހިތަށް އެރިހައި ގޮތަކަށް ދުނިޔޭގައި އުޅޭ މީހުން ދަންނާށެވެ! ޤިޔާމަތް ދުވަހުން ހުރިހާ އެންމެން މަޙްޝަރުމައިދާނަށް އެއްކުރައްވަވާހުށީމެވެ. އެދުވަހަށް (އެކަމަށް) ބިރުވެތިވާށެވެ! ހިތަށް އެރިހައި ގޮތަކަށް އުޅުނު މީހުންނަށް ގަދަފަދަ ، ވޭންދެނިވި ޢަޛާބް ދެއްވަވާހުށީމެވެ." 

އެފަދަ ގޮތަކަށް ވިސްނަންޖެހޭ ސަބަބުވެސް ހަމަ އެއާޔަތުގައި އެބަ އޮތެވެ. " ދެން، ކޮންމެ ނަފްސަކަށްމެ، އެ ނަފްސެއް ހޯދި ކަމެއްގެ ޖަޒާ (އެދުވަހުން) ލިބޭނެތެވެ. އަދި، އެއުރެންނަށް ބޭއިންސާފެއް ނުކުރައްވާ ހުށްޓެވެ." 

މި ބަސްފުޅާއިމެދު ނިކަން މިމޭރުމުން ވިސްނައިލަބަލާށެވެ! "އެމީހަކު ދުނިޔޭގައި ހުރެ ކުރި ކޮންމެ ކަމަކަށް، އެކަމަކަށް ޙައްޤުވެގެންވާ ޖަޒާ ދެއްވަވާހުށީމެވެ. އެކަމުގައި އެއްވެސް މީހަކަށް ބޭއިންބާފެއް ނުކުރައްވަވާހުށީމެވެ. ކުރި ހެޔޮ ޢަމަކުތަކަށްވެސް ނުބައި ޢަމަލުތަކަށްވެސް ޙައްޤު ޖަޒާ އެމީހަކަށް ދެއްވަވާހުށީމެވެ." 

އާޔަތުގެ މާނައަށްފަހު ދެން މި ބަޔާންކުރީ އަހުރެންގެ އަމިއްލަވިސްނުމުންނެވެ. ކީރިތި ޤުރްއާން ބާވައިލެއްވެވުނީ ހަމައެކަނި ކިޔައިލާކަށް ނޫނެވެ. ކިޔައި ވިސްނައި ފިކުރުކުރުމަށެވެ. ވިސްނައި ފިކުރުކޮށްފި މީހަކަށް އެކަމުގެ ފައިދާކުރާނެއެވެ. އިން ޝާ ﷲ 

- ޝައިޚް ވައްހާޖް ތަރިންގެ ދަރުސަކުން 

ގުޅުންހުރި ލިޔުމެއް: 

https://islamqa.info/en/answers/209069/the-last-verse-of-the-quran-to-be-revealed

 

 

 

 

މިއަދު އޮންލައިން